ލަންޑަން (މެއި 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގަައި ލީޑްސް ޔުނައިޓެޑާ 1-1 އިން އެއްވަރުވެ، ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި، ކުރާ މަސައްކަތުގައި ހަމަނޭވައެއް ލުމަށް ލިބުނު ފުރުސަތު ޓޮޓެންހަމް ހޮޓްސްޕާސް އިން ނަގާލައިފި އެވެ.
މި ފަހަރުގެ ލީގުން ރެލިގޭޓްވާ ތިން ޓީމުގެ ތެރެއިން ދެ ޖާގައެއް އޮތީ ޔަގީންވެފަ އެވެ. އެއީ، 20 ޓީމު ވާދަކުރާ ލިގުގެ ފުލުގައި އޮތް ވުލްވްސް އާއި ބާންލީ އެވެ. އަނެއް ޖާގަ އަށް ވެއްޓޭނީ، ޓޮޓެންހަމް ނޫނީ ވެސްޓް ހޭމް ޔުނައިޓެޑް އެވެ. މި ހަފްތާގައި ވެސްޓް ހޭމް ކުޅުނު މެޗުން ބަލިވުމުން، އެ ޓީމާ އޮތް ފަރަގު ބޮޑުކުރުމަށްޓަކައި، ރޭގެ މެޗުން މޮޅުވާން ޓޮޓެންހަމަށް އޮތީ މަޖުބޫރުވެފަ އެވެ. އެކަމަކު، ލީޑެއް ލިބުނު ނަމަވެސް އެ ނުހިފެހެއްޓި، އެ ޓީމުން ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ.
ބާކީ ދެ މެޗު އޮތްއިރު، ޓޮޓެންހަމް 17 ވަނައިގައި އޮތީ 36 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ވެސްޓް ހޭމް 18 ވަނައިގައި އޮތީ 36 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމަށް ބާކީ އޮތީ ރަށުންބޭރުގައި ޗެލްސީއާ ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި އެވަޓަންއާ ބައްދަލުކުރާ މެެޗެވެ. ވެސްޓް ހޭމް އަށް އޮތީ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ލީޑްސްއާ ބައްދަލުކުރާ މެޗެވެ.
ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ، މެޗުގެ 50 ވަނަ މިނިޓްގައި އޭރިއާބޭރުން މަތީސް ޓެލް ޖެހި ގޯލުންނެވެ. މި މެޗުގައި ލީޑްސް އިން އެއްވަަރުކުރި ގޯލަކީ، ޓެލް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. އެ ގޮތުން، ޓޮޓެންހަމް އޭރިއާތެރެއިން ލީޑްސްގެ އީތަން އަމްޕަޑޫ އަށް ޓެލް ކުރި ފައުލަށް ދިން ޕެނަލްޓީ އެ ޓީމުގެ ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ ގޯލަށް ވައްދާލައިފަ އެވެ. މި ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީހޯދައިގެންނެވެ.
މެޗުގެ ފަހު ކޮޅުގަައި ލީޑްސް އިން ލީޑުނެގުމާ ގާތަށް ވެސް ދިޔަ އެވެ. އެ ގޮތުން، އެ ޓީމުގެ ސިއަން ލޯންގްސްޓާފް ފޮނުވާލި ބޯޅައެއް ޓޮޓެންހަމްގެ ކީޕަރު، އެންޓޮނިން ކިންސްކީ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެެވެ.
ލީޑްސްއާ އެއްވަރުވެ ޓޮޓެންހަމް އިން ހަމަނޭވައެއް ލާން ލިބުނު ފުރުސަތު ނަގާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ