ގޭންގު ކުށްތަކުގެ ގާނޫނު ތަންފީޒުކުރަން ފުލުހުން ތައްޔާރުވަނީ

އިއްޔެ އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފުލުހުން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ފަހުކޮޅު މަޖިލީހަށް ހުށަހަޅައި ފާސްކުރި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިއްޔެ ވަނީ އަމަލުކުރަން ފަށާފަ އެވެ. 
މި ގާނޫނުގައި އޮންނަ ގޮތުން، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ. މިފަދަ ކުށްކުރާ މީހުންނާއި އެކަމުގައި ބައިވެރިވާ މީހުންނަށް ވެސް ހަރުކަށި އަދަބުތަކެއް މި ގާނޫނުގައި ވަނީ ކަނޑައަޅާފައިވާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ވަނީ ދީފަ އެވެ.
ތަފްސީލު - އެ ގާނޫނު ތަންފީޒުކުރަން ތައްޔާރުވާން މިހާރު ކުރަމުން އަންނަ މަސައްކަތްތައް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ހައިކޯޓު މެދުވެރިކޮށް، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުތައް ކަނޑައެޅުން
އެފަދަ ގްރޫޕުތަކަށް ނިސްބަތްވާ މީހުންގެ މައްޗަށް މޮނީޓާކޮށް، ކޮންޓްރޯލް ކުރުމުގެ އަމަރު ނެރުން
އެފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރާއްކާތެރިކުރަން އަމުރު ނެރުން
އެ އަމުރުތައް ނެރުމަށް ފުލުހުން ޕީޖީ އޮފީހަށް ހުށަހަޅަން އަންނަނީ ތައްޔާރުވަމުން
ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގްރޫޕްތަކުގެ ރިޕޯޓުތައް ވެސް ޕީޖީ އޮފީހާ ހިއްސާކުރާނެ
މީގެ އިތުރުން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ މީހުންގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް، އެ މީހުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތާއި ކުޑަކުދިން ރެކްރޫޓްކުރާ މައްސަލަތަކަށް ވެސް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން:
ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކުރާނެ
އެފަދަ ސަރަހައްދުތަކުގައި ތިބޭ މީހުން ބަލައިފާސް ކުރާނެ
އިންތިޒާމުވެގެން ކުށްކުރަން އަމިއްލަ ތަންތަން ބޭނުންކުރަމުންދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރާނެ
"މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާނެ ފިޔަވަޅުތަކެކެވެ. މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ