ބާޒާރުމައްޗަށް ވަަޑައިގެން މުއިއްޒު ދެއްވީ ހުރިހާ ކަމެއް ހައްލު ކޮށްދެއްވާނެކަމުގެ ޔަގީންކަން!

ބާޒާރުމައްޗަށް ވަޑައިގެން، އެ ސަރަހައްދުގައި މަސައްކަތްކުރާ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު، މުއިއްޒު ވަނީ މާރުކޭޓުތަކަށް ވަޑައިގެން އެ ތަންތަނުން ތަކެތި ވެސް ބައްލަަވައިގެންފައެވެ. އެ ތަންތަނަށް ވަޑައިގެން އެ ތަންތަނުގައި ވިޔަފާރިކުރާ މީހުންގެ ކަންބޮޑުވުން ވަނީ އަޑުއައްސަވައިފައެވެެ. އޭނާ ވިދާޅުވީ ފެނުނީ ރައްޔިތުން ހެޔޮ ބަދަލެއް ބޭނުންވާކަން ކަމަށާއި ރައްޔިތުންގެ ޝުއޫރުތައް ވަރަށް ގާތުން އަޑުއެހިއްޖެ ކަމަށެވެ. "މަސްވެރިން ބޭނުންވޭ މަސްވެރިކަމުގެ ސިނާއަތު ކުރި އަރައިގެންދާން. މަސްވެރިންގެ މަހުގެ ޕްރޮޑަކްޓްތަކަށް ހެޔޮގޮތެއްގައި ވިއްކޭނެ ގޮތް ވެގެންދާން،" މުއިއްޒު ވިދާޅުވިއެވެ. އޭނާގެ ސަރުކާރެއްގައި އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން މުއިއްޒު ވިދާޅުވީ މަސްމާރުކޭޓް ތަރައްގީކުރުމަށް ސިޓީ ކައުންސިލްގެ ހައިސިއްޔަތުން އޮންނާނީ ނިންމައިފައި ކަމަށެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ ސަރުކާރުން އެ ކަމަށް އިސްނަގައިގެން ސިޓީ ކައުންސިލް މެދުވެރިކޮށް އެ ކަން ނިންމަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. "ވަރަށް ފުރިހަމަ ޑިޒައިނެއް އެއަށް ހެދިފައި އޮތީ. ގާތްގަނޑަކަށް ހަތަރު ބުރި. ތިރީގައި މަސްމާރުކޭޓް، ސްޓޭޓް އޮފް އާޓްސް މަސްމާރުކޭޓެއް. މަތީގައި ހުރިހާ ވައްތަރެއްގެ ތަރުކާރީއާއި ހުރިހާ އެއްޗެއް ހުންނާނެ. ތިރީގައި ޕާކިން ބޭސްމެންޓެއް އިންނާނެ،" މުއިއްޒު ވިދާޅުވިއެވެ. އެ މާރުކޭޓް ތަރައްގީކުރުމަށް ނިންމައިފައި އޮތީ މިހާރު ލޯކަލް މާރުކޭޓް ހުރި ތަނުގައެވެ. އަދި, މިހާރު މަސް މާރުކޭޓް ހުރި ތަނުގައި ޕާކިންގެ މައްސަަލަ މުޅި ސަރަހައްދުގައި ހައްލުވާފަދަ ޕާކިން އިމާރާތެއް އަޅުއްވައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާގެ ވެރިކަމެއްގައި ބާޒާރުމަތީ ސަރަހައްދަށް ބޮޑުކުރިއެރުމެއް އައިސް، އައު ޝޮޕިން އޭރިއާއަކަށް ބަދަލުވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ