ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފި
އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވަ ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ރޭ ފަށައިފިއެވެ. މިއަހަރުގެ ވާހަކަދެއްކުމުގެ މުބާރާތް ދެ ބުރަކަށް ބެހިގެން ވެއެވެ. އެއީ ވާހަކަ ދެއްކުމުގެ ބުރާއި އަރުތަ ބުރެވެ. އެގޮތުން ވާހަކަ ދެއްކުމުގެ ބައިން އެންމެ މަތިން މާކްސް ލިބޭ 10 ދަރިވަރުން އަރުތަ ބުރަށް ދާނެ ކަމަށް، މުބާރާތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވިއެވެ. 38 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު: ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް އަޝްރަފް ވިދާޅުވީ، އަރުތަ ބުރު ބާއްވަނީ ދަރިވަރުން ވަޒީފާއަށް ނުކުންނައިރު، ވަޒީފާގެ މާހައުލަށް ތަމްރީނުކުރުމުގެ ގޮތުން ކަމަށެވެ. "އެހެންވީމާ ޕްރެޒެންޓޭޝަންތަކާ އެކުގަ މި މަސައްކަތް ކުރެވޭއިރު އެއަށް ދެވޭ އަމަލީ ތަމްރީނެއްގެ ގޮތުގަ އަޅުގަނޑުމެން ބަދަލު މި ގެނައީ،" އަޝްރަފް ވިދާޅުވިއެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުން ފެށިގެން މި މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. 38 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު --- ސަން ފޮޓޯ/ މޫސާ ނަދީމް މި މުބާރާތުގައި 26 ސްކޫލަކުން ވާދަކުރާއިރު، އަމިއްލަ ގޮތުންނާއި އޮފީސްތަކަށް ވެސް ބަހުސްކުރުމުގެ ބައިގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ. ދިވެހިބަހުގެ އެކެޑަމީން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނީ، މި މުބާރާތް މިދިޔަ ހޯމަ ދުވަހު ފަށައި، އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. ރޭ ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި، ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 38 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު --- ސަން ފޮޓޯ/ މޫސާ ނަދީމް ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ ވަރަށް ގިނަ ސްކޫލުތަކަކުން އިންތިޒާރުކުރާ ވާދަވެރި މުބާރާތެކެވެ. މިމަހުގެ 17 ވަނަ ދުވަހު ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ ދަންފަޅިތައް ނިންމާލައިފައެވެ. އެ ދަންފަޅިތަކުގައި ވާހަކަދެއްކުމަށް ތައްޔާރުވުމަށް ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި، މައުޟޫއު މާނަކުރާ ގޮތާއި، އޮނިގަނޑު ރޭވުމުގައި ސަމާލުކަންދޭންވީ ކަންކަމާއި، މިސްރާބު ކަނޑައަޅާގޮތުގެ އިތުރުން، މުބާރާތުގައި ދަރިވަރުން ސަމާލުކަންދޭންވީ މުހިންމު ކަންކަން ވަނީ ކިޔައިދީފައެވެ. ހަމައެއާއެކު މި އަހަރުގެ މުބާރާތަށް ގެނެވުނު ބަދަލުތައް ވެސް ވަނީ ކިޔައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ