ރައީސްގެ ވައުދާ އެއްގޮތަށް، ވީހާވެސް އަވަހަށް ޖޭއެސްސީ އިސްލާހުކުރަން ޖެހޭ: އަޒާން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވީހާ ވެސް އަވަހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސިޔާސީ ބޭފުޅުން ވަކިކޮށް، އެ ކޮމިޝަން އިސްލާހުކުރަން ބިލެއް ހުށަހަޅުއްވަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް މިއަދު ގޮވާލައްވައިފިއެވެ. ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަންނުކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. އެ ނަންފުޅު ތަޅުމުން ފާސްކުރަން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އެ މައްސަލައަށް ބަހުސްކުރައްވަމުން މެންބަރު އަޒާން މިއަދު ވިދާޅުވީ، ޝަހީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން އެންމެ ގާބިލު ބޭފުޅާ ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވަނީ ގައުމެއް ތަރައްގީވާން އިންސާނީ ވަސީލަތާއި ގުދުރަތީ ވަސީލަތުގެ އިތުރުން މުއައްސަސާތައް ވަރުގަދަވުން ވެސް މުހިންމުކަން ފާހަގަކުރައްވައިފައެވެ. މެންބަރު އަޒާން: އޭނާ ވަނީ ވީހާ ވެސް އަވަހަކަށް ޖޭއެސްސީ އިސްލާހުކުރަން ގޮވާލައްވާފައި -- ފޮޓޯ/ މަޖިލިސް "އެ ގައުމުގައި ހުންނަ އެކިއެކި މުއައްސަސާތަކުގެ މިނިވަންކަމާއި ވަރުގަދަ ކަމަކީ ވެސް ގައުމުތައް ތަރައްގީވުމުގައި ވަރަށް މުހިންމު ކަމެއް ކަމަށް ދިރާސާތަކުން ދައްކާ،" އަޒާން ވިދާޅުވިއެވެ. "ރަނގަޅު ފަނޑިޔާރުންލުމުގެ އިތުރަށް ނިޒާމު އިސްލާހުކުރަން ޖެހޭ،" އޭނާ ވިދާޅުވީ، އިދިކޮޅުގައި ޕީޕީއެމް/ޕީއެންސީ އޮތްއިރު އެންމެ ގަދައަށް ދެއްކި ވާހަކައަކީ ޖޭއެސްސީ އިސްލާހުކުރުމާއި އެ ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުން ކަމަށެވެ. އެއީ، މިދިޔަ އެމްޑީޕީ ވެރިކަމުގެ ވެސް ވައުދެއްކަން ފާހަގަކުރައްވައި، އެކަން ނުވުމުން އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. "ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަންނުކުރައްވާނެ ކަމަށް ވިދާޅުވެފައި. ވައުދުފުޅެއް އެއީ. އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެންގެ މި އިއްޒަތްތެރި މަޖިލީހުން ވެސް އެ ކަން އެގޮތަށް ކުރައްވާކަށް ބޭނުންފުޅެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ. އަޒާން ވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރަން ވީ އެންމެ އަވަހަކަށް މަޖިލީހަށް ބިލެއް ހުށަހަޅަން ބަންޑާރަނައިބު އަހުމަދު އުޝާމަށް ގޮވާލައްވާފައެވެ. https://sun.mv/203791 "އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރުން މި ތިއްބެވީ އެ ފަދަ ބިލެއް ހުށަހަޅުއްވައިފި ނަމަ ވަގުތުން ފާސްކުރަން ތައްޔާރަށް،" އޭޭނާ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރަން މެންބަރު އަޒާން ގޮވައިލެއްވީ އެ ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، އެ ބޭފުޅުންގެ މައްސަލަ ބަލާތީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދުވަސްވަރެއްގައެވެ. މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން އަންނަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރަން ޖޭއެސްސީން ނިންމީ ކުއްލިއަކަށެވެ. އެ ނިންމުން ނިންމިއިރު، އެ މައްސަލައިގައި ވަގުތީ އަމުރުތަކެއް ނެރުމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން ވެސް އޮތީ ކުޑަތަންވެފައެވެ. https://sun.mv/203834 ޖޭއެސްސީން ސަސްޕެންޑުކުރީ: ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު މަހާޒް އަލީ ޒާހިރު އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އެކަމަކު، އަނެއް ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ އދ އާއި ކޮމަންވެލްތަށް ވެސް މިހާރު ވަނީ ހުސްނުއްސުއޫދުގެ ފަރާތުން ހުށަހަޅުއްވާފައެވެ. އިދިކޮޅު ފަރާތްތަކުން އަންނަނީ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ސުޕްރީމް ކޯޓު ހުއްޓުވާލައި، ތަޅުއަޅުވަން ކަމަށް ތުހުމަތުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ