އެމްއެންޔޫގެ ފުރަތަމަ ޓާމްގެ ސްކޯލާޝިޕް 15 ދަރިވަރަކަށް
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފުރަތަމަ ޓާމްގެ ސްކޮލާޝިޕް 15 ދަރިވަރަކަށް ދީފިއެވެ. އެ ސްކޮލާޝިޕްތައް ދިނުމަށް ގައުމީ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓުރޭޝަން ބިލްޑިންގް އޮޑިޓޯރިއަމްގައިވަނީ ބާއްވައިފައެވެ. އެމްއެންޔޫއިން ބުނީ އެ ސްކޮލާޝިޕަކީ، ތޫނުފިލިކަން ހުރެ މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޔުނިވާސިޓީ ކައުންސިލުން ތައާރުފުކޮށްފައިވާ ސްކޮލާޝިޕެއް ކަމަށެވެ. އެ ސްކޮލާޝިޕް ސްކީމްގެ ޚަރަދު ހަމަޖައްސަނީ ޔުނިވާސިޓީއަށް ލިބޭ އާމްދަނީންކަން އެމްއެންޔޫއިން ފާހަގަކުރިއެވެ. 'ޝަހީދު އެވޯޑް'ގެ ނަން ދީފައިވާ އެ އެވޯޑަކީ ނޮންވެމްބަރު 3، 1988 ގައި ޝަހީދުވި ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1999 އިން ފެށިގެން އެ ޔުނިވާސިޓީގެ ހަތަރު ފެކަލްޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯހުގެ ތެރެއިން، ފުރަތަމަ ސެމިސްޓާގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށް ދޭ އެވޯޑެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ. އެމްއެންޔޫއިން ބުނީ ސްކޮލާޝިޕް ސްކީމްގައިވަނީ ތިން ބާވަތެއްގެ ސްކޮލާޝިޕެއް ކަމަށެވެ. އެއީ ޓިއުޝަން ފީ ހިލޭ ކުރުމާއި (އަންޑާގްރޭޖުއޭޓް އަދި ޕޯސްޓް ގްރޭޖުއޭޓް)، އަންޑާގްރޭޖުއޭޓް ފުލް ސްކޮލާޝިޕް އާއި ޕޯސްޓް ގްރޭޖުއޭޓް ފުލް ސްކޮލާޝިޕްއެކެވެ. މީގެ އިތުރުން ޝަހީދު އެވޯޑް ހަތަރު ފެކަލްޓީ (ސީއެމްއެސް، އެފްއީއެސްޓީ، އެފްއެޗްޓީއެސް އަދި އެމްއެންޔޫ ބިޒްނަސް ސްކޫލް)އަށް ދޭ ކަމަށް ވެސް އެ ޔުނިވާސިޓީން ބުނެއެވެ. ދަރިވަރުންނަށް ލިބުނު ސްކޮލާޝިޕްތަކަކީ، ދެ ދަރިވަރަކަށް އަންޑާގްރެޖުއޭޓް ފުލް ސްކޮލާޝިޕް، ދެ ދަރިވަރަކަށް ޕޯސްޓްގްރެޖުއޭޓް ފުލް ސްކޮލާޝިޕް، ނުވަ ދަރިވަރަކަށް އަންޑާގްރެޖުއޭޓް ޓިއުޝަން ފީ ސްކޮލާޝިޕް އަދި ޕޯސްޓްގްރެޖުއޭޓް ޓިއުޝަން ފީ ސްކޮލާޝިޕް 2 ދަރިވަރަކަށެވެ. އެ ޔުނިވާސިޓީން ބުނީ ޓިއުޝަން ފީ ހިލޭ ކުރުމަކީ، ޔުނިވާސިޓީއަށް ދަރިވަރުން ދައްކަންޖެހޭ ފީ އިސްތިސްނާ ކުރުންކަމަށެެވެ. ނަމަވެސް ދަރިވަރުންގެ ޔޫނިއަންއަށް ދައްކަން ޖެހޭ ފީ އިސްތިސްނާ ނުވާނެކަމަށެވެ. އަދި އަަންޑާގްރޭޖުއޭޓް ފުލް ޝްކޮލާޝިޕް އާއި ޕޯސްޓްގްރޭޖުއޭޓް ފުލް ސްކޯލާޝިޕްގައި ދަރިވަރުން ހަދަމުންދާ ކޯހުގެ ފުރިހަމަ މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސްއެއް ދޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ. އެ ޔުނިވާސިޓީގެ ދަރިވަރުންގެ ސްކޮލާޝިޕް ސްކީމްގެ ދަށުން މި އަހަރުގެ ފުރަތަމަ ޓާމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ތިން ގިންތިއަކުން 24 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލި ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ. އެގޮތުން އެ ސްކީމްގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލާޝިޕް، އަންޑާގްރެޖުއޭޓް ސްކޮލާޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލާޝިޕްއެވެ. އެހެންކަމުން ޓިއުޝަން ފީ ހިލޭ ސްކޮލާޝިޕް ސްކީމްގެ ދަށުން ހުޅުވާލި 20 ފުރުސަތަށް އެދި 61 ދަރިވަރަކު ހުށަހެޅިކަމަށާއި އަންޑާގްރެޖުއޭޓް ފުލް ސްކޮލާޝިޕް ސްކީމްގެ ދަށުން ހުޅުވާލި ދެ ފުރުސަތަށް އެދި 49 ދަރިވަރުން ހުށަހެޅިކަމަށް އެ ޔުނިވާސިޓީން ބުންޏެވެ. އަދި ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލާޝިޕް ސްކީމްގެ ދަށުން ހުޅުވާލި ދެ ފުރުސަތަށް އެދި 12 ދަރިވަރުން ހުށަހެޅިކަމަށް ވެސް އެ ޔުނިވާސިޓީން ބުނެއެވެ. އެ ޔުނިވާސިޓީން ބުނީ އެެމްއެންޔޫ ދަރިވަރުންގެ ސްކޮލާޝިޕްގެ ތިން ކެޓަގަރީއާއި ޝަހީދު އެވޯޑުގެ ދަށުން މިޓާމުގައި 47 ދަރިވަރުން ކިޔަވަމުން ގެންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ