ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދެނީ
ކަށި މިޔަރުގެ މަސްވެރިކަމަށް މިއަހަރުގެ ނޮވެމްބަރު މަހު ހުއްދަ ދޭނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުޅުދުއްފުށި ރައްޔިތުންނަކީ މީގެކުރިން ކަށި މިޔަރުގެ މަސްވެރިކަން ކުރި ބައެއް ކަމަށާއި އެކަމުން ވަރަށް ބޮޑު އާމްދަނީއެއް ވެސް ލިބެމުންދިޔަ ކަމަށެވެ. ނަމަވެސް ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާއެކު އެކަން ހުއްޓިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ."ފިޝަރީޒް މިނިސްޓްރީ އެންވަރަޔަމަންޓް މިނިސްޓްރީން ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމެންޓް ޕްލޭނެއް ޑްރާފްޓްކޮށް ނިމިއްޖެ. މި ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.ރައީސް ވަނީ ތާރީހުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރަން ފުރުސަތު ލިބޭނެ ކަމަށާއި އެކަމަށް ތައްޔާރުވާން ގޮވާލާފަ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން މީގެ ކުރިން ވަނީ ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޭން ވެސް ނިންމައިފައެވެ. އެކަމަކު، ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވައި، ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމައިފައެވެ.އެ ކަމާ ގުޅިގެން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އޭރު ވިދާޅުވީ، ލޭނު މަސްވެރިކަމުން ވާން އޮތް ފައިދާއަށްވުރެ ބޮޑަށް ރައީސް ވިސްނެވީ އެ ސިނާއަތުގައި މަސައްކަތްކުރާ ބޭފުޅުންގެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދެއްވަން ކަމަށެވެ.ބައެއް ސިނާއަތްތަކާ ގުޅޭ ގޮތުން ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތައް އެ ސިނާއަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ކަންބޮޑުވުމާއެކު މީގެ ކުރިން ބަދަލުކުރައްވާފައި ވެސް ވެއެވެ.ނިންމުންތައް ނިންމަވައި އަނބުރާ ގެންދަވާތީ، އެކަމާ ގުޅިގެން މީގެކުރިން ވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ