އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ޚަލީލް ތުރުކީއަށް
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ތުރުކީއަށް ވަޑައިގެންފިއެވެ. 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޚަލީލް ވިދާޅުވީ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ތުރުކީގެ ވެރި ރަށް އިސްތަންބޫލަށް ވަޑައިގަތުމާއެކު ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް މަރުހަބާ ދެންނެވި ކަމަށެވެ. އަދި މިނިސްޓަރު ވަނީ ތުރުކީ ސަރުކާރުން ދިން ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ. https://x.com/abkhaleel/status/1936138741631865123 ޚަލީލް ވިދާޅުވީ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި އިސްލާމީ ދުނިޔޭގައި އެކުވެރި ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް މުޖުތަމައުއަށް ކުރިމަތިވެފައިވާ އެންމެ މުހިންމު މައްސަލަތަކަށް ވަކާލާތުކުރުމަށް އުންމީދުކުރައްވާ ކަމަށް އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވިއެވެ. އޯއައިސީގައި 57 މެންބަރުން ހިމެނޭއިރު، ރާއްޖެއިން އެ ޖަމުއިއްޔާއާ ގުޅިފައިވަނީ 1976ގައެވެ. އޯއައިސީއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިއަހަރުގެ އޭޕްރީލް މަހު، ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރާއި، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހީމް ތާހާއާއެކު ވަނީ މަޝްވަރާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ