އިރާދަކުރެއްވިއްޔާ އިންތިޚާބު ކާމިޔާބުކުރާނީ އަޅުގަނޑު: ގާސިމް އިބްރާހީމް

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ އެމަނިކުފާނުކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
"ވީނިއުސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެނޑިޑެސީ ފޯމު ލާންޖެހޭ ދުވަސް ކުޑަތަންވަމުން އަންނައިރު، ޖޭޕީން އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. ކަންތައްތައް ހުރިގޮތުން މިހާރު މަޑުކޮށްލައިގެން ހުންނެވީ، އަމިއްލަ ނަފްސުން އެކަން ނުކުރިއަސް އެމަނިކުފާނުގެ ޕާޓީން އެކަން ކުރަމުން ގެންދާވާތީކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ކޮންމެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއްވެސް ނޫންކަމަށާއި، މޮޅުކަމަކަށް ވާނީ ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމައިކަމަށެވެ. އެހެންކަމުން އިރާދަކުރެއްވިއްޔާ މިއިންތިހާބު ޖޭޕީން ކާމިޔާބުކުރައްވާނެކަމަށް ގާސިމް ވިދާޅުވިއެެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެކަމަށް ގާސިމް އިބްރާހީމް ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށް ފަހު، ދަރުބާރުގެ ހާޒިރިންނާ މުހާތަބުކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވީ، އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައިކަމަށެވެ.
"ވަޢުދު ނާމާ" އިއްވަވަމުން އެމަނިކުފާނު ވަނީ، ދިވެހިންގެ މާތްވެގެންވާ ދީނާއި އަދުލު އިންސާފާއި ގައުމީ ސަލާމަތާއި، ސަލާމަތީ ބާރުތަކާއި ޑިމޮކްރެސީއާއި މިނިވަންކަމާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައު އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކާއި ބޯހިޔާވަހިކަމާއި ދަރަނިވެރިކަމުން ސަލާމަތްވާނެ އައު ވިސްނުންތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރިއާއި އިޤްތިޞާދު ހަރުދަނާކުރެވޭނެ ގޮތްތަކާއި ސިއްހަތާއި ތައުލީމާއި މަސްތުވާތަކެތީގެ ވަބާއި ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމާއި ވަކި އަތަކަށް ބުރަނުވާ "ދިވެހިން ފުރަތަމަ"އަށް އަންނަ ޚާރިޖީ ސިޔާސަތާއި ތިމާވެށި ހިމާޔަތްކުރުމާއި އާޓިފިޝަލް އިންޓެލިޖަންސަށް އަހުލުވެރި ރާއްޖެއެއް އުފަންކުރުމާއި އިންފޮމޭޝަން ޓެކްނޮލޮޖީ ހަރުދަނާކުރުމަށް ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރައްވާނެ ކަމަށް ޤާސިމް އިބްރާހިމް ވަޢުދުވެވަޑައިގަންނަވާފައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ، ދަރަނިތައް ކުޑަކޮށް އެއިން ސަލާމަތްވުމަށް އާމްދަނީ އިތުރުކުރުމާއިއެކު، މާލީ ހެޔޮމިސްރާބަކަށް ޤައުމު ގެންދަވާނެ ކަމަށާއި ރިޔާސީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ޖީ.ޑީ.ޕީ 120 އިންސައްތައިން 90 އިންސައްތައަށް ތިރިކޮށް، ދައުލަތުގެ ޚަރަދު ޖީ.ޑީ.ޕީގެ 35 އިންސަތައިގައި ހިފަހައްޓާ، ދައުލަތުގެ އާމްދަނީ ޖީ.ޑީ.ޕީގެ 30 އިންސައްތައަށް މަތިކުރާނެ ކަމަށެވެ.
‏ރާއްޖޭގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ވަރަށް އިންފްރާސްޓަކްޗަރ ޤާއިމްކޮށް ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމް އެއް އަޅާނެ ކަމަށް ވިދާޅުވެ ޤާސިމް އިބްރާހީމްވަނީ ޒުވާން އެތުލީޓުންނަށް އުންމީދު ގެނެސްދެއްވާފައެވެ. ‏އެމަނިކުފާނު ވިދާޅުވީ ބައިނަލްއަޤްވާމީ މިންގަނޑުގެ މޯޝަންޕިކްޗަރަސް ސްޓޫޑިއޯ އައިލަންޑެއް ރާއްޖޭގެ ރަށެއްގައި ތަރައްޤީކޮށް، ދިވެހި ޒުވާނުންނަށް އެމީހުންގެ ހުނަރުން އާމްދަނީ ލިބޭނޭ މަގުފަހިކުރައްވާނެ ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ފަސް އަހަރުގެ ތެރޭގައި ތިން ބިލިޔަން ރުފިޔާ ހޭދަކޮށް ޜާއްޖޭގެ އެކިހިސާބުގައި މަދުވެގެން 500 "ސްމޯލް ބިޒްނަސް ލީޑަރސް" އުފައްދާނެ ކަމަށް ޤާސިމް ވައުދުވެވަޑައިގަތެވެ.
ޤާސިމް ވިދާޅުވީ އާސަންދައަކީ ސިޔާސީ މީހުންގެ ގާތަށް ގޮސް ސަލާން ޖަހަން ނުޖެހޭ ނިޒާމަކަށް ހައްދަވައި، އިންސާފުވެރި، ކޮރަޕްޝަން ނެތް، ބަލިމީހާއަށް ފުރިހަމައަށް އެހީތެރިވެދެވޭ، ޚަރަދުތައް ފުރިހަމައަށް ބެލެހެއްޓިގެން ހިނގާ، އިސްރާފު ނެތް ނިޒާމަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ސްޕެޝަލިސްޓް ޑަކްޓަރަކަށް ދެއްކުމަށް ގިނަދުވަހު ހުންނަން ޖެހުން ނިމުމަކަށް ގެނެސް، ހަތް ދުވަހުގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކޭނެ ގޮތަށް ހެލްތް ރިފަރަލް ސިސްޓަމް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
‏މީގެ އިތުރުން، ރާއްޖޭގެ ވެރިޔަކަށް އެމަނިކުފާނު ހޮއްވަވައިދެއްވައިފިނަމަ، ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގައި ފެންނާނޭ ކަރަޕްޝަނާ އެންމެ ދުރު ސަރުކާރު ކަމުގައި ޖޭޕީގެ ސަރުކާރު ވާނޭކަމުގެ ޔަޤީންކަން ޤާސިމް އިބްރާހީމް އެރުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުން ވައްކަންކޮށް، ކަރަޕްޝަން ހިންގުމަކަށްޖާގައެއް ނުދެއްވާނެ ކަމަށެވެ.
އެޖަލްސާގައި ޤާސިމް އިބްރާހީމްވަނީ އެއްވެސް މީހަކު ބާކީ ނުކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ