ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު ދަށްވެ، މުސާރައަށް ކުރި ހޭދަ އަނެއްކާވެސް ބޮޑުވެއްޖެ
ދައުލަތުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު ދަށްވެފައިވީ ނަމަވެސް މުސާރައަށް ކުރި ޚަރަދު މަހުން މަހަށް އިތުރުވެފައިވާކަން ހާމަވެއްޖެއެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މިއަހަރު ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާއި އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ. ދައުލަތުގެ ޚަރަދު ދަށްވެފައިވީއިރު، ރައްޔިތުންގެ އުންމީދުތައް ގުޅިފައިވާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ކުރި ހޭދަ ބޮޑު ތަނުން ދަށެވެ. ނަމަވެސް މުސާރައަށް ކުރި ހޭދަ ވަނީ މަހުން މަހަށް އިތުރުވެފައެވެ. ފިނޭންސް މިނިސްޓްރީން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކުރި 'ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓް' ރިޕޯޓުގައިވާ ގޮތުން ނަމަ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ކުރި ހޭދަ ވަރަށް ދަށެވެ. ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އާބަންކޯ މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކޮށްފައި ވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 4.8 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. ވަކިވަކި ދާއިރާތަކުން އެ މުއްދަތުގައި ޚަރަދުކުރި ވަރަށް ބާލައިރު: ހައުސިން އަދި އިންފްރާސްޓްރަކްޗާ: މިއަހަރު 88.5 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް މިދިޔަ އަހަރު 323.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތް: މިއަހަރު 246.4 މިލިއަން ރުފިޔާ ހަރަދު ކުރިނަމަވެސް މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާ ހަރަދު ކުރި ފެނާއި ނަރުދަމާ: މިއަހަރު 33.7 މިލިއަން ރުފިޔާ ނަމަވެސް މިދިޔަ އަހަރު 398.2 މިލިއަން ރުފިޔާ ހަރަދު ކުރި ދަތުރުފަތުރު: މިއަހަރު 814.5 މިލިއަން ރުފިޔާ ނަމަވެސް މިދިޔަ އަހަރު 1،466.3 މިލިއަން ރުފިޔާ ހަރަދު ކުރި ތައުލީމީ ދާއިރާ: މިއަހަރު 35.7 މިލިއަން ރުފިޔާ ނަމަވެސް މިދިޔަ އަހަރު 136.3 މިލިއަން ރުފިޔާ ހަރަދު ކުރި ގައުމީ ސަލާމަތް: މިއަހަރު 19.7 މިލިއަން ރުފިޔާ ނަމަވެސް މިދިޔަ އަހަރު 26.9 މިލިއަން ރުފިޔާ ހަރަދު ކުރި މިއިން ކޮންމެ ދާއިރާއަކުން ހިންގާ ޕްރޮޖެކްޓްތައް ވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށެވެ. އަމީނީ މަގުގައި އެއްކޮށް ތާރުއަޅައި ނިންމާލާފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ ނަމަވެސް ސިއްހީ ދާއިރާއިން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރެވެ. މިދިޔަ އަހަރު އެހާތަނަށް 39.9 މިލިއަން ރުފިޔާ ޚަރަދުކުރިއިރު މިއަހަރު ވަނީ 63 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ނަމަވެސް ބަޖެޓުގައި މިއަހަރު ސިއްޙީ ދާއިރާގެ ޕްރޮޖެކްޓުތަކަށް 964.3 މިލިއަން ރުފިޔާ ލަފާކޮށްފައިވެއެވެ. ނަމަވެސް އަހަރު ދެބައިވިއިރު އަދި ހޭދަކުރީ ވަރަށް ކުޑަ އެއްޗެކެވެ. ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ކުރި ހޭދަ ވަރަށް ބޮޑަށް ދަށްވެފައިވާއިރު މުސާރައަށް ކުރި ހޭދަ ވަނީ އިތުރުވެފައެވެ. މިއަހަރުގެ ބަޖެޓުގައި މުސާރައާއި އިނާޔަތާއި ޕެންޝަންގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައެވެ. އަހަރު ދެބައިވިއިރު މިހާތަނަށް ވަނީ އޭގެ ދެބައިކުޅަ އެއްބައި ހޭދަކޮށްފައެވެ. އެގޮތުން ނިމުނު ހަފުތާގެ ނިޔަލަށް ހަ ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރު އައުމަށްފަހު ވެސް މިއަދާ ހަމައަށް ވެސް އޮތް ކަންބޮޑުވުމެކެވެ. މި ސަރުކާރުން މިދިޔަ އަހަރު ރަށްރަށުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ، އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓުގައި 'ޖެއްސުން ކޮށްފައި' އޮތުމުން ކަމަށް ބުނެފައިވެއެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭރު ފާސްކުރި ބަޖެޓުގައި މަޝްރޫއުތަކާ އެކަށީގެންވާ ވަރަށް ފައިސާ ޖަހާފައި ނެތް ކަމަށާއި، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބަޖެޓުގައި ފައިސާ ޖަހާފައި ހުރުމުން މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިވީ ކަމަށް ސަރުކާރުން ދިޔައީ ބުނަމުންނެވެ. ހިޔާ ފްލެޓްތަކަށް ފެނާއި ނަރުދަމާ ގުޅާލުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރަނީ --- ފޮޓޯ/ އެމްޑަބްލިއުއެސްސީ ނަމަވެސް މިހާރު އޮތް 20 ވަނަ މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީން ފާސްކުރި ބަޖެޓާއެކު ވެސް އަދި މަޝްރޫއުތައް އުޅެނީ ރަނގަޅަށް ނުހިންގިގެން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ. ހަމައެއާއެކު އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލު ކުރުމުގެ ބަދަލުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމުގެ ކަންބޮޑުވުން ވެސް އިދިކޮޅުން ދަނީ ފާހަގަކުރަމުންނެވެ. އޭގެ ސަބަބުން ޕްރައިވެޓް ސެކްޓާއަށް ގެއްލުންވާނެ ކަމަށާއި، ސަރުކާރުން އެކަމަށް މާ ބޮޑު އަޅާލުމެއް ނުދޭކަމަށް އިދިކޮޅު ފަރާތްތަކުންނާއި ވިޔަފާރިވެރިން ބުނެއެވެ. ކަން އެހެން އޮއްވައި، ސަރުކާރުގެ ސިޔާސީ މުވައްޒަފުން އިތުރުވެ އެކަމުގެ ޝަކުވާ ވެސް ވަރަށް ބޮޑެވެ. ސިޔާސީ މުވައްޒަފުންގެ އަދަދުތައް މިއަދާ ހަމައަށް ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 3،000އަށްވުރެ އިތުރުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ