މީޑިއާ ބިލާ މެދު ސަންގެ ކަންބޮޑުވުން
ސަރުކާރާ ގުޅުން ބޮޑު ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ވަނީ މީޑިއާތައް 'ކޮންޓްރޯލް'ކުރާ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. ސަރުކާރުން ވެސް އެ ބިލަށް ތާއީދުކޮށްފައިވާއިރު މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ވެސް ވަނީ ބިލަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ. އެ ބިލާ ގުޅިގެން ސަންގެ އެޑިޓޯރިއަލް ޕޮޑްކާސްޓްގައި ވަނީ ބިލާ މެދު 'ސަން'އިން ދެކޭ ގޮތް ހާމަކޮށްފައެވެ. ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަޙްމަދު ސާއިލު އަލީ ވިދާޅުވީ، މި ބިލަކީ މިނިވަން ނޫސްވެރިކަމަށް އޮތް ނުރައްކަލެއް ކަމަށާއި މި ބިލުގައި ތާއީދުކުރެވޭ ކަމަކަށް އޮތީ ބިސްމި އެކަނި ކަމަށެވެ. އަދި، ބިލު އިސްލާހުކުރުމަށް ވުރެ ފަސޭހަ ގޮތަކީ އަނބުރާ ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ. ޑެޕިއުޓީ މެނޭޖިން އެޑިޓަރު އަހުމަދު އިނާހް ވަނީ ބިލަކީ އުފެދުމުގައި ވެސް ބާތިލު އެއްޗެއް ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމެއްގައި މީޑިއާ ކޮންޓްރޯލްކުރަން އުޅެގެން 'ހެޔޮ ނަތީޖާ'އެއް ނުފެންނަ ކަމަށެވެ. އެހެންވެ، އެ ބިލަކީ ތަންފީޒު ކުރެވޭނެ ވެސް އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެސްއެސްމީޑިއާގެ ކަރަންޓް އެފެއާޒް ކަންކަން އިސްކޮށް ބަލަހައްޓަވާ، މީޑިއާ ކައުންސިލްގެ ކުރީގެ މެންބަރު އަހުމަދު އާޒިފް ވަނީ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި މީޑިއާތައް 'ކޮންޓްރޯލް'ކުރަން ނުޖެހޭކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އަބުރު ހިމާޔަތްކުރަން މިހާރު ވެސް ގާނޫނީ ފަރުވާ އޮތް ކަމަށެވެ. އެހެންވެ، ގާނޫނު އަނބުރާ ގެންގޮސް މީޑިއާތަކާ މަޝްވަރާކޮށްގެން އާ ގާނޫނެއް ހުށަހަޅަން އޭނާ ގޮވައިލެއްވިއެވެ. ޕޮޑްކާސްޓްގައި ސަންގެ މަލްޓިމީޑިއާ އެޑިޓަރު މުހައްމަދު ނާއިލް ހަފީޒް ވިދާޅުވީ، ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް މީޑިއާތައް ހުއްޓުވާލެވޭ ގޮތަށް އޮތުމުގެ ސަބަބުން އާ ނޫސްވެރިން ދާއިރާއަށް ނުވަންނާނެ ކަމަށެވެ. އަދި، އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި މީޑިއާތައް ރެގިއުލޭޓްކުރުމުގެ ތެރެއަށް ސަރުކާރުން ވަންނަންނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެސިސްޓެންޓް އެޑިޓަރު ޝާނިހާ ޝަރީފް ވަނީ ބިލުގައި ހުރި މާއްދާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގިނަ އުނދަގޫތަކެއް ހުރި ކަމަށާއި ބިލާ އެކު 'މިނިވަން ނޫސްވެރިކަން މަރާލާނެ' ކަމަށެވެ. އެހެންވެ، ބިލަކީ އުފެދުމުގައި ވެސް ބާތިލު އެއްޗެއް ކަމަށާއި އެއީ ވަގުތުން ބޭރުކުރަން ޖެހޭ ބިލެއް ކަމަށް ޕޮޑްކާސްޓްގައި ސަންގެ އެޑިޓޯރިއަލްއިން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ