ލަންކާ މެޗަށް ނެގި ސްކޮޑުން ފައިސަލް އާއި ރާއިދަށް ޖާގަދީފި ލަންކާ މެޗަށް ނެގި ސްކޮޑުން ފައިސަލް އާއި ރާއިދަށް ޖާގަދީފި

އަންނަ މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗަށް ނެގި ސްކޮޑުން، ގޯލްކީޕަރު، މުހައްމަދު ފައިސަލް އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު، ހަސަން ރާއިދު އަށް ފުރުސަތު ދީފި އެވެ.
މީގެ ދެ އަހަރު ކުރިން، ސާފް ޗެމްޕިއަންޝިޕަށް ނެގި ފައިނަލް ސްކޮޑުން ގޯލްކީޕަރު، ފައިސަލް، 37، ބާކީ ކުރަން ޖެހުނީ، ކަކުލަށް ލިބުނު އަނިޔާއަކާ ހެދި އެވެ. އެ ގޮތުން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އޮޕަރޭޝަނެއް ކުރުމަށް ފަހު، ފައިސަލް އެ ފަހުން ރިކަވަރީ އަށް ފޯކަސް ކުރުމަށް ފަހު، މިހާރު އަންނަނީ، އޭނާ ދާދި ފަހުން ގުޅުނު ބުރު ސްޕޯޓްސް ކްލަބްގެ ޕްރީ ސީޒަންގައި ބައިވެރިވަމުންނެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުުރުގައި ހުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ސްކޮޑުގައި ނުހިމެނޭއިރު، މާޒިޔާގެ ކީޕަރު، އިޔާން އަބްދުލް އަލީމް (ޗިކީ) އަދި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކީޕަރު، މުހައްމަދު ޔާމީން އަށް ވަނީ ފުރުސަތު ދީފަ އެވެ.
އެންމެ ފަހުން ނެގި ގައުމީ ޓީމުގައި ހިމެނުނު އަހުމަދު ނޫމާން (ހެލްމެޓް)، ހައިޝަމް ރަޝީދު (ހައި) އަދި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ކަކުލުގެ އަނިޔާއެއްގެ ސަބަބުން ދިގު މުއްދަތަކަށް ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.
ރާއިދު، 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު މެޗެއްގެ ތެރެއިން.
އެންމެ ފަހުން ނެގި ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ކްލަބް އީގަލްސްގެ ހިސާމް ސަލީމް (ކޮކީ) އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އަހުޒަމް ރަޝީދު (އަހު) އަށް ވަނީ ފުރުސަތު ދީފަ އެވެ. މި ވަގުތު ކްލަބެއްގެ ކޮންޓްރެކްޓްގައި ނެތް ނަމަވެސް މީގެ ކުރިން، 19 އަހަރުން ދަށުގެ ޓީމަށް ކުޅުނު ރާއިދަށް ވަނީ ފުރުސަތު ދީފަ އެވެ.
މީގެ އިތުރުން 16 އަހަރުގެ އިލާން އަށް ސީނިއާ ޓީމުގެ ފައިނަލް ސްކޮޑުން ޖާގަދީފައިވާއިރު، ކޮކީ ގައުމީ ސްކޮޑުން މި ވަނީ ގިނަ އަހަރުތަކަކަށް ފަހު ޖާގަ ހޯދައިފަ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ލަންކާއާ ދެކޮޅަށް ކޮލަމްބޯގައި ކުޅޭ ދެ މެޗަށް ނެގި ސްކޮޑަކީ، ގައުމީ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅޭނެ ފުރަތަމަ މެޗުތަކެވެ.
މުހައްމަދު ފައިސަލް (ބުރު ސްޕޯޓްސް ކްލަބް)، ސަމޫހު އަލީ - ސަމުއްޓެ (މާޒިޔާ)، ހުސެއިން ސިފާއު ޔޫސުފް - ކުރޯ (މާޒިޔާ)، މުހައްމަދު އިރުފާން - އިރޭ، އަލީ ފާސިރު - ސެންޓޭ، އިބްރާހިމް އައިސަމް (މާޒިޔާ)، ނާއިޒު ހަަސަން - ދާދު (މާޒިޔާ)، ހަމްޒާ މުހައްމަދު - ހަމްޕު (މާޒިޔާ)، ހަސަން ރާއިފް އަހުމަދު - ހަންނަ، ހައިޝަމް ހަސަން - ބިޑި (މާޒިޔާ)، އަހުމަދު އައިހަމް - ފަތޯ (މާޒިޔާ)، ހަސަން ނަޒީމް - ޗޯޓު (މާޒިޔާ)، އިޔާން އަބްދުލް އަލީމް - ޗިކީ (މާޒިޔާ)، ހަސަން ޝިފާޒް - ޑުންގާ (މާޒިޔާ)، އިބްރާހިމް އުސާމާ ހަސަން މަޖީދު - އުކާ (ބުރު ސްޕޯޓްސް ކްލަބް)، ހަސަން އީނާޒް (ޓީސީ)، އިބްރާހިމް މަހުދީ ހުސެއިން - ފޭދޫ އިއްބެ (އީގަލްސް)، ހުސެއިން ނިހާން - ނިހާޓް (އޮޑި)، މުހައްމަދު ނާއިމް (އޮޑި)، އަހުމަދު ރިޒުވާން - ރިޒޭ (އީގަލްސް)، އަހުމަދު އައިހަމް - އައިހު (އޮޑި)، ހިސާމް ސަލީމް - ކޮކީ (އީގަލްސް)، މުހައްމަދު ޔާމީން (ވިކްޓަރީ)، އަހުޒަމް ރަޝީދު - އަހު (އޮޑި)، މުހައްމަދު އިލާން އިމްރާން (މާޒިޔާ)، ހަސަން ރާއިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ