ރާއްޖޭގައި ނެތް ބިދޭސީއެއްގެ ނަމުގަ 5 އަހަރު ވަންދެން މުސާރަ ނެގި މައްސަލަ އޭސީސީއަށް

މާލެ ސަރަހައްދުގެ ސްކޫލެއްގައި މަސައްކަތްކުރި ބިދޭސީއަކު ރާއްޖެ ދޫކޮށް ދިޔަ ފަހުންވެސް، އޭނާގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނަގައިގެން ހިންގި 1.5 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތައް ރެންޑަމްކޮށް އޮޑިޓް ކުރަމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، 2021 ވަނަ އަހަރު އެ ސްކޫލުން ވަކިވެގެން ދިޔަ ބިދޭސީ މުވައްޒަފެއްގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށްގެން، ފާއިތުވި ފަސް އަހަރު ދުވަހު ވަނީ ދައުލަތުގެ ބަޖެޓުން ނުހައްގުން 1.5 މިލިއަން ރުފިޔާ ނަގާފައެވެ.
އޭސީސީ އިން މިފަދަ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައިވީނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ.
މި ބޮޑު ހިޔާނާތް ފަޅާއެރުމާ ގުޅިގެން، އެ ކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އެ ސްކޫލުގެ ތިން އިސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. .
މިއީ ފަހުގެ ތާރީޚެއްގައި ސްކޫލެއްގެ އިދާރީ އޮނިގަނޑުގެ ތެރެއިން ހިންގި މިފަދަ އެންމެ ބޮޑު އެއް ހިޔާނާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ