އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ސްކޫލު ބަދަލު ނުކުރެވޭ ގޮތް ހަދައިފި
އަހަރުގެ ކޮންމެ ހިސާބެއްގައި ސްކޫލު ބަދަލުނުކުރެވޭ ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާ އުސޫލެއް އެކުލަވައިލައިފިއެވެ. ކުރިން އޮންނަނީ އަހަރުގެ ކޮންމެ ހިސާބަކުން ވެސް އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވެވޭ ގޮތަށެވެ. އެހެން އޮތުމުން ބައެއް ދަރިވަރުން ވަރަށް ގިނައިން ސްކޫލު ބަދަލުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ، ކުރިން އޮތް ގޮތުން އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް ވަރަށް ފަސޭހަކަމާ އެކު އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވެވޭ ކަމަށެވެ. އެހެންވެ، ބައެއް ދަރިވަރުން ވަރަށް ގިނައިން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ބައެއް ބެލެނިވެރިން ރިކުއެސްޓް އެބަކުރައްވާ، އެއް ކުއްޖަކު ދިރާސީ އަހަރެއްގެ ތެރޭގައި ތިން ފަހަރަށް ސްކޫލު ބަދަލުކުރަން. މިއީ ދަރިވަރެއްގެ އުނގެނުމަށް ބަލާ ކަމަށްވަންޏާމުން އެންމެ ރަނގަޅު ގޮތެއް ނޫން. އެ ދަރިވަރަށް ވެސް އެންމެ ހެޔޮ ގޮތެއް ވެސް ނޫން،" އޭނާ ވިދާޅުވިއެވެ. އަހުމަދު މުހައްމަދު ވިދާޅުވީ، އެހެންވެ އާ އުސޫލެއް އެކުލަވައިލައި އަލަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވެވޭނެ ވަކި ދުވަސްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. މިޑްޓާމް ބަންދަށް ފަހު ކުދިން އެނބުރި ސްކޫލަށް ދަނީ: ސްކޫލުތައް ހުޅުވުނީ ދެ ހަފުތާގެ ބަންދަކަށް ފަހު -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް އެކަން އޮންނަނީ އެ އުސޫލުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އާ އުސޫލާ އެކު މިހާރު ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރެވޭނީ ދިރާސީ އަހަރު ފެށުމުގެ ކުރިންނާއި ދެވަނަ ޓާމް ފެށުމުގެ ކުރިންނެވެ. އެ ގޮތުން، ދެވަނަ ޓާމަށް ބަދަލުވާން ބޭނުން ނަމަ ފުރަތަމަ ޓާމް ނިމުމުގެ މަސް ދުވަސް ކުރިން ހުށަހަޅަން ޖެހޭނެއެވެ. އަދި، ފުރަތަމަ ޓާމަށް ބަދަލުވާނަަމަ ދެވަނަ ޓާމް ނިމުމުގެ އެއް މަސް ދުވަސް ކުރިން ހުށަހަޅަން ޖެހޭނެއެވެ. އެކަމަކު، ޚާއްސަ ހާލަތެއް ދިމާވެއްޖެ ނަމަ ސްކޫލު ބަދަލުކުރަން 'ކޭސް ބައި ކޭސް' ބެލުމަށް ފަހު ފުރުސަތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވީމާ އެ ކުދިންނާ އެއްކޮށް ބަދަލުވި ޕިއާސް ބަދަލުވެ މުޅިން އާ މާހައުލަކަށް ކުއްޖާ ދިއުމާއި އަދި މި ކަހަލަ ވަރަށް ގިނަ ކަންކަން ހުންނާނެ. އެހެންވީމާ ދިރިއުޅޭ އެޕާޓްމަންޓް ބަދަލުވުމުން ނޫނީ އެހެން ކަހަލަ ބައެއް ކަހަލަ ހާލަތްތަކުގައި އެހާ ފަސޭހަކަމާ އެއްކޮށް ބޭނުން ކޮންމެ ގަޑިއެއްގައި ސްކޫލު ބަދަލުވުމަކީ އެންމެ ހެލްތީ ގޮތެއް ނޫން ވީމާ އަޅުގަނޑުމެން މިގޮތަށް މި ނިންމީ،" އަހުމަދު މުހައްމަދު ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަލަށް ސްކޫލަށް ވައްދާ ކުދިންނަށް ޖުލައި މަހުގެ 12 އިން ފެށިގެން އޮގަސްޓް މަހުގެ 31 އަށް ފުރުސަތު ހުޅުވާލާ ގޮތަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ