މިދިޔަ މަހުގެ18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމަތީ ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ގޯހެއް ފާހަގަވެފައި ނެތް ކަމަށް ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ ސުވާލުތަކަށް މިނިސްޓަރުން ޖަވާބު ދެއްވާ 'އަހާ ފޯރަމް' ގެ5 ވަނަ ފޯރަމް ގައި ރޭ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގެ ވާހަކަތައް ފުރަތަމަ ސޯޝަލް މީޑިއާގައި ފެތުރުނީ ގޯސްކޮށް ކަމަށެވެ.
ތަފްސީލް - އިހުސާން ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގައި ފުރަތަމަ ފުލުހުން އިޖާބަ ދިނީ ވެއްޓިފައި އޮތް އަންހެން ކުއްޖަކު ފެނިގެން އެ މައްްސަލައަށް ކަމަށެވެ.
"އެހިސާބުން ފެށިގެން އެ ސީން ޕްރޮސެސް ކޮށްފައި އެކަން ހިނގައި ދިޔަ ގޮތް ބަލަން ފުލުހުން ތަހުގީގެއް ފަށާފައިވަނީ. އެތަނުން، އެ ސީނުން އަޅުގަނޑުމެންނަށް ދެން ކެމެރާގެ ޒަރިއްޔާ އިން ފެނުނީ މިހާރު ހައްޔަރުގައި ހުރި މީހާ ވީމާ އޭނާ ގެނެސްގެން އޭނާ މަސްތުވާތަކެއްޗަށް ވެސް ޓެސްޓުކޮށްފައި އަޅުގަނޑުމެންނަށް އޭރުގައި ހެދުނު ޓެސްޓުތަކުގެ އަލީގައި މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގު ފެށީ،" އިހުސާން ވިދާޅުވި އެވެ.
"ފަހުން ލިބުނު މައުލޫމާތުތަކުގެ އަލީގައި [ރައުދު] ހައްޔަރު ކުރަން ޖެހުނު ހިސާބުން ހައްޔަރު ކުރީ."
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ތަހުގީގަކީ ޕްރޮގްރެސިވްކޮށް ހެކިތަކުގެ އަލީގައި ކުރާ ތަހުގީގެއް ކަމަށާއި ހިތު ލަފަޔަށް ނޫނީ ހީވާ ހީއެއްގެ މައްޗަށް ކުރާ ތަހުގީގެއް ނޫން ކަމަށެވެ.
"އެހެންވީމާ ޕްރޮފެޝަނަލް ތަހުގީގެއް ކުރަމުން އަންނައިރު ހެއްކާއި ގަރީނާ ލިބެމުން ދާވަރަކުން ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނަން."
މިނިސްޓަރު ވިދާޅުވީ އެ މައްސަލަ އަދުވެސް ތަހުގީގު ކުރަމުން އަންނައިރު އެ މައްސަލައިގެ މައުލޫމާތު އެހެން މައްސަލަތަކާ އަޅާ ބަލާއިރު އަވަހަށް ފޯރުކޮށްދިން ކަމަށެވެ.
"މީގައި ފުލުހުން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ ފުލުހުންގެ ތެރޭ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ތަހުގީގު ކުރަނީ،" އިހުސާން ވިދާޅުވި އެވެ.
މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ އެއްވެސް ގޯހެއް ފާހަގަވެފައި ނެތް ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އެނގުން މުހިންމު - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. ފަހުން ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު އަމުރުން އެނގުނު ގޮތުގައި އެ ރޭ ރައުދުއާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ.
ނަމަވެސް ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.
ފަސްފަހަތް - ހާދިސާ ހިނގި ހ. ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން ޔުމްނު ވަނީ އެ ރޭ، މއ. މާންދޫގެދެކުނުގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެ އެވެ.
އެ ގޭގެ ނަން ފުރަތަމަ ފުލުހުން ހާމަނުކުރުމާއި ޕާޓީގައި ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެދި ކަމަށް ބުނެ އިތުރު ފިޔަވަޅެއް ވެސް ފުލުހުން އަޅާފައިނުވުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.
ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތާއި ތަހުގީގާ މެދު އާންމުންގެ ތެރޭގައި ސުވާލު އުފެދެން ފެށީ އެ ކަމާ ގުޅުވަ އެވެ. ނަމަވެސް ތަހުގީގަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް އަމީން ވިދާޅުވެފައިވެ އެވެ. ޕާޓީ އޮތް ތަނަކީ ވެސް ސީދާ އޭނާއާ ގުޅުމެއް ނެތް ތަނެއް ކަމަށެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ނެތް: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ