އެމެރިކާގެ ބީ-2 ބޮންއަޅާ ބޯޓުތައް ހުޅަނގު ޕެސިފިކަށް ދަތުރުރައް ފަށައިފި

އެމެރިކާގެ މިސޫރީގެ އެއާފޯސް ބޭސްއިން ބީ-2 ސްޓެލްތު ބޮން އަޅާ ބޯޓު ފަހަރު ގުއާމްގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒަކާ ދިމާލަށް ދަތުރުކުރާ ކަމަށް، ފްލައިޓް ޓްރެކިންގެ މައުލޫމާތާއި އެއާ ޓްރެފިކް ކޮންޓްރޯލާ އެކު ދެކެވުނު ވާހަކަތަކާ ހަވާލާދީ ފޮކްސް ނިއުސް އިން މިރޭ ބުނެފި އެވެ.
މިސޫރީއިން ފުރައިގެން ދިއުމަށް ފަހު ބޮން އަޅާ ބޯޓުތަކަށް ވަނީ ތެޔޮ އަޅައިފަ އެވެ.  ފުލް ޓޭންކްތަށް ތެޔޮ ނާޅާ އެ ބޯޓުތައް ފުރީ އެ ބޯޓުގައި ހުރި ބަރު އެއްޗެއްގެ ސަބަބުން ކަމަށް ބެލެވެ އެވެ. އެއީ ބަންކާ ބަސްޓާ ބޮންތަކުގެ ސަބަބުން ކަމަށް ވެދޭނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ބޮން އަޅާ ބޯޓުތަކާ އެކު ބޯއިން ކޭސީ-46 ޕެގަސަސް ތެޔޮ އަޅާ ހަތަރު މަތިންދާ ބޯޓެއް ވެސް ދަތުރު ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭގެ ތެރެއިން ދެ މަތިންދާ ބޯޓަށް މިހާރު ވަނީ ޕެސިފިކް ކަނޑުގެ މަތިން ތެޔޮ އަޅައިފަ އެވެ. އަނެއް ދެ ބޯޓު އޮތީ ގާތްގަނޑަކަށް 75 ކިލޯމީޓަރު ފަހަތުގަ އެވެ.
ބީ-2 މަރުކާގެ މަތިންދާބޯޓުގައި 15 ޓަނުގެ ބަންކާ ބަސްޓާ ބޮން އުފުލޭނެ އެވެ. އެއީ ހަމައެކަނި އެމެރިކާގައި ހުންނަ ބޮންތަކެކެވެ. ތަޖުރިބާކާރުން ބުނަނީ މި ބޮންތަކަކީ އީރާނުގެ އެންމެ ވަރުގަދަ ނިއުކްލިއާ ފެސިލިޓީއަށް ހަމަލާ ދިނުމަަށް ކޮންމެހެން ބޭނުންތެރި ބޮންތަކެއް ކަމަށެވެ.
އީރާނުގައި ނިއުކުލިޔާ ހަތިޔާރު ހުރި ކަމަށް އެ ގައުމުން ދޮގުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސެން ފްރެންސިސްކޯ އިން ތެޔޮ އަޅައިގެން އިތުރު ދެ މަތިންދާ ބޯޓެއް ހުޅަނގަށް ދަތުރު ކުރަމުން ވެސް އެބަދެ އެވެ. ދެން އެ ބޯޓުތަކަށް ތެޔޮ އަޅާނީ ހަވާއީ އިން ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާގެ ވައިގެ ސިފައިންގެ ބީ-2 ސްޕިރިޓް ސްޓެލްތު ބޮންއަޅާ ބޯޓުތަކަކީ އެމެރިކާގެ އެންމެ ޒަމާނީ ސްޓްރެޓެޖިކް ހަތިޔާރުން ބޮންއަޅާ ބޯޓުފަހަރެވެ. އަދި އެ ބޯޓުތަކަކީ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކަށް ވަދެ، ބިމު އަޑީގައި ހުންނަ ނިއުކްލިއާ ރިސާޗް ފެސިލިޓީތައް ފަދަ ތަންތަނަށް ހަމަލާތައް ދިނުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެއް ކަމަށް އެމެރިކާ އިން ބުނެ އެވެ. އިޒުރޭލުން ތުމަތު ކުރާ ގޮތުގައި އީރާންގައި އެތައް ސަތޭކަ ފޫޓު އަޑީގައި ނިއުކުލިއާ ބޮން ދަނީ އުފައްދަމުންނެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ އީރާނާ ގުޅޭ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާ ކޮންމެ ފިޔަވަޅެއް ތަންފީޒު ކުރަން އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ.
އެމެރިކާގެ ބީ-2 މަރުކާގެ މަތިންދާ ބޯޓުގެ އަގަކީ ކޮންމެ ޔުނިޓަކަށް ގާތްގަނޑަކަށް 2.1 ބިލިއަން ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ