މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މަޙްޒޫމްގެ ކެމްޕެއިން ހަރަކާތެއް ވިލިމާލޭގައި ކުރިއަށްގެންގޮސްފި

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްއުސްތާޛު ޢަބްދުالله މަޙްޒޫމް މާޖިދުގެ ފަރާތުން ވިލިމާލޭގައި ކެމްޕެއިން ހަރަކާތެއް އިއްޔެ ބާއްވައިފިއެވެ. 'އެކްސް'ގައި މަޙްޒޫމް ލިޔުއްވާފައިވަނީ، އިއްޔެ ބޭއްވި ކެމްޕެއިން ހަރަކާތުގެ ދަށުން، ވިލިމާލޭގައި ދިރިއުޅޭ އާންމުންގެ ގިނަ ބަޔަކާ ބައްދަލުކުރެވި، މާލެއަށް އޭނާ ގެންގުޅޭ ތަސައްވުރާއި ހައްލުތައް ހިއްސާކޮށްފައިވާ ކަމަށެވެ. މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ޒުވާން، ނަޒާހާތްތެރި ލީޑާޝިޕެއް ގިނަ ރައްޔިތުން ބޭނުންވާ ކަމަށް، މަޙްޒޫމް ލިޔުއްވާފައިވެއެވެ. https://x.com/MahzoomMajidh/status/2027785371963318303 މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން މަޙްޒޫމް ހާމަކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅެވެ. މޭޔަރުކަމަށް ކުރިމަތިލެއްވިކަން ހާމަކުރައްވައި މަޙްޒޫމް މީގެ ކުރިން ވިދާޅުވީ، މާލޭގައި މިއަދު ފެންނަ އެންމެ ބޮޑު އެއް މައްސަލައަކީ ވަސީލަތްތައް މަދުވުން ނޫން ކަމަށެވެ. ނަމަވެސް ކޮރަޕްޝަންގެ ސަބަބުން ސިޓީގެ މެނޭޖުމަންޓު ބަލިކަށިވުމުގެ މައްސަލަ ކަމަށެވެ. އެގޮތުން ރައްޔިތުން ތަމްސީލުކުރުމުގެ ނިޒާމެއްގެ ގޮތުގައި އޮތް ރިޔާސީ ނިޒާމު ވޯޓު ގަނެ ވިއްކާ ބާޒާރަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ސިފަކުރެއްވިއެވެ. މަޙްޒޫމް ވިދާޅުވީ މިއަދު ހުރިހާ ކަމެއް ވެސް ހިނގަނީ ކޮރަޕްޝަން އެކުލެވިގެން ކަމަށެވެ. އެގޮތުން މިއަދު ކަންކަން ހިންގުމަށް ހަވާލުކުރަނީ ސިޔާސީ ގޮތުން އަރިސް، ގުޅުން ހުރި ފަރާތްތަކާކަން އޭނާ ފާހަގަކުރެއްވިއެވެ. މަޙްޒޫމް ވިދާޅުވީ، އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ބަދުނާމު އެޅުވުމާއި، ކޮރަޕްޝަންގެ ސަބަބުން މާލެއަކީ އުޅެން އުނދަގޫ ސިޓީއަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ މޭޔަރު ކަމަށް ވާދަކުރައްވަނީ އެކަންކަން ބަދަލުކޮށް، ވިޔަފާރިއާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުމުގެ މަގުސަދުގައިކަމަށް ވިދާޅުވެ، އެ ހުނަރު ރައްޔިތުންގެ އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ