އޮސްޓްރޭލިއާއިން އީރާނު ސަފީރު ވަކިކުރަން ނިންމި ނިންމުމަށް ރައްދު ދޭނެ ކަމަށް އީރާނުން ބުނެފި
އީރާނުން އޮސްޓްރޭލިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަކިކުރަން ނިންމުމާ ގުޅިގެން ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިރާނުން ބުނެފިއެވެ. އޮސްޓްރޭލިއާއިން ވަނީ އީރާނުގެ ސަފީރު އަހުމަދު ސާދިގީއަކީ އޮސްޓްރޭލިއާއިން މަރުހަބާ ކިޔާ މީހެއް ނޫން ކަމަށް އިއުލާންކޮށް، އޭނާއާއި އިތުރު ތިން އޮފިޝަލަކު ހަތް ދުވަހުގެ ތެރޭގައި އެގައުމުން ފުރުމަށް އަމުރުކޮށްފައެވެ. ސަފީރު ވަކިކުރަން އީރާނުން ނިންމީ އޮސްޓްރޭލިއާގެ ސިޑްނީއާއި މެލްބަންގައި ޔަހޫދީންނާ މެދު ނަފްރަތު އުފައްދައި އެމީހުންނާ ދެކޮޅަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާނު ކަމަށް ބުނުމުންނެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވަނީ އޮސްޓްރޭލިއާގެ ތުހުމަތުތަކާ ދެކޮޅު ހައްދަވައި ނުހައްގުން އަޅާ ޑިޕޮލޮމެޓިކް ފިޔަވަޅަކަށް އޭގެ ރައްދު ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އިސްރާއީލުން ޣައްޒާގައި ކުރާ ހަނގުރާމައާ ދެކޮޅަށް މިދިޔަ ހަފުތާ ބަންދުގައި މުޅި އޮސްޓްރޭލިއާގައި ކުރި މުޒާހަރާތަކާ ގުޅިގެން އެތެރޭގެ ނުފޫޒުން އެޅި ފިޔަވަޅެއް ކަމަށްވެސް ބަޣާއީ ވިދާޅުވިއެވެ. މިއީ ޣައްޒާ ހަނގުރާމައާ ގުޅިގެން އިސްރާއީލަށް އަމާޒުކޮށް އޮސްޓްރޭލިއާއިން ފާޑުކިޔާ މިންވަރު މަދުކަމުން އެކަން ފޫބައްދަން ކުރި ކަމެއް ކަމަށްވެސް ބަޣާއީ ވިދާޅުވިއެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހު ސިޑްނީގައި ކޮޝާ ކެފޭ ރޯކޮށްލުމުގެ ފަހަތުގައި އޮތީ ވެސް އީރާނު ކަމަށާއި ޑިސެމްބަރު މަހު މެލްބަންގައި ބޭއްވި ޔަހޫދީންގެ ބޮޑު އެއްވުމުގައި ރޯކޮށްލިއިރު އެކަމުގައި ވެސް އީރާނުން ބައިވެރިވެފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވީ މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އޮސްޓްރޭލިއާގެ ސަފީރަކު ވަކިކުރި ފުރަތަމަ ފަހަރު ކަމަށެވެ. އޮސްޓްރޭލިއާއިން ވަނީ 1968 ވަނަ އަހަރު އީރާނުގައި ހުރި އެ ގައުމުގެ ސަފީރު އަނބުރާ ގެންގޮސް، އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ އެމްބަސީގެ އޮޕަރޭޝަންތައް ހުއްޓާލާފައެވެ. ޔުނިވާސިޓީ އޮފް ތެހެރާންގެ ވޯލްޑް ސްޓަޑީޒް ޕްރޮފެސަރު ފުއާދު އިޒާދީއާ ހަވާލާދީ އަލް ޖަޒީރާއިން ބުނި ގޮތުގައި ސާދިގީއަކީ ފަލަސްތީނުގެ މައްސަލަގައި އިސްރާއީލަށް ފާޑުކިޔައި އަޑުއުފުއްލަވާ ބޭފުޅެކެވެ. "ގައުމެއްގެ ސަފީރު ވަކިކުރުމަކީ މަދުން ނަމަވެސް ކުރެވޭ ކަމެއް، އަދި އޮސްޓްރޭލިއާ ސަރުކާރުން މިކަން ކޮށްފައިވާކަމީ ފަލަސްތީނުގެ ނަސްލު ނައްތާލުމާ ދެކޮޅަށް އޮސްޓްރޭލިއާގެ އާންމުން ކުރާ ޑިމާންޑުތަކަށް ބިރުގަންނަކަމުގެ އިޝާރާތެއް،" އޭނާ ވިދާޅުވިއެވެ. ސަފީރު ވަކިކުރުމުގެ އިތުރުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް، އައިއާރުޖީސީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލިސްޓް ކުރުމަށް ސަރުކާރުން ގާނޫނު އެކުލަވާލާނެ ކަމަށްވެސް އަލްބަނީޒް ވިދާޅުވިއެވެ. އީރާނާ ދެކޮޅަށް އޮސްޓްރޭލިއާއިން އެ ފިޔަވަޅު އަޅާފައި ވަނީ އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށްޖައްސައި ކުރަމުންދާ ހަނގުރާމައާއި ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ފާޑުކިޔުމުގެ އިތުރުން، ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ފްރާންސް، އިނގިރޭސިވިލާތް އަދި ކެނެޑާއިންވެސް ނިންމާފައި ވަނިކޮށެވެ. މިދިޔަ ހަފުތާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަލްބަނީސްއަކީ އިސްރާއީލަށް ޚިޔާނާތްތެރިވެ އޮސްޓްރޭލިއާގެ ޔަހޫދީން ދޫކޮށްލި ބަލިކަށި ސިޔާސީ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ