ދަރިކަލުންގެ މައްސަލައިގައި މަންދީގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވި ކަމަށް ތުހުމަތުކޮށް, އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ދައުވާ ކުރަން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ. ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު, މަންދީގެ މައްޗަށް ދައުވާ ކުރަން ނިންމީ, އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ. https://www.sun.mv/203709 ފަސްޓް ލޭޑީ ސާޖިދާގެ ގާނޫނީ ވަކީލް, އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަންދީ، ރައީސްގެ ދަރިކަލުން ޢުމައިރު މުޙަންމަދު މުޢިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ޢުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި ޢުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ. https://x.com/aminadhis/status/1902285589271183774 އާޒިމާ ވިދާޅުވީ, މި ވާހަކަތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުޢާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށެވެ. މީގެ އިތުރުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްގު ނިގުޅައިގެންފައިވާ ކަމަށް ވެސް ތުހުމަތު ކުރެއެވެ. ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިކަން ހާމަ ކުރުމުގެ އިތުރުން އުފުލާފައިވާ ދައުވާއާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. ރައީސްގެ އާއިލާއިން ކުރިން ނެރުނު ބަޔާނުގައި ސާޖިދާ ވިދާޅުވީ، ދަރިކަލުން އުމައިރަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ޚާއްޞަކޮށް އޭގެ ދެތިން ދުވަހެއްގެ ތެރޭގައި ހަގީގަތެއްނެތް، ދޮގު ވާހަކަތަކެއް މީޑިއާއާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދައްކައިފައިވާ ކަމަށެވެ. ސާޖިދާ ވިދާޅުވީ އެ ކަންކަން ކުރަނީ ރައީސާ ސިޔާސީ ގޮތުން ޚިޔާލު ތަފާތު އެކި ފަރާތްތަކުން ކަމަށެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން ދަރިކަލުންނަށް ނުރައްކާ ފޯރާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެ ވާހަކަތައް ދައްކަމުންދާއިރު، ރައީސާއި ސާޖިދާގެ ސިޔާސީ ނިންމުންތަކުގައި ދަރިކަލުންގެ އެއްވެސް ބައިވެރިވުމެއް ނެތްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި 16 އަހަރުގެ ދަރިކަލުންގެ އިތުރަށް އެންމެ ދޮށީ ދަރިފުޅާއި އަށް އަހަރުގެ ހަގު ދަރިފުޅަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް ވެސް މިހާރު ފަށާފައިވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެއީ ބަލައިގަންނަން އުނދަގޫކަމެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެ ދުވަހު އާޒިމާ ވިދާޅުވީ އެ މައްސަލައިގައި މަންދީއަށް ދައުވާ ކުރާއިރު، އެމްޑީޕީއަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. އެއީ އެ ވާހަކަތައް ދައްކައިފައިވަނީ އެ ޕާޓީގެ އެއްވުމެއްގައި ކަމަށްވާތީ ކަމަށެވެ. "އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ ގާނޫނީ ޒިންމާ އެ ފަރާތަަށް އޮންނާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުގެ މައްޗަށް ވެސް ދައުވާ ކުރައްވާނެ ކަމަށް އާޒިމާ އެ ދުވަހު ވިދާޅުވިއެވެ. ފައްޔާޒަށް ދައުވާކުރަނީ އޭނާ ކުރައްވާފައިވާ ޓުވީޓަކާ ގުޅިގެން ކަމަށް ވެސް އާޒިމާ ވިދާޅުވި ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އިތުރު ވީޑިއޯތަކާއި ޓުވީޓުތައް ވެސް ދިރާސާކުރަމުން އަންނަ ކަމަށާއި ދައުވާގެ ތަފުސީލު ހާމަކުރާނީ ދީރާސާތައް ކުރުމަށް ފަހު، ޝަރީއަތުގެ މަރުހަލާގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެމްޑީޕީންވަނީ، މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ