ނަރުހުންގެ ދުވަހުގެ ބޭއްވި ބަހުސް ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ޚާއްސަ ބަހުސް ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި މިއީ ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަނުން އިންތިޒާމްކުރި ބަހުސެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައި ކުރިއަށްގެންދިޔަ މި ބަހުސް ސެޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒްގެ ރައީސާ މަރިޔަމް ނިޔާން އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަންގެ ރައީސާ އާމިނަތު ޒީނިޔާއެވެ.
މި ބަހުސްގެ މަޢުޟޫއަކީ، "ދިވެހިރާއްޖޭގައި ނަރުސްކަމުގެ ދާއިރާއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ." ދެ ޓީމަކުން ކުރިއަށް ގެންދިޔަ މި ބަހުސްގައި ޓީމް-އޭއިން މައުލޫއާ އެއްކޮޅަށް ބަހުސްކުރިއިރު، ޓީމް- ބީއިން ބަހުސްކުރީ މައުލޫއާ ދެކޮޅަށެވެ.
ދިވެހިރާއްޖޭގައި ނަރސިންގގެ ދާއިރާއިން ކުރިއަށް ދިއުމާއި، މި ދާއިރާ އިތުރަށް ފުޅާކޮށް، އައު ފުރުޞަތުތަކެއް ހޯދައިދިނުމުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލެވިގެންދިޔަ މި ބަހުސް ސެޝަންގައި ދާއިރާގެ ޢަމަލީ އަދި ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ބަހުސް ބައްލަވާލެއްވުމަށްވެސް ދާއިރާގެ ގިނަ ޢަދަދެއްގެ ބޭފުޅުން ވަޑައިގެންނެވިއެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ