ކުޅިވަރާއި ދުޅަހެޔޮކަން ކުރިއެރުވުމަށް އަހަންމިއްޔަތުކަން ދެއްވައި، ހަރުދަނާ މަސައްކަތްތަކެއް ސަރުކާރު ކުރައްވަމުންގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ފުޓުބޯޅަ ދުވަހުގެ މުނާސަބަތުގައި، ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ، އަދި އޭގެ ޒަރީޢާއިން ދުނިޔޭގެ މީސްތަކުން އެއްބައިވަންތަ ކުރުވާ، ހުރިހާ ފަރާތްތަކަށް ތަހުނިޔާ ފޮނުއްވައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފީފާގެ މިންގަނޑަށް ފެތޭ ފުޓުބޯޅަ ދަނޑުތައް ތަރައްޤީ ކުރުމުގެ އިތުރަށް، ފުޓުބޯޅަ ކުޅުމަށް ބޭނުންވާ އުމްރާނީ ކުރިއެރުން ފުޅާކޮށް ފެންވަރު މަތިކުރުމާއެކު، ކުޅިވަރުގެ ތަރައްޤީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެތުރުމަށްޓަކައި، ކުޅިވަރާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުންފަދަ މުހިންމު ސިޔާސީ މަސައްކަތްތައްވެސް، ތަޢާރަފު ކުރެވިފައިވާ ކަމަށެވެ. އަދި، ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތްތައް ބޭއްވުމަށް ފުރުޞަތު ފަހިކޮށްދިނުމަށާއި، ކުޅިވަރުގެ ސަގާފަތް އިތުރަށް ވަރުގަދަކޮށް، ކުޅުންތެރިންނަށް ދުނިޔޭގެ މަންސަތަކުން، އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް، މަސައްކަތް ކުރެވެމުންދާ ކަމަށްވެސް، އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުޓުބޯޅައިގެ ރޫޙުގައި އެންމެން އެކަތިގަނޑަކަށް ހަދައި އަދި އަންނަން އޮތް ޖީލުތައް އެގޮތުގައި އޮތުމަށް ހިތްވަރު ދެއްވަމުންނެވެ.
ދުނިޔޭގެ ފުޓުބޯޅަ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް، މީސްމީޑިއާގައި މެސެޖެއް ޙިއްސާ ކުރެއްވިއެވެ. އެ މެސެޖުގައި އެކަމަނާ ބަޔާން ކުރައްވާފައިވަނީ، ފުޓުބޯޅައަކީ، އެކިއުމުރުފުރާގެ، އެކި ފަންތީގެ މީހުން އެއްބައިވަންތަ ކުރުވާ، ރަނގަޅު ޞިއްޙަތަކާއި، އުފާވެރި ދިރިއުޅުމަކަށް ބާރުއަޅައިދީ، އަދި ގުޅިގެން ކަންކަން ކުރުމުގެ ރޫޙް އުފައްދާ ޢާލަމީ ބަހެއްކަމަށެވެ. އަދި، އެ ކުޅިވަރުން ރީތި އަޚްލާޤާ، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމާ، އަދި ޤަވާޢިދަށް ބޯލަނބައިގެން ކުޅުމުގެ މުހިއްމުކަމުގެ އިތުރުން، ފުޓުބޯޅައަކީ އޭގެ ޒަރީއާއިން، ޒިންމާދާރު، އަދި އަޚްލާގު ރަނގަޅު ރައްޔިތުންތަކެއް އުފެއްދުމުގައި މުހިއްމު ރޯލެއް އަދާކުރާ ކުޅިވަރެއްކަމުގައި އެކަމަނާ ވިދާޅުވެފައިވެއެވެ. އެކަމަނާގެ މެސެޖް ނިންމަވާ ލައްވާފައިވަނީ، ފުޓުބޯޅަ ފަދަ ކުޅިވަރުތަކުގެ ޒަރީއާއިން ސުލްޙަ މަސަލަސްކަން ޤާއިމުކުރުމާ، މުޖުތަމަޢުތައް ހަރުދަނާކޮށް، ޒުވާނުން ބާރުވެރި ކުރުމާއެކު، އަދި އެންމެންނަށް، ދެމެހެއްޓެނިވި މުސްތަޤްބަލެއް ފަހިވެގެންދާނެ ކަމުގެ އުއްމީދު އާކުރައްވަމުންނެވެ.
ކުޅިވަރާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ