މޭޔަރުކަމުގައި ހުރިއިރު އެމްޑީޕީން ކުރި ކަހަލަ ޖެއްސުމެއް މި ސަރުކާރުން ނުކުރާނެ: ރައީސް

މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު އެމަނިކުފާނަށް އެމްޑީޕީގެ ކުރީ ސަރުކާރުން ކުރިމަތިކުރުވި ދަތިތަކާއި ޖެއްސުން، މި ސަރުކާރުން ކައުންސިލްތަކަށް ނުކުރާނެ ކަމަށާއި، މަޝްރޫއުތައް ހިންގައި ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައް ކުރުން އޮތީ ކައުންސިލްތަކުގެ އަތްމަތީގައި ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ކައުންސިލްތަކަށް ލިބިދޭ ބައެއް ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް އެމަނިކުފާނު ތަސްދީގުކުރެއްވުމާ ގުޅިގެން ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ، އެމަނިކުފާނުގެ ނިންމެވުން ދިފާއުކުރައްވައިފައެވެ. އެގޮތުން "އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ އިސްލާހެއް ނުގެންނަވަން" ކަމަށް ރައީސް ވިދާޅުވިއެވެ. ކުރީ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން، މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މޭޔަރުކަމުގެ ދައުރުގައި މާލޭގައި އެއްވެސް ކަމެއް ކުރާނެ ފުރުސަތެއް އެމްޑީޕީ ސަރުކާރުން ނުދިން ކަމަށެވެ. އޭރު އޮތް [އެމްޑީޕީގެ] ސަރުކާރުން އެއްވެސް ކަމެއް އަޅުގަނޑަކަށް މާލޭގެ މޭޔަރަކަށް ހުރިއިރު ކުރާނެ ފުރުސަތެއް ނުދޭ. ލޭންޑް ޔޫޒް ޕްލޭން ހުށަހަޅާފަ އަހަރު ދުވަސް ވީއިރު ވެސް ފާސްކޮށްނުދޭ. ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހަދަންވެގެން ހުށަހެޅީމަ އަޅުގަނޑު އެ މަގާމުން ވަކިވިއިރުގަ ވެސް އޮތީ ހުއްދަ ނުލިބި،ރައީސް ޑރ. މުހައްމަދު މުއިއްޒު ނަމަވެސް، މި ސަރުކާރުން ކައުންސިލްތަކަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުޅުދުއްފުށި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ އިސްލާހެއް ކައުންސިލްތަކަށް މި ސަރުކާރުން ނުގެންނަ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ކުރާނެހާ ވެސް ކަމަކީ ލާމަރުކަޒީ ނިޒާމު "ޗެމްޕިއަންކޮށް" އެ ނިޒާމު ވަރުގަދަކުރުމެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އިނާޔަތް ދީ ގާނޫނަށް ގެނައި އިސްލާހާއި، ކައުންސިލްތަކުގެ އިދާރާތަކުގެ ތެރެއިން ހަލާކުވެފައި ހުރި އިމާރާތްތައް ބަދަލުކުރުމަށްޓަކައި ސަރުކާރުގެ ބަޖެޓުންނާއި ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ވާހަކައެވެ. ރައީސް ވިދާޅުވީ، އެއްވެސް ކައުންސިލެއް މާލެ ގެންނަން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި، މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާ އެކީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ކައުންސިލްތަކާ ބައްދަލުކުރައްވަނީ އެހެންވެ ކަމަށެވެ. ވަކިން ޚާއްސަކޮށް ކައުންސިލްތަކުން ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކަމެއް ހުށަހަޅައިފިނަމަ އެ ކަމެއް ކުރަން ސަރުކާރުން ހުއްދަދޭނެ ކަމަށާއި، ލޭންޑް ޔޫޒް ޕްލޭންގެ ބޭރުން ހުށަހަޅާ ކަންކަމަށް ހުއްދަ ދެނީ ސަރުކާރުގެ ސިޔާސަތާ ދިމާވޭތޯ ބެލުމަށް ފަހު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނުވިޔަސް އެއްވެސް ކަމެއް ސަރުކާރަކުން ނުހިފަހައްޓާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލްތަކުން ފާޅުކުރާ ކަންބޮޑުވުންތައް ބަލައިގަންނަން ދަތި ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ. އަޅުގަނޑު މޭޔަރަކަށް ހުރިއިރު އޭރުގެ ސަރުކާރުން އެ ކުރިމަތިކުރި ޖެއްސުންތަކާއި ހުރަސްތަކާއި، އެކަންކަން އަޅުގަނޑު މިހުރީ އަޒުމް ކަނޑައަޅައިގެން، އަޅުގަނޑުމެންގެ ސަރުކާރުން އެއްވެސް ކައުންސިލަކަށް ދިމާވިޔަ ނުދޭން. އެހެންވީމާ އެއްވެސް ބޭފުޅަކަށް އެހެން ވިދާޅުވުމުގެ ފުރުސަތެއް ނުލިބޭނެ،ރައީސް ޑރ. މުހައްމަދު މުއިއްޒު އެއާއެކު ރައީސް ވިދާޅުވީ، މަޝްރޫއުތައް ހިންގުމާއި ނުހިންގުމުގެ ހުރިހާ ބާރު އޮތީ ކައުންސިލްތަކުގެ އަތް މަތީގައި ކަމަށެވެ. "ބޯޅަ އޮތީ ކައުންސިލްގެ ކޯޓުގައޭ" ވިދާޅުވެ ރައީސް ވަނީ ކައުންސިލްތަކަށް ރައްދު ދެއްވައިފައެވެ. ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ސަރުކާރުން ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް ބަދަލުކޮށްފައެވެ. މި މަހުގެ 14 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، 18 ވަނަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ކަން ވެސް މިހާރު އެ ގާނޫނުގައި ވެއެވެ. އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް ގާނޫނުގައި މިހާރު ބުނެއެވެ. ރައީސް މި ބިލު ތަސްދީގުކުރެއްވީ، ތަސްދީގުނުކުރަން އެކި ކައުންސިލްތަކުން އެދިފައިވަނިކޮށްކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ