ފަތުރުވެރިން އެއާޕޯޓަށް ފުރުވުމުގެ ކުރިން އެއަރލައިންތަކުގެ ޝެޑިއުލަށް އައި ބަދަލުތައް ކަށަވަރުކުރުމަށް އެދިއްޖެ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅިގެން އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެދުއިރުމަތީގެ މަޝްރަހު ގޯސްވެ، އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްވަމުންދާ ކަމަށެވެ.
މި ހާލަތުގެ ސަބަބުން ދަތުރުވެރިންނަށް ކުރިމަތިވަމުންދާ ދަތިތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ފަތުރުވެރިން އެއާޕޯޓަށް ފުރުވުމުގެ ކުރިން، އެއަރލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ރަނގަޅަށް ކަށަވަރުކުރުމަށް ހުރިހާ ފަތުރުވެރިކަމުގެ ޚިދުމަތްދޭ މަރުކަޒުތަކަށާއި ރިސޯޓުތަކަށް އިލްތިމާސްކޮށްފައެވެ. 
މީގެ އިތުރުން، ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ރާއްޖޭގައި މަޑުކުރަންޖެހިފައިވާ ފަރާތްތަކުން، އެއަރލައިންތަކާއި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މެދުއިރުމަތީގެ މަޝްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެ ސަރަހައްދަށް ދަތުރުލުރާ ފްލައިޓްތަކެއް ކެންސަލްވެ ގިނަ ފަތުރުވެރީންތަކެއް ނުފުރި ވީއައިއޭގައި ރޭވެސް މަޑުކުރަންޖެހުނެވެ. 
އެގޮތުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ރޭ ވިދާޅުވި ގޮތުގައި 1400 އެއްހާ ފަތުރުވެރީންނަށް ފުރޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ބައެއް ފަތުރުވެރީން އަލުން ރިސޯޓްތަކަށް ވަނީ ގެންގޮސްފަ އެވެ. އެއާޕޯޓްގައި ތިބި ފަތުރުވެރީންނަށް ފުރޭނެ ގޮތްތަކެއް ވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ