ނަޑެއްލާއިން ގެއްލުނު މީހާ ފަޅުރަށަކުން ފެނިއްޖެ
ގދ. ނަޑެއްލާއަށް ބަނދަރުކުރި ދޯންޏަކުން އެ ރަށަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ މީހާ ފަޅު ރަށަކުން މިއަދު ފެނިއްޖެއެވެ. ފުލުހުން މިއަދު ގެއްލިގެން ހޯދަން އިއުލާނުކުރީ، ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ. ފުލުހުން ބުނެފައިވަނީ އޭނާ ގެއްލުނީ ނަޑެއްލާއަށް އިއްޔެ މެންދުރުފަހު 14:00 ހާއިރު ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ، ދޯނިން އެ ރަށަށް ފޭބުމަށްފަހު ކަމަށެވެ. ނަމަވެސް އެނބުރި ދޯންޏަށް އަރައިފައިނުވާތީ އާއި އޭނާގެ އެއްވެސް ޚަބަރެއް ނުވާތީ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ މަޢުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެއާއި އެ ރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށާއި މިއަދު ވެސް އޭނާ ހޯދުމަށް ޓަކައި މަސައްކަތް ކުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާދަމް އިބްރާހިމް މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެ މީހާ ފަޅުރަށަށް ދިޔަ ގޮތާއި، އޭނާގެ ޚަބަރެއް ނުވި ސަބަބާ ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ. ގެއްލިގެން މީހުން ހޯދަން އިއުލާން ކުރުން ވަރަށް އާންމުއިރު، އާންމު ގޮތެއްގައި އިއުލާން ކުރާތާ ގިނައިރުތަކެއް ނުވެ އެ ކުއްޖަކު ނުވަތަ މީހަކު ފެންނަ ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ