ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ރިޒާގެ ކޮއްކޮއަށް!

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މާލެ އަތޮޅު ގުރައިދޫ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޓިކެޓު އިދިކޮޅު ޕީޕީއެމުން ރިޒާގެ ކޮއްކޮއަށް ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮޑި ހުސްވީ އެދާއިރާއަށް އައްޔަންކޮށްފައިވާ އިއްޒަތްތެރި މެމްބަރު، އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.
ޕީޕީއެމްގެ ޓިކެޓު ދީފައިވަނީ އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއަށެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހުސެއިން ރިޒާއަށް ޓިކެޓް ދިނީ ޕީޕީއެމްގެ ފަރާތުން ގުރައިދޫ ދާއިރާގެ ގޮޑިއަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަލެއްވީ ހަމައެކަނި ހުސެން ރިޒާ ކަމަށްވުމުން ކަމަށެވެ.
ހީނާ ވިދާޅުވީ ހުސެއިން ރިޒާއާއިއެކު މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮޑި ކާމިޔާބުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. އަދި ހުސެއިން ރިޒާއަކީ އެމަގާމަށް ގާބިލު އިލްމީ ބޭފުޅެއްކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.
ޕީޕީއެމްގެ އިތުރުން ވެސް މި ދާއިރާއަށް ކެންޑިޑޭޓުން ނެރުމަށް ޕާޓީތަކުން ވަނީ ނިންމައިފައެވެ. އެމްޑީޕީން ބައި އިލެކްޝަނަށް ހުޅުވާލާފައި އޮތް އިރު އެމްޑީޕީގެ ޓިކެޓަށް އެދި ހަތަރު މީހަކު ވަނީ ކުރިމަތިލާފައެވެ. އަދި ދަނގެތީ ދާއިރާގެ މަންބަރު މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި އަލީ އަރީފެވެ.
މިއީ މިދައުރުގެ މަޖިލީހުގައި ބައި އިލެކްޝަން ބާއްވާ، ދެވަނަ ދާއިރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ