އިއްޔެ އާންމުކުރި ރޮއިޓާސް/އިޕްސޯސްގެ އާ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާއިން އީރާނާ އެކު ހަނގުރާމައަކަށް ދާންޖެހުނު ސަބަބު ރައީސް ޑޮނަލްޑް ޓްރަމްޕަށް ސާފުކޮށްދެވިފައި ނުވާ ކަމަށް އެމެރިކާގެ ތިންބައިކުޅަ ދެބައި މީހުން ގަބޫލުކުރެ އެވެ.
މި ހަނގުރާމަ ފެށުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އީރާނުގައި އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާ މަގުސަދުތައް ޓްރަމްޕް ސާފުކޮށްދެއްވާފައި ނުވާ ކަމަށް، ސާވޭގައި ބައިވެރިވި %66 މީހުން ބުނެފައިވެ އެވެ. މީގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ވެސް ހިމެނެ އެވެ.
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހުރަސްއެޅުމުގެ ސަބަބުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ސާވޭގެ ނަތީޖާއިން ދައްކާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އާއިލާގެ މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް އެމެރިކާގެ %63 މީހުން ބުނެފައިވެ އެވެ.
ތެލުގެ އަގު އުފުލުމުގެ ޒިންމާ ކޮންމެވެސް މިންވަރަކަށް ޓްރަމްޕްގެ ސަރުކާރުން އުފުލަންޖެހޭނެ ކަމަށް ސާވޭގައި ބައިވެރިވި ހަތަރުބައިކުޅަ ތިންބައި މީހުން ދެކޭއިރު، %65 މީހުން މިކަމުގެ ތުހުމަތު އަޅުވަނީ ރިޕަބްލިކަން ޕާޓީގެ ބޮލުގަ އެވެ. މިކަމުގައި ޑިމޮކްރެޓުން ކުށްވެރިކުރަނީ %27 މީހުންނެވެ.
ކަންބޮޑުވުންތައް އިތުރުވަމުން ދިޔަ ނަމަވެސް، ޓްރަމްޕަށް އޮތް ތާއީދު ވަނީ އޭޕްރީލް މަހުގެ ފަހުކޮޅު ހުރި %34 އިން %36އަށް ކުޑަކޮށް އުފުލިފަ އެވެ. ނަމަވެސް، މިއީ އޭނާގެ ރިޔާސީ ދައުރު ފެށުނުއިރު އޮތް %47ގެ ތާއީދާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު އެމެރިކާގެ ފަސްބައިކުޅަ ހަތަރުބައި މީހުންގެ މެދުގައި އެބައޮތެވެ. އަދި މީގެ ސަބަބުން ހޫނު މޫސުމުގެ ދަތުރުފަތުރުގެ ރޭވުންތައް މަދުކުރަން ޖެހިދާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އީރާނާ އެކު ކުރާ ހަނގުރާމައިގައި އެމެރިކާއަށް މިވަގުތު ކުރިލިބެމުންދާ ކަމަށް ގަބޫލުކުރަނީ ސާވޭގައި ބައިވެރިވި ކޮންމެ ތިން މީހަކުން އެކަކެވެ. ނަމަވެސް ގިނަ މީހުން ދެކޭ ގޮތުގައި އެއްވެސް ކޮޅަކަށް ކުރިއެރުމެއް ނުލިބެއެވެ ނުވަތަ އެކަމާ މެދު އެ މީހުން ތިބީ ވަކި ގޮތެއް ނިންމަން ނޭނގިފަ އެވެ.
އެމެރިކާގެ ގިނަ ބަޔަކު ދެކެނީ އީރާން ހަނގުރާމައިގެ މަގުސަދު ޓްރަމްޕް ސާފުކޮށްދީފައިނުވާ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ