މީޑިއާ ނެތިކޮށްލާ ބިލު ބޭރުކޮށްލަން ގޮވާލައި މަޖިލިސް ދޮށުގައި މާދަމާ މުޒާހަރާ ކުރަނީ މީޑިއާ ނެތިކޮށްލާ ބިލު ބޭރުކޮށްލަން ގޮވާލައި މަޖިލިސް ދޮށުގައި މާދަމާ މުޒާހަރާ ކުރަނީ

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް މާދަމާއަށް އެޖެންޑާ ކޮށްފައިވާއިރު އެ ބިލު ބޭރުކޮށްލަން ގޮވާލައި މާދަމާ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަން ނިންމައިފި އެވެ.
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ މާދަމާ ހެނދުނު 09:00 އަށް މީޑިއާގެ ދިފާއުގައި މަޖިލިސް ދޮށަށް އެއްވުމަށް ގޮވާލާފަ އެވެ. މަޖިލީހަށް ބިލު ވެއްދި ދުވަހު މަޖިލީހުގެ ގެލެރީ އާއި ބޭރުގައި ވެސް ނޫސްވެރިން މުޒާހަރާ ކުރި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލެއް ހުށަހެޅުއްވީ އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެކެވެ. ނަމަވެސް މިހާތަނަށް މަޖިލީހުގައި ވޯޓު ދެއްވާފައި ވަނީ ސަރުކާރު ބޭނުންވާ ގޮތަށެވެ.
އެ ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ބިލް އަނބުރާ ގެންދިޔުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ ގޮވާލާފަ އެވެ.
މީޑިއާ ނެތިކޮށްލާ ބިލަށް ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް ހިތަށް އަންނަހާ އެއްޗެއް ބުނެ، ލިޔުމަކީ އޮތް މިނިވަންކަމެއް ނޫން ކަމަށް މުއިއްޒު ކުރިން ވިދާޅުވުމަށް ފަހު، ރޭ ހދ. ނޮޅިވަރަންފަރުގައި ވިދާޅުވީ ބިލުން އުފެދޭ ކޮމިޝަންގެ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް ހުންނަ ގޮތަށް އޮތުމުގެ ބަދަލުގައި އިސްލާހުކުރާއިރު ކޮމިޝަނުގެ މެންބަރުން ވޯޓުލައިގެން ރައީސް ހޮވޭ ގޮތަށް ބަދަލުކުރަން ޕީއެންސީ މެންބަރުންނަށް އަންގަވާފައިވާ ކަމަށެވެ.
މީޑިއާ ކޮންޓްރޯލް ކުރަން މުއިއްޒު ބޭނުން ނުވާ ކަމަށް ވިދާޅުވި ނަމަވެސް، ބިލް ބޭރު ކުރަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް އިޖާބަ ދެއްވައި، އެ ބިލާ ދެކޮޅުމަށް އެ މަނިކުފާނު ބަހެއް ވިދާޅެއް ނުވެ އެވެ. އަދި އެ މަނިކުފާނުގެ ޕީއެންސީން ވެސް ބިލާ ދެކޮޅުކަން ހާމައެއް ނުކުރެ އެވެ.
އެހެންވެ، މިއީ ޕީއެންސީގެ ސަޕޯޓާއެކު ކުރިއަށް ގެންދާ ބިލެއް ކަމަށް ކަށަވަރުވެ އެވެ. މަޖިލީހުގައި އޮތީ އެ ޕާޓީގެ ސުޕަމެޖޯރިޓީއެއް ކަމަށްވުމާއެކު މި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ