އީރާނުން ފުރަތަމަ ފަހަރަށް ސެޖިލް މިސައިލު ބޭނުން ކުރަން ފަށައިފި

ގަލްފުގައި ހުންނަ އިޒްރޭލާއި އެމެރިކާއާ ގުޅުން ހުންނަ ތަންތަނަށް އަމާޒުކޮށް އީރާނުން އެ ގައުމުގެ އެންމެ ޒަމާނީ ބެލެސްޓިކް މިސައިލް، ސެޖިލް ރޭ ބޭނުން ކުރަން ފަށައިފި އެވެ.
މިއީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާ އިން އީރާނަށް ހަމަލާދިނުމާ ގުޅިގެން ހަނގުރާމަ ފެށި ފަހުން އީރާނުން މި މިސައިލް ބޭނުންކުރި ފުރަތަމަ ފަހަރެވެ. 
ސެޖިލް މިސައިލަށް އާޝޫރާގެ ނަމުން ވެސް ކިޔަ އެވެ. އަދި އެ މިސައިލަކީ ދެ މަރުހަލާގެ ބެލެސްޓިކް މިސައިލެކެވެ.
މި މިސައިލަކީ ބަރު އަދި ދިގު ރާސްތާގެ ދެ ސްޓޭޖްގެ މިސައިލެކެވެ. ސޮލިޑް ފިއުލް ޓެކްނޮލޮޖީގެ ސަބަބުން ލިކުއިޑް ފިއުލް ސިސްޓަމްތަކާ އަޅާބަލާއިރު މި މިސައިލްތައް އަވަހަށް އުދުއްސާލެވޭނެ އެވެ. އަދި އުދުއްސާލުމުގެ ކުރިން ދުޝްމަނުންނަށް އެ ތަކެތި ދެނެގަނެ ހަލާކު ކުރަން އުނދަގުލެވެ.
ސެޖިލް މިސައިލު އުފައްދާފައިވަނީ އީރާނުގަ އެވެ. މިއީ މެދުރާސްތާގެ ބެލެސްޓިކް މިސައިލެކެވެ. ގާތްގަނޑަކަށް 2،000 ކިލޯމީޓަރުގެ ރާސްތާއެއް ކަނޑަތު ކުރެވޭ މި މިސައިލަކީ މެދުއިރުމަތީގެ ކޮންމެ ހިސާބަކަށް ވެސް އަމާޒުކޮށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.
ސެންޓަ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މިސައިލްގެ ދިގުމިނުގައި 18 މީޓަރު އަދި ޑައިމީޓަރުގައި 1.25 މީޓަރު ހުރެ އެވެ.
މި މިސައިލުގެ ބަރުދަނުގައި ގާތްގަނޑަކަށް 23،600 ކިލޯގްރާމް ހުރެ އެވެ. އަދި 700 ކިލޯގްރާމްގެ ޕޭލޯޑް އުފުލުމުގެ ގާބިލްކަން ލިބިފައިވެ އެވެ. މި މިސައިލް އެންމެ ފުރަތަމަ ޓެސްޓްކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ.
އީރާނުން ވެސް ސެޖިލް ނިޒާމުގެ ތަފާތު ވައްތަރުތައް އުފައްދާފައިވާ ކަމަށް ބެލެވެ އެވެ. އެގޮތުން، 2009 ވަނަ އަހަރު ތެހެރާނުން ވަނީ 'ސެޖިލް-2'ގެ ނަމުން ނަންދެވިފައިވާ ވާޝަނެއް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފަ އެވެ. އަދި 'ސެޖިލް-3'ގެ ވޭރިއަންޓެއް އުފައްދަން އުޅޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ