މުއިއްޒުއަކީ ދިވެހި ތާރީހު ނުދެކޭފަދަ މަކަރުވެރިއެއް: ބ. އަތޮޅު ކައުންސިލް ރައީސް މުއިއްޒުއަކީ ދިވެހި ތާރީހު ނުދެކޭފަދަ މަކަރުވެރިއެއް: ބ. އަތޮޅު ކައުންސިލް ރައީސް

ރައީސް މުހައްމަދު މުއިއްޒުއަކީ ދިވެހި ތާރީހު ނުދެކޭފަދަ މަކަރުވެރިއެއްގެ ގޮތުގައި ބ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހު ސިފަކޮށްފި އެވެ.
ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރާއްޖެ ހިންގުމަށް އުފައްދާފައިވާ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، މައި ސަރުކާރަށް އެ ބާރުތައް ޖަމާކުރުމަށް މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެ ކަންކަމާ ދެކޮޅަށް ގިނަ ކައުންސިލަރުން އަންނަނީ ތެދުވަމުންނެވެ. އަފްރާހު ވެސް ވަނީ މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.
"ދިވެހި ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލަމުން ގެންދާ ވެރިޔެއް. މުއިއްޒުއަކީ މި ދިވެހި ތާރީހު ނުދެކޭފަދަ މަކަރުން ފުރިގެންވާ މަކަރުވެރިއެއް. ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ރައްޔިތުން އަޅުވެތި ކުރާ ވެރިއެއް،" އެކްސްގައި އަފްރާހު ލިޔުއްވި އެވެ.
އަތޮޅު ކައުންސިލްތައް އުވާލަން މުއިއްޒު ނިންމެވީ "އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން" ކަމަށް ވިދާޅުވުމަށް ފަހު އެވެ. އެފަދަ ތުހުމަތެއް ކުރަން ވާނީ މައްސަލައަކަށް ބިނާކޮށް ކަމަށް ވެސް އަފްރާހުގެ އިތުރު ޕޯސްޓެއްގައި ލިޔުއްވި އެވެ.
"މާލެ ސިޓީ ކައުންސިލްގައި ހުރެ ޖަރީމާ ހިންގީމައި އެއީ އަތޮޅު ކައުންސިލްތަކަށް، އަތޮޅުގެ ރައްޔިތުންނަށް އަދަބު ލިބެން ޖެހޭ ކަމެއް ނޫން. މުއިއްޒުއަކަށް ލާމަރުކަޒީ ގާނޫނު ވެސް ނޭނގޭނެ،" އަފްރާހު ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުތައް ފާސްކުރުމުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު، މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅުގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅު ކައުންސިލްތައް އިންތިހާބު ކުރަން ވޯޓުލާން ނުޖެހޭނެ ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަކީ މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުން ބާރުވެރިކުރުވާ ކަމެކެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ވިދާޅުވީ ރަށު ކައުންސިލްތަކަށް ވުޒާރާތަކާއި އެސްއޯއީތަކާ ސީދާ މުއާމަލާތް ކުރެވުމެވެ.
މިހާރު ވެސް ރަށު ކައުންސިލްތަކަށް އެކަމަށް ހުރަހެއް ނެތެވެ. ރަށު ކައުންސިލްތަކުން ކަމެއް ކުރަން، މިނިސްޓްރީއަކާ ވާހަކަ ދައްކަން އަތޮޅު ކައުންސިލްގެ ހުއްދައެއް ނަގަން ނުޖެހެ އެވެ. ނުވެސް ނަގަ އެވެ.
އަތޮޅު ކައުންސިލްތައް އުވާލައިފި ނަމަ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ކުއްލިއަކަށް އަންނާނެ އެވެ. ޒަމާނުއްސުރެ އަތޮޅު އޮފީސްތައް އަދި އޭގެ ފަހުން އަތޮޅު ކައުންސިލްތަކަކީ ވެސް ދައުލަތުގެ އިދާރީ ހިންގުމުގައި އެކުލަވާލާފައިވާ އަދި މުހިންމު ދައުރެއް އަދާކުރި އަދި ބާރުވެސް ދީފައި އޮތް މުއައްސަސާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ