ކައުންސިލް އިންތިހާބުގެ ނާކާމިޔާބީއާ އެކު އިނގިރޭސި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވަނީ

އިނގިރޭސިވިލާތުގެ ލޯކަލް އަދި ސަރަހައްދީ އިންތިހާބުގައި، ވެރިކަންކުރާ ލޭބާ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، ބޮޑުވަޒީރު ކިއާ ސްޓާމާ އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ގަދަވެއްޖެ އެވެ.
އިންތިހާބުގައި، ރިފޯމް ޔޫކޭ އާއި ގްރީން ޕާޓީން އިންގްލެންޑް، ވޭލްސް އަދި ސްކޮޓްލެންޑްގައި ވަނީ ތާރީހީ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އަދި ލޭބާ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފަ އެވެ. އެ ޕާޓީގެ 1,400 އަށްވުރެ ގިނަ ކައުންސިލަރުންގެ ގޮނޑި ގެއްލިފައިވާއިރު، ވޭލްސްގެ ސެނެޑް (ގާނޫނު ހަދާ މަޖިލީސް) ގައި އެ ޕާޓީން ދަމަހައްޓަމުން އައި ބާރު ވެސް ވަނީ ގެއްލިފަ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި ލޭބާ ޕާޓީގެ 403 މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން 70 އަށްވުރެ ގިނަ މެންބަރުން ވަނީ ސްޓާމާ މަގާމުން ވަކިވުމަށް އެދިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެހީތެރިންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅަކު ވެސް ހިމެނެ އެވެ. އެ ހަތަރު ބޭފުޅުން ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ޕާޓީގެ ގަވާއިދު ބުނާގޮތުން، ލޭބާ ޕާޓީގެ ލީޑަރޝިޕް ބަދަލުކުރުމުގެ މަރުހަލާއެއް ފެށޭނީ މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ މެންބަރުންގެ 20 ޕަސެންޓް ނުވަތަ 81 މެންބަރުންގެ ތާއީދު ލިބިގެންނެވެ.
ފިއްތުން އިތުރުވިޔަސް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައި، ގައުމު ބަދަލުކުރެވޭނެކަން ސާބިތުކޮށްދެއްވާނެ ކަމަށް ބޮޑުވަޒީރު ސްޓާމާ ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް "މި ބަދަލުތައް ގެނައުމަށް ބޮޑުވަޒީރަށް އޮތް އާންމުންގެ އިތުބާރާއި ޔަގީންކަން މިހާރު ގެއްލިފައިވާކަން ވަނީ ސާފުވެފައި" ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވި އެއް ބޭފުޅެއް ކަމަށްވާ ޖޯ މޮރިސް އެކްސްގައި ލިޔުއްވާފައިވެ އެވެ.
އިސްތިއުފާ ދެއްވި ޓޮމް ރަޓްލޭންޑް ވިދާޅުވި ގޮތުގައި ސްޓާމާއަށް ވަނީ މެންބަރުންގެ ޔަގީންކަން ގެއްލިފަ އެވެ. އަދި  "އެ ބާރު އަލުން ހޯދުމުގެ ފުރުސަތެއް ނެތް" ކަމަށް ވެސް ވިދާޅުވި އެވެ.
ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ އެހީތެރިއަކަށް ހުންނެވި މެލަނީ ވާޑް ވިދާޅުވީ، ސްޓާމާ އަކީ ޕާޓީ ބަދަލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ނަމަވެސް، "ވޭތުވެދިޔަ ހަފުތާގެ އިންތިހާބުތަކުން ލިބުނު މެސެޖު ސާފު ކަމަށެވެ.
އެއީ އޭނާ ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެނައުމަށް ބޮޑުވަޒީރަށް އޮތް އާންމުންގެ އިތުބާރު ގެއްލިފައިވާ ކަމުގެ މެސެޖެވެ. 
އެކަމަކު ސްޓާމާ ހުންނެވީ އިސްތިއުފާ ދެއްވުމުގެ ވިސްނުމަކު ނޫނެވެ.
"އަޅުގަނޑާ މެދު ޝައްކުކުރާ މީހުން ތިބިކަން އެނގޭ، އަދި އެއީ ކުށްހީއެއްކަން ސާބިތުކޮށްދޭން ޖެހޭކަން ވެސް އެނގޭ، އަދި އަޅުގަނޑު އެކަން ކުރާނަން" ނާކާމިޔާބީއާ ގުޅިގެން ދެއްވި ތަގުރީރެއްގައި ސްޓާމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮންޒަވޭޓިވް ސަރުކާރުގައި ފެނިގެންދިޔަ ފަދަ "ހަލަބޮލިކަން" ލޭބާ ޕާޓީގެ ތެރެއިން ފެނިއްޖެ ނަމަ، ރައްޔިތުން "ދުވަހަކުވެސް މާފެއް ނުކުރާނެ" ކަމަށެވެ.
އުމުރުން 63 އަހަރުގެ ސްޓާމާ ވެރިކަމަށް ވަޑައިގަތީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް އޭނާގެ ސަރުކާރަށް ވަނީ ސިޔާސީ އެކި ގޯސްތަކާއި ހިޔާނާތުގެ މައްސަލަތައް ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ