ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ހައްޔަރު ކުރި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކަފާލާތުގެ ދަށުން ދޫކޮށްލަން ލަންކާގެ ކޯޓަކުން މިއަދު ނިންމައިފި އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ވިކްރަމަސިންހަ،76، ބައިވެރިވެވަޑައިގެންނެވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދައުލަތުގެ ހޮސްޕިޓަލެއްގައި އޮންނަވައިގެން ޒޫމް މެދުވެރިކޮށެވެ.
އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ އަނބިކަނބަލުންގެ ގްރެޖުއޭޝަނަށް 2023 ވަނަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި ދައުލަތުގެ ފައިސާ އިން 55،000 ޑޮލަރު ބޭނުންކުރެއްވި ކަމަށް މިހާރުގެ ސަރުކާރުން ކުރާ ތުހުމަތަކާ ގުޅިގެންނެވެ.
ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއްގެ ދަށުން ކުރިއަށް ގެންދިޔަ ދިގު އަޑުއެހުމަކަށް ފަހު ކޮލަމްބޯ ފޯޓްގެ މެޖިސްޓްރޭޓް ނިލުޕުލީ ލަންކަޕޫރާ ރަނިލް ދޫކޮށްލެއްވީ 16،600 ޑޮލަރުގެ ކަފާލާތެއްގެ ދަށުންނެވެ.
ޝަރީއަތް ހިނގަމުން ދިޔަ އިރު، ކޮލަމްބޯގެ މެދުތެރޭގައި ހުންނަ ކޯޓު ބޭރަށް އެތައް ސަތޭކަ ސަޕޯޓަރުންނާއި މުޒާހަރާގެ ބައިވެރިންނާއި އިދިކޮޅު ސިޔާސީ ބޭފުޅުން ވަނީ އެއްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ