އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ލިބެން ޖެހޭ ފައިދާ އޭގެ ހަގީގީ މާނައިގައި ލިބޭނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ރޭ ވިދާޅުވެއްޖެއެވެ.
ވީޓީވީން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ބޮޑު ދެ ޕާޓީ ކަމަށް ބުނާ އެމްޑީޕީ އަދި ޕީޕީއެމަށް ވެރިކަން ދީގެން 15 އަހަރު ތިބިއިރުގައި ވެސް، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ނުވާކަމަށެވެ.
އެގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އަދިވެސް ތިބީ އެކަމުން އަރައި ނުގަނެވިފައި ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލު ހޯދިފައި ނެތްކަމަށް ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ، ކޮންމެ ސަރުކާރަކުންވެސް އަންނަނީ ވަކި ގައުމަކަށް ބަރޯސާވެ އިންތިހާއަށް ދަރަނި ނަގަމުން ކަމަށެވެ.
"ޕީޕިއެމްގެ ސަރުކާރުގައި ހަމަ އިރު މައްޗަށް ތިމަންނާ އެނބުރުނީއޭ ވިދާޅުވެފަ، ޗައިނާއާ އެއްކޮން ހަމަ އެހާ ގިނަ ލޯނު ނެގި." އަލީ ވަހީދު ވިދާޅުވިއެވެ.
މި ހިސާބަށް މިކަން އައިރުގައި، މި މައްސަލަތަކަށް ހައްލު ގެނެވޭނީ ކާކައްތޯ ރައްޔިތުން ވިސްނަންޖެހޭކަމަށް ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ އެ ސުވާލުގެ ޖަވާބު ޖުމްހޫރީ ޕާޓީގެ ކެމްޕެއިންތަކުން ލިބެމުންދާނެކަމަށެވެ.
ހިޔާ ފްލެޓްއާއި އަދި އެހެން ތަން ތަނުންވެސް ދޫކޮށްފައި ހުރި ސޯޝަލް ހައުސިން ޔުނިޓުތަގެ ކުލި މާފުކޮށްދިނުމަށް ގާސިމް ވައުދުވެވަޑައިގެންފައިވާކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ. ސޯޝަލް ހައުސިން ޔުނިޓްތަކަކަށް މީހުން ވައްދާފައިތިބީ، ފިނިޝިންވެސް ނަހަދާކަމަށް ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ، މިކަމުގެ ސަބަބުން ރައްޔިތުން ދަރަނިވެރިވަމުން އަންނަކަމަށެވެ. ފިނިޝިން ހެދުމަށް ރައްޔިތުން އެތައް ލޯނެއް ނަގާފައިވާއިރު، ފްލެޓުތައް އެޅުމަށް ސަރުކާރުން ނެގި ލޯނު ފޫބެއްދުމަށްވެސް ފައިސާ ނަގަނީ ރައްޔިތުންގެ އަތުންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ނަމަވެސް މިއީ ދުނިޔޭގައި ކަން ކުރާ ގޮތް ނޫންކަން ގާސިމް ވިދާޅުވެދެއްވައިފިކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ އޭގެ ހަގީގީ މާނައިގައި ލިބޭނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ފައިދާ ލިބޭނީ ގާސިމް ވެރިކަމެއްގައި: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ