ޖޭޕީގެ ވެރިކަމެއްގައި މަހުގެ އަގު 26 ރުފިޔާއަށް ބޮޑު ކޮށްދޭނަން: ގާސިމް

މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖޭގައި މަސް ކިލޯއަކަށް ދޭ އަގު، 26 ރުރިޔާއަށް ހަމަޖައްސާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސެންޓަރުތަކުން މިހާރު މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ ކިލޯއެއް 17 ރުފިޔާއަށެވެ. ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ގދ. ތިނަދުއަށް އިއްޔެ ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގެ ހުރިހާ ހިސާބަކުން އެއް ހަމައެއްގައި މަސް ކިރުވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ އަގު ކިލޯއަކަށް 25 ރުފިޔާއަށްވުރެ ދަށްވިޔަ ނުދޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ އެ ކަމަށް ދާ ޚަރަދު ދެކޮޅު ޖައްސާނީ ރޯ މަހުގެ އެކްސްޕޯޓް ހުއްޓާލައި ތަފާތު ވެލިއު އެޑެޑް ޕްރޮޑަކްޓް އުފައްދާ، ދުނިޔޭގެ ބާޒާރަށް ނެރެ ވިއްކައިގެން ކަމަށެވެ. އަދި، އެއީ އެކަން ކުރެވެން މި ވަގުތު އޮތް ހަމައެކަނި ގޮތް ކަމަށާއި އެ ނޫން ގޮތަކަށް އެ ކަން ކުރާ ނަމަ ޖެހޭނީ ދައުލަތުން ބޮޑު ސަބްސިޑީއެއް ދޭން ކަމަށް ގާސިމް ވިދާޅުވިއެވެ. "ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މަސް ބާނާ ހުރިހާ އެންމެން ވެސް މަސް ވިއްކަން އައިސްގެން ކަލުބިލަ މަހުގެ މަސް ނުވިއްކާނެ 25 ރުފިޔާއަށް ވުރެ ދަށް އަގަކަށް. "އިންފެކްޓް" އަޅުގަނޑުމެން ގަންނާނީ 26 ރުފިޔާއަށް ކިލޯއެއް. އެ ކަން މިއަދަކު އަޅުގަނޑަކަށް ނުކުރެވޭނެ. އެއީ ކީއްވެ. އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލެއާއި ރަށްރަށުގައި ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ކަރަންޓާއި ފެނުގެ ކަންކަމުގައި ވެސް ތަފާތުކުރުން އިންތިހާއަށް ގެންގުޅެމުން އަންނަ ކަމަށެވެ. އެހެންކަމުން ވެރިކަން ހަވާލުކޮށްފި ނަމަ ރަށްރަށާއި މާލޭގައި ހުރި ފެނާއި ކަރަންޓު ބިލުގެ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ޖޭޕީގެ ވެރިކަމެއްގައި ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެކަމާއި ހުރިހާ އެންމެންނަށް ކަން ކުރާނީ އެއް އުސޫލަކުން ކަން ހާމަ ކުރައްވަމުން ގާސިމް ވިދާޅުވީ ހަމަ އެފަދައިން އަތޮޅުތެރެއާއި މާލެއާ ވެސް ތަފާތު ނުކުރައްވާނެ ކަމަށެވެ. "ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އޮންނާނީ އެއް އަގެއް. މާލެއާއި ރާއްޖެތެރެއާ އަޅުގަނޑު ތަފާތެއް ނުކުރާނަން. އޭގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން މިހާތަނަށް ކަރަންޓާ ފެނުގެ ބިލަށް ޖޫރިމަނާ ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދޭނަން،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ވިޔަފާރި ކުރާ ތަންތަނުން ޑަބަލްކޮށް ފެނާއި ކަރަންޓު ބިލްގެ ފައިސާއެއް ނުނެގޭނެއެވެ. އަދި، އެ ކަން ވެސް ކުރެވޭނީ އެއް އަގެއްގައި ކަމަށާއި ޚާއްސަކޮށް ސަބްސިޑީގެ ގޮތުގައި ދޭންޖެހޭ އެއްޗެއް ދެވޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ