ރައީސް މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ތަގުރީރުތަކުގައި އެންމެ ގިނައިން ދައްކަވާ އެއް ވާހަކައަކީ އަދުލުވެރިވުމުގެ ވާހަކަ އެވެ. ނަމަވެސް އަހަރެންނަށް ރައީސް އޮފީހުން އިއްޔެ އަދަދު ނޫހާއި މި ނޫހުގެ ހުރިހާ ނޫސްވެރިންނާ މެދު އެޅި ފިޔަވަޅަކީ އެ އޮފީހުގެ އެތެރޭގެ އުސޫލުތަކަކަށް ހަވާލާދީފައިވާ ނިންމުމެއް ނަމަވެސް އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ދައުލަތުގެ ބާރުތައް ވަކިވުމުގެ އުސޫލާއި، "ޑިއު ޕްރޮސެސް" ނުވަތަ އަދުލުވެރި އިޖުރާއާތުގެ ބޭރުން ނިންމި ނިންމުމެކެވެ.
ވީ ގޮތަކީ ކޮބާ؟
ކޮންމެ ހޯމަ ދުވަހަކު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ ހެނދުނު 10:00 އިން 11:00 އަށެވެ. މުއިއްޒުގެ މި ބައްދަލުވުންތައް މި ތާވަލުގެ ދަށުން ބާއްވަން ފެށިއިރު ވެސް އަދަދު ނޫހުން އައިޝާގެ ނަމުގައި ޑޮކިއުމެންޓަރީއެއް ތައްޔާރުކޮށްފައި އޮތެވެ. އެ ޑޮކިއުމެންޓްރީގައި މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ހުއްޓެވެ. އެކަން ރައީސް އޮފީހުގެ އޭރުގެ ތަރުޖަމާނު އަދި މިހާރުގެ ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު ދޮގު ކުރެއްވުމުން އެ ވާހަކަ ވެސް ޑޮކިއުމެންޓަރީގައި ގެނެސްދިނެވެ.
ފެބްރުއަރީ 28، ގައި އާންމުކުރި ޑޮކިއުމެންޓްރީގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިޔައީ ބަލަމުންނެވެ. އަދުލުވެރި އުސޫލަކުން ޖަވާބުދާރީވާން ފުރުސަތަށް އެދުމުން އެ ފުރުސަތު ވެސް ނުދީ، މައްސަލަ މިހާރު އޮތީ ވާނުވާގަ އެވެ. އެންމެ ފަހުން ފޮނުވި ސިޓީގައި، ސިޓީއެއްގެ ނަންބަރާ ހަވާލާދީ އެ ހަވާލާދީފައިވާ ސިޓީ ބާތިލު ކަމަށް ބަޔާންކޮށްފައިވެ އެވެ. ނަަމވެސް އެއީ ކޮން ސިޓީއެއް ކަމެއް ވެސް ނޭނގެ އެވެ.
މި މައްސަލަ ބަލައި، އަދަދު ނޫހުން ގާނޫނަކާ ހިލާފުވިކަން އެ ކޮމިޝަނުން ކަނޑައަޅައަޅާފައެއް ނުވެ އެވެ. އަދި އެފަދަ އެންގުމެއް ވެސް އަންގާފައެއް ނުވެ އެވެ.
ނަމަވެސް، މީގެ ދެ ހަފުތާކުރިން އޭޕްރީލް 30، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ޑޮކިއުމެންޓަރީގައި ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްގައި ސުވާލު ކުރުމުން އެކަން މުއިއްޒު ދޮގު ކުރެއްވުމަށް ފަހު ނިންމާލެއްވީއެއް ނޫނެވެ.
ކޯޓް އަމުރު ނަގައިގެން ފުލުހުން އަދަދު ނޫހަށް ވަދެ ލެޕްޓޮޕްތަކާއި އެހެން ސާމާނުތައް "ދާޖަހައިގެން މަސްގަނޑު ނަގާހެން" ކަހާލައިގެން ގެންދިޔަ އެވެ. އަދި އަހަރެންނާއި ނޫހުގެ އެޑިޓަރުގެ މައްޗަށް ޖިނާއީ ތުހުމަތުތައްކޮށް، ފުރުން މަނާކުރި އެވެ.
އެއަށް ފަހު އިއްޔެގެ ޕްރެސް ކޮންފަރެންސްގެ ކުރިން އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. އެއީ އަދަދު ނޫހުގެ ޑޮކިއުމެންޓްރީގައި ހިމެނޭ ވާހަކައެއް ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް، ރައްޔިތުންގެ އަނގަ ބަންދުކުރަން ނެރުނުު އަމުރެކެވެ.
އިއްޔެ ވެސް ޝަހުޒާން މުއިއްޒުއާ ދެ ސުވާލެއް ރައްދުކުރި އެވެ. ފުރަތަމަ ސުވާލު ޑޮކިއުމަންޓްރީއާ ގުޅުވައި ކުރުމުން، އެ ސުވާލު ނުކުރެވޭނެ ކަމަށް އަދި އެފަދަ ވާހަކައެއް ނުދެއްކޭނެ ކަމަށް މުއިއްޒު ވަގުތުން "ހުކުމް" ކުރެއްވި އެވެ. އެއާއެކު ސިފައިންނާއި އިދާރީ މުވައްޒަފުން ގޮސް ޝަހުޒާނު މައިކް ކައިރިން ދުރުކޮށް ރައީސް އޮފީހުން ބޭރުކުރި އެވެ. މިއީ ދިވެހި ތާރީހުގައި ހިނގި މިފަދަ ފުރަތަމަ އަމަލެވެ.
މިގޮތަށް ކަން ހިނގުމުން ރައީސް އޮފީހުގައި ކުރެވޭނެ ސުވާލާއި ނުކުރޭވެނެ ސުވާލު އަދި އެކަން މިކުރުމަށް ގެންގުޅޭ މިންގަނޑު ދެނެގަތުމަށް އަހަރެން ރައީސް އޮފީހަށް ވަގުތުން ގޮސް، ޕްރެސް ކޮންފަރެންސް ނިމެންދެން ޝަހުޒާނުއާއެކު އެ އޮފީހުގެ ފުރަތަމަ ފެންޑާގައި އަހަރެން ހުރީމެވެ. މީޑިއާ ސެކްޝަންގެ ބޭފުޅަކާ، ނުވަތަ ކަމާ ގުޅޭ އެހެން ބޭފުޅަކާ ބައްދަލު ކުރަން ބޭނުންވާ ވާހަކަ ތަކުރާރުކޮށް ބުނުމުން ވެސް، ބައްދަލުކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ކައުންޓަރުގައި އިންނެވި މުވައްޒަފަކު އަޅުގަނޑަށް ގޮވާލާފައި ދެންނެވި އެވެ.
ޝަހުޒާނު ސުވާލު ކުރުން ސްރިމިނަލް ކޯޓުގެ ފަނޑިޔާރަށް މައްސަލައަކަށްވެ އަދި އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ވާހަކަ ލީވާން ލިޔުނީތީ އެ ހަބަރު ވެސް މައްސަލައެއްގެ ގޮތުގައި ފަނޑިޔާރަށް ގަބޫލު ކުރެއްވިގެން މި ދެ ނޫސްވެރިން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރެ އެވެ. މި ދެ ނޫސްވެރިންނާއެކު އަދަދު ނޫހުގެ ލޯކަލް ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ ހަ ނޫސްވެރިންގެ ތެރެއިން އަހަރެން ވެސް ހިމެނޭ ގޮތަށް ޖުމުަލަ ހަތަރު ނޫސްވެރިއެއްގެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.
މިދަރަޖައަށް ކަންކަން ދިޔުމުން އަޅުގަނޑުގެ ހަނދާނަށް އައީ، މިދިޔަ އަހަރުގެ ރޯދަ މަހުގެ ރެއެއްގެ ދެނަމާދު ދެމެދު މުއިއްޒު އަހަރެންނަށް ގުޅައި ދިން އިންޒާރެވެ. ހީއެއްގެ މައްޗަށް، ރުޅި އިސްކުރައްވައި އަޅުގަނޑާމެދު ގާނޫނުގައި އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދިނެވެ. ނަމަވެސް އެ މައްސަލައިގައި ޕީޖީ އޮފީހުން ދައުވާއެއް ނުކުރެ އެވެ.
އެއަށް ފަހު މިހާރު މި ޖެހިގެން އުޅޭ ޑޮކިއުމެންޓަރީގެ މައްސަލަ އެވެ. މިހާރު އެ ގެންދަވަނީ ހަވާ ފަޓާސް ބަރިއެއްހެން އަދަދު ނޫހުގެ މައްސަލަތައް ހިންގަމުންނެވެ.
އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މި އޮފީހަށް މަޢުލޫމާތު ދެއްވައިފައިވާތީއާއި، އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަވަމުންދާކަމަށް މި އޮފީހަށް މަޢުލޫމާތު ދެއްވައިފައިވާތީއާއި، 2026 މޭ 11 ވީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2026 ޤަޟިއްޔާއިން އެ ކޯޓުން ބަލަމުންދާ މައްސަލައިގައި 2026 މޭ 10 ވަނަ ދުވަހު ކޮށްފައިވާ "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" އާ ޚިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޛާން ޢަމަލުކޮށްފައިވާތީ، ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނު) ގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާތަކުން ނަގަހައްޓަންޖެހޭ ހަމަތަކާއި، އެ ޤާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ އަސާސްތައް ހިމެނޭ ސުލޫކީ މިންގަނޑާއި، އަދި އެ ޤާނޫނުގެ 44 ވަނަ މާއްދާއިން މީޑިއާތަކަށް މަތިކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް ރިޢާޔަތްކޮށް، "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، ބުނެވިދިޔަ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ، އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ދޫނުކުރުމަށް ނިންމައިފައިވާކަމުގައި ދަންނަވަމެވެ.
މީޑިއާ ކޮމިޝަނަކީ ރައީސް އޮފީސްތަ؟
އަދުލުވެރިކަމުގެ އެންމެ އަސާސީ އެއް ތަނބަކީ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތަށް ޖަވާބުދާރީވާން ފުރުސަތު ދިނުމެވެ. ރައީސް އޮފީހުގެ ނިންމުމުގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނުގެ 39، 40 އަދި 44 ވަނަ މާއްދާއާ ހަވާލާދީފައި އޮތުމުން ހައިރާންވި އެވެ. ކޮންޓެންޓާ ގުޅޭ މައްސަލަތައް ބަލައި، ގާނޫނާ ހިލާފުތޯ ކަނޑައެޅުމުގެ ބާރެއް އެހެން ބަޔަކަށް ނެތެވެ. އެކަން ކުރުމުގެ ގާނޫނީ ޒިންމާ އޮތީ މީޑިއާ ކޮމިޝަނަށެވެ. އަހަރެމެން ކިޔާ ގޮތުން ނަމަ ކޮންޓްރޯލް ކޮމިޝަނެވެ.
މީޑިއާ ކޮމިޝަންގެ ގާނޫނުގެ 39 ވަނަ މާއްދާގައި އޮތީ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ނޫސްވެރިން މަސައްކަތްކުރަންވާނެ ހަމަތަކެވެ. ގާނޫނުގެ 40 ވަނަ މާއްދާގައި އޮތީ ސުލޫކީ މިންގަނޑުގައި ހިމަނަނަންޖެހޭ ކަންކަމެވެ. އަދި 44 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތީ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާގެ ވާހަކަ އެވެ.
މިއިން އެއްވެސް މާއްދާއަކާ އަދަދުން ހިލާފެއް ނުވަމެވެ. އަދި އެފަދަ ނިންމުމެއް ވެސް ދައުލަތުގެ މަސްއޫލު އިދާރާއިން ވެސް ކަނޑައަޅާފައި ނެތި، ރައީސް އޮފީހުން އެކަން ކަނޑައެޅުމަކީ "އާބިޓަރަރީ" ނުވަތަ ހަމައެއްލަމައެއް ނެތް ނިންމުމެއްގެ ސިފައެކެވެ.
ކޯޓުގައި މައްސަލައެއް ހިނގަމުން ދިޔުމަކީ ކުށްވެރިވުން ކަމަށް ނުބެލެވޭ ހިނދު، ޝަރީއަތުގެ ކުރިން "އަދަބެއް" ގެ ގޮތުގައި ނޫސްވެރިން ސަސްޕެންޑް ކުރުމަކީ އިންސާފުގެ ހަމަތަކާ ހިލާފު ކަމެކެވެ.
ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު ބައްޓަންވެފައިވަނީ މީޑިއާތަކުގެ ސުލޫކީ މިންގަނޑު ބަލައި ފިޔަވަޅު އެޅުމުގެ މީޑިއާ ކޮމިޝަނަށް ދީގެން ކަމަށް ވާއިރު، ރައީސް މުއިއްޒު އަމިއްލައަށް "ފަނޑިޔާރަކަށް" ވެ، ނޫސްވެރިން ގާނޫނާ ހިލާފުވެއްޖެ ކަމަށް ކަނޑައެޅުމަކީ ގާނޫނީ ހަމަތަކުން ބޭރު އަމަލެކެވެ.
ރައީސް އޮފީހުން ހަވާލާދޭ "ނޫސްވެރިންގެ ބައްދަލުވުންތައް ކަވަރުކުރުމުގެ އުސޫލު" އަކީ އެތެރޭގެ ހިންގުމަށް ހަދާފައިވާ އެއްޗެކެވެ. އެފަދަ އުސޫލަކަށް، ގާނޫނުއަސާސީން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްގު ހަނިކުރުމުގެ ގާނޫނީ ބާރެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
އުސޫލުގެ 13 ވަނަ މާއްދާއިން "އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި ފިޔަވަޅު އެޅުމުގެ އިހުތިޔާރު" ރައީސް އޮފީހަށް ލިބިދޭ ކަމަށް ބުނެފައިވީ ނަމަވެސް، ވަކި ނޫސްވެރިއެއްގެ އަމަލަކާ ގުޅުވައި މުޅި ނޫހުގެ ހުރިހާ ނޫސްވެރިންނަށް މުއްދަތެއް ނެތް ގޮތަށް ހުއްދަ ނުދިނުމަކީ ކުރި ކަމަކާ ނުބައްދަލު ބޮޑު ފިޔަވަޅެކެވެ. މިއީ ތަފާތުކުރުމުގެ ސިފަ އެކުލެވިގެންވާ ނިންމުމެކެވެ.
އުސޫލުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ނޫސްވެރިޔާ ކުރާ އަމަލުގެ ކުޑަބޮޑުމިން މިނެކިރީ ކޮން މިންގަނޑަކުން ހެއްޔެވެ؟ އަދި އަދަބު ކަނޑައެޅީ ކޮން މިންގަނޑަކުން ހެއްޔެވެ. އެފަދަ މިންގަނޑެއް އުސޫލުގައި ނެތެވެ. އެހެންވެ، ރައީސް އޮފީހުން އަދަދު ނޫހާމެދު ރޭ 23:01 ގައި އެޅި ފިޔަވަޅަކީ ގާނޫނީ އަސާސެއް މައްޗަށްވުރެ ބޮޑަށް، ޒާތީ ރުޅިވެރިކަމުގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ކަމަށް ސިފަކުރެވެ އެވެ.
ގާނޫނީ ދައުލަތެއްގައި ފިޔަވަޅު އަޅަންވާނީ ކަނޑައެޅިފައިވާ މިނިވަން އިޖުރާއާތުތަކުގެ ތެރެއިން، ދިފާއުވުމުގެ ފުރުސަތު ދީގެންނެވެ. އެހެން ނޫންނަމަ، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުގެ އިދާރާތަކުން ބޭނުންކުރާ "ހަތިޔާރަކަށް" ވެގެންދާނެއެވެ.
ދައުލަތުގެ ބާރުތައް ބަލިކަށިކޮށްލާފައިވާ މިންވަރު އަހަރެމެން އެންމެންނަށް އެބަ ފެނެ އެވެ. އަހަރެން އަދި އަދަދު ނޫހުން މިކުރަނީ ހަތަރު ވަނަ ބާރުގެ އުއްމީދުގެ ހުޅުކޮޅު ނިވާލިޔަ ނުދިނުމުގެ މަސައްކަތެވެ. އެހެންވެ، މިހާރު އަރުވާލަމުންދާ ވަރުން، މިފަހަރު އަހަރެން އަދި އަދަދުގެ ޓީމު ޖަލަށް ލައި، ބުރިން ހަން ނަގާނެ ކަމަށް ގަބޫލު ކުރެވެ އެވެ.
އަޅުގަނޑުގެ އިލްތިމާސްއަކީ މަނިކުފާނު ތަގުރީރުތަކުގައި ވިދާޅުވާ އުސޫލުން ބަހާއި އަމަލު އެއްގޮތް ކުރެއްވުމަށެވެ. އަދުލުވެރިކަން އިސްކުރެއްވުމަށެވެ. ބުއްދިއަށް ވުރެ ރުޅި އިސްކުރައްވައިގެން ހެދޭނީ ގޯހެވެ.
އަދަދު ނޫހާމެދު މުއިއްޒު އެޅި ފިޔަވަޅުގައި ގާނޫނީ ހަމައެއް އަދި އަދުލެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ