ހިޖުރީ އައު އަހަރާއި ދިމާކޮށް މާލެ ވިޔަފާރި ބަނދަރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ކްލިއަރ ކުރުމުގެ މަސައްކަތް މެދުނުކެނޑި މިއަދު ކުރިޔަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ކުންފުނިން އަމަލުކުރަމުންދާ ހާއްސަ އުސޫލުގެ ދަށުން، މިއަދު ވެސް މާލެ ވިޔަފާރި ބަނދަރުގައި ޕެރިޝަބަލް މުދާ ބޭލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އެމްޕީއެލްއިން ބުނީ މިއީ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށާއި، މުދާ ހަލާކުނުވެ ވީހާވެސް އަވަހަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އިސްކަމުގެ ދަށުން ކުރިޔަށް ގެންދެވުނު މަސައްކތެއް ކަމަށެވެ.
ކުންފުނިން ބުނި ގޮތުގައި ޖެނެރަލް ކާގޯ ވެސަލް ”ސީ އެންޖަލް“ އިން މުދާ ބޭލުމުގެ މަސައްކަތް މިއަދު ހަވީރު ވަނީ ފުރިހަމަކޮށްފައެވެ. އަދި ބުނީ މި ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ވަނީ ބާލާފައިވާކަމަށެވެ.
މީގެ އިތުރުން، ”ނަވާލް“ ޖެނެރަލް ކާގޯ ވެސަލްއިން މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ބުންޏެވެވެ. އެމްޕީއެލް ބުނީ މި އުޅަނދުންވެސް މައިގަނޑު ގޮތެއްގައި ބާލަމުންދަނީ ކާބޯތަކެތީގެ މުހިންމު ބާވަތްތައް ކަމުގައިވާ ފިޔާ، އަލުވި އަދި ބިސް ކަމަށެވެ.
ޕޯޓް ރަސްމީކޮށް ބަންދު ދުވަހެއް ނަމަވެސް، މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއަރ ކުރުމުގެ ހިދުމަތް އެމްޕީއެލްއިން ވަނީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދީފައެވެ. އަދި ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ހަމަޖައްސާފައިވާ ހާއްސަ އިންތިޒާމްތަކުގެ ދަށުން، މިރޭ 20:00 އިން ފެށިގެން އަލުން ޕެރިޝަބަލް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވަނީ ބުނެފަ އެވެ.
ބަންދު ދުވަހެއް ނަމަވެސް ޕެރިޝަބަލް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ބާރަށް ކުރިއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ