ވަކި މައުޟޫއެއްގައި އެއްވެސް ސިފައެއްގައި އެއްވެސް ގޮތަކަށް ވާހަކައެއް ވެސް ދައްކާލުން މަނާކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް ކޯޓަކުން އަމުރެއް ނެރުނު މިއީ ފުރަތަމަ ފަހަރަށެވެ. އެހެންވެ، މިކަމުގައި އުފެދިފައިވާ ބަހުސް ވެސް އަލެވެ. އެ އަމުރުގެ ހުދޫދަކީ ނުވަތަ އިމަކީ ކޮބައިކަމާ މެދު ކުރެވޭ ބަހުސް ބޮޑެވެ.
"އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގައި ހިމެނޭ ކަންކަމާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް، އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ އެ ނޫހުގެ އެންމެ އިސް ދެ ވެރިންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާގެ މައްސަލައިގެ ތެރެއިން، ދައުލަތުން އެދިގެންނެވެ.
އެ އަމުރާ އެކު، ފުރަތަމަ ވެސް އުފެދުނު ސުވާލަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަށު ކޯޓެއްގެ ގާޒީއަކަށް ހަމަ ހުރެލާފައި ހަނިކުރެވިދާނެކަމާ މެދު އެވެ.
"ކޯޓަކީ ރައްޔިތުންނަށް ކަންކަން މަނާކުރުމުގެ ބާރު ލިބިފައިވާ ތަންތަނެއް ނޫން. ކޯޓަކުން އަމުރެއް ނެރެވޭނީ ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ހަސްމުން، ނުވަތަ ސީދާ ގޮތުންނާއި ނުސީދާގޮތުން އެ މައްސަލައަކާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް،" ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރު ކަން ވެސް ކުރެއްވި ތަޖުރިބާރު ޕޮލިޓީޝަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި އެވެ.
"އާންމުކޮށް ހުރިހާ ރައްޔިތުންނަށް ކަމެއް މަނާކުރެވޭނީ ރައްޔިތުންގެ މަޖިލިހަށް."
The most trusted news source in the Maldives
"އަދަދު"ގެ ޑޮކިއުމެންޓްރީ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަކި ކަންތައްތަކެއް މަނާކޮށް އަމުރު ނެރުނީ ސުޕްރީމް ކޯޓުން ކުރިން ނެރެފައި އޮތް ދެ މައްސަލައެއް ހުއްޖަތަކަށް ދެއްކުމަށް ފަހު އެވެ. އެއީ ޓެރަރިޒަމްގެ ތުހުމަތުވާ މުހައްމަދު އަމީން އާއި ސީލައިފް މައްސަލައިގައި ތުހުމަތުވި އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރެފައިވާ ދެ ގޭގް އޯޑަރެކެވެ.
އެ ދެ އަމުރު ވެސް ސުޕްރީމް ކޯޓުން ނެރެފައި އޮތީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން އެއީ ކުށްވެރިންގެ ގޮތުގައި މީޑިއާތަކުން ސިފަކުރަމުންދާ ކަމުގެ ޝަކުވާއާ އެކު އެވެ. އެ އަމުރުގެ މަގުސަދަކަށްވެފައި އޮތީ ކުށުގެ ތުހުމަތުވާ މީހުންނަށް ލިބިދޭ އެ މީހެއްގެެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން މައުސޫމް މީހެއް ކަމަށް ބެލުމުގެ ހައްގު ކަށަވަރު ކޮށްދިނުމަށެވެ.
އެ ހައްގަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން ޚަބަރެއް ނުވަތަ މައުލޫމާތެއް ނުފަތުރަން އަމުރުގައި އަންގާފައިވެ އެވެ. އަދި އަންމަޓީގެ މައްސަލައިގެ އަމުރުގައި އެ އަމުރު ނިސްބަތް ކޮށްފައި އޮތީ ވެސް ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެ މިންވަރަށް ހުދޫދު އޮތީ ބަޔާންކޮށްފަ އެވެ. އޭގެން ބޭރުން މާސިންގާކޮށް، އިމެއް މިނެއް ނެތް ގޮތަކަށް އަމުރު ފުޅާކޮށްފައެއް ނުވެ އެވެ. މިއީ އާންމުކޮށް މިފަދަ އަމުރުތައް ނެރޭ އެހެން ގައުމުތަކުން ވެސް އަމަލުކުރާ އުސޫލެވެ.
ސުޕްރީމް ކޯޓުން މީގެން މި ބާވަތުގެ ދެ އަމުރު ނެރެ، އަދި އޭގެ ދަށުން 2014 ވަނަ އަހަރު އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަލީ ޖަލީލުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވެސް މި ބާވަތުގެ އަމުރެއް ނެރެފައި އޮތަސް، މިއީ ރާއްޖޭގެ އެއްވެސް ގާނޫނަކު ބަޔާންކުރާ ފަދަ ކަމެއް ނޫނެވެ.
ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުން ނެރެފައިވާ ހުރުމަތް ނަގާލުމުގެ އަމުރަކީ އެ ކޯޓަށް ކުރެވޭނެ އަމުރެއް ނޫނެވެ. އެއީ ޖިނާއީ އިޖްރާތުގެ ގާނޫނު އަދި އެހެން ގާނޫނަކުން ވެސް އެފަދަ ބާރެއް އެ ކޯޓަށް ދީފައެއް ނުވާތީ ކަމަށެވެ.
މިއީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ކުރިން ތާއިދުކުރި ކަމެއް ނޫނެވެ. ބައްސާމްގެ މައްސަލައިގައި ނެރުނު އަމުރާ އެކު، އެ އޮފީހުން އާންމުކުރި ލިޔުމެއްގައި ގޭގް އޯޑަރާ ދެކޮޅަށް ހުއްޖަތްތައް ދައްކާފައިވެ އެވެ.
ދައުލަތުގެ ވަކީލް އާއިޝަތު ޝާމާ ނަސީރު ލިޔުއްވާފައިވެ އެވެ؛ ރާއްޖޭގެ ކޯޓުތަކަކީ މުސްތަގިއްލު ވަކި ފަރާތަކަށް ނުޖެހި މައްސަލަ ނިންމާނެ ކޯޓުތަކެއްކަން ކަށަވަރުކުރާނޭ ނިޒާމެއް އެބަ އޮތެވެ. އެއީ ގާނޫނީ ފަންނު އެނގޭ ފަނޑިޔާރަކު މައްސަލަތަކުގައި ގޮތް ނިންމުމެވެ. މީސް މީޑިއާގައި ނުވަތަ ނޫހެއްގައި ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ލިޔާ ލިޔުމަކުން ނުވަތަ ދައްކާ ވާހަކައަކުން ފަނޑިޔާރު ނިންމަވާ ނިންމެވުމަކަށް އެއްވެސް އަސަރެއް ނުކުރާނެކަން ކަށަވަރުވެ އެވެ. ފަނޑިޔާރުންނާއި ދައުވާލިބޭ މީހުންނަށް ލިބޭ ރައްކާތެރިކަމަކީ ގާނޫނުއަސާސީގައި ކަނޑާ ނަގައި، ރައްކާތެރިކޮށްދީފައިވާ ހައްގުތަކެއް ކަން ވަކީލް ފާހަގަކުރައްވާފައިވެ އެވެ.
"ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ވާހަކަ ދެއްކުން ހުއްޓުވައި "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ އުސޫލެއް ގޮތުގައި ރާއްޖޭގެ ގާނޫނުގައި އޮންނަކަމެއް ނޫން،" ޕީޖީގެ ވަކީލް ޝާމާ ވިދާޅުވެފައިވެ އެވެ.
ޝާމާ ވިދާޅުވި ގޮތުގައި ގޭގް އޯޑަރަކީ، އާންމުންގެ ތެރެއިން ހޮވާލެވޭ ޚަބީރުންގެ މަޖިލީހަކުން ނުވަތަ ޖޫރީ ސިސްޓަމް އޮންނަ ގައުމުތަކުގައި އާންމުކޮށް ގެންގުޅޭ އުސޫލެކެވެ. ރާއްޖޭގައި އޮތީ އެފަދަ ނިޒާމެއް ނޫނެވެ. ރާއްޖޭގައި ޖިނާއީ މައްސަލަތަކުގައި ދެފަރާތުން ހުށަހަޅާ ހެކިތަކަށް ބަލައި، ނިޔާ ކަނޑައަޅަނީ ގާނޫނީ އިލްމު ލިބިފައިވާ ފަނޑިޔާރުންނެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ އިދާރާތަކުން ބުރަވާ ގޮތުގައި، ކޯޓުތަކުން މިފަދަ ހަނިކުރުންތައް ގެނެވިދާނެ ހާލަތްތްތަކަކީ އަނިޔާ ލިބޭ ފަރާތްތައް ރައްކާތެރިކުރުމާއި ހެކިންނަށް ބިރުދެއްކުން ހުއްޓުވުމާއި ފަނޑިޔާރުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް އަދި ޝަރީއަތުގެ އިންސާފުވެރިކަން ދެމެހެއްޓުމަށެވެ.
ނަމަވެސް، މިފަދަ ހަނިކުރުންތަކުގައި އާންމުކޮށް ހުންނަންޖެހޭ ސިފަތައް ވެސް ގޭގް އޯޑަރުތަކުން ފެންނަން ހުރެ އެވެ. އެގޮތުން:
ގޭގް އޯޑަރު ނެރޭ ބައެއް ގައުމުތަކަށް ބަލާއިރު، މީގެ އާންމު ނިޒާމެއް އޮތް އެއް ގައުމަކީ އެމެރިކާ އެވެ. އެ ގައުމުގައި މިފަދަ އަމުރުތައް ނެރުނަސް، ގާނޫނުއަސާސީގެ ދަށުން މިފަދަ އަމުރުތަކަށް ގާނޫނީ ގޮތުން ވަރަށް ބޮޑަށް ފާރަވެރިވެ އެވެ. އާންމުކޮށް ގޭގް އޯޑަރުން ކަންކަން މަނާކުރަނީ ގާނޫނީ ވަކީލުންނާއި ހެކިންނާއި ކޯޓުގެ މުވައްޒަފުން ނުވަތަ ޝަރީއަތުގައި ބައިވެރިވާ އެހެން މީހުންގެ މައްޗަށެވެ.
މީޑިއާތަކަށް ހުރަސްއެޅޭ ގޮތަށް ނެރޭ ފުޅާ މަނާކުރުންތައް ދިފާއުކުރުމަކީ ގާނޫނީ ގޮތުން އެމެރިކާގައި އުނދަގޫ ކަމެކެވެ. މިކަމާ ގުޅޭ އެންމެ މަޝްހޫރު ގަޒިއްޔާއަކީ ނެބްރަސްކާ ޕްރެސް އެސޯސިއޭޝަން ވ. ސްޓުއާޓްއާ އެވެ. މައްސަލައިގައި އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ، އިންސާފުވެރި ޝަރީއަތަކަށް ސީދާ އަދި ވަގުތުން ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއްގައި މެނުވީ، ޖިނާއީ މައްސަލަތަކުގެ ރިޕޯޓުތައް ޝާއިއުކުރުން މީޑިއާއަށް މަނާކުރުމަކީ އާންމު ގޮތެއްގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
އިނގިރޭސި ވިލާތުގައި "ކޯޓުގެ ހުރުމަތް ކެނޑުމުގެ ގާނޫނު"ގެ ދަށުން ކޯޓުތަކަށް ފުޅާ ބާރުތައް އޮވެ އެވެ. އެ ގާނޫނުގެ ދަށުން، ހިނގަމުންދާ ޝަރީއަތަކަށް ބޮޑު ނޭދެވޭ ނުފޫޒެއް ނުވަތަ ގެއްލުމެއް ފޯރުވަފާނެ ކަމަށް ބެލެވޭ މައުލޫމާތު ޝާއިއުކުރުން މަނާކުރުމުގެ ބާރު ވެސް ލިބިދެ އެވެ.
އިނގިރޭސި ވިލާތުގެ ކޯޓުތަކުން ގިނަ ފަހަރު ރިޕޯޓުކުރުން މަނާކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އަނިޔާ ލިބޭ ފަރާތްތަކުގެ ވަނަވަރު، ކުޑަކުދިންގެ މައުލޫމާތު، ޖިންސީ ގޯނާގެ ތުހުމަތުތައް ނުވަތަ ހައްސާސީ ހެކިތަކެވެ. ނަމަވެސް، މި މަނާކުރުންތައް ވެސް ގެންނަނީ ވަރަށް ސާފުކޮށް ކަންކަން ބަޔާންކޮށްދިނުމަށްފަހު އެވެ. އެގޮތުން:
އިންސާނީ ހައްގުތަކާ ބެހޭ ޔޫރަޕްގެ ކޯޓުގެ އުސޫލުތައް އޮތް ގޮތުން އަބުރު ރައްކާތެރިކުރުމާއި އަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދަމަހައްޓަން ނުވަތަ އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކުރަން ގޭގް އޯޑަރެއް ނެރުނަސް އާންމު މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި ނޫސްވެރިކަމަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން އޮންނަން ޖެހޭނެ އެވެ.
ގޭގް އަމުރުތަކާ ގުޅޭ ބައިނަލްއަގްވާމީ މި އުސޫލުތަކާއި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައި އޮތް ދެ އަމުރަށް ބަލާއިރު، ފެންނަން އޮތް ހަގީގަތަކީ ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިފާއުކޮށް ގާނޫނީ ގޮތުން ހަމައަށް ފައްތަން އުނދަގޫވާނެ ކަމެވެ.
"...އެ އަމުރަކީ ހަމައެކަނި ޝަރީއަތުގައި ހިމެނޭ ހަސްމުންނަށް ނިސްބަތްވާ އަމުރެއް ނަމަ، އެފަދަ ފުޅާ ހުރަސްތަކަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވޭނެ ކަންކަން. ނަމަވެސް، އެ އަމުރު މުޅި އާންމު ރައްޔިތުންނާއި މީޑިއާތަކުގެ މައްޗަށް އާންމުކޮށް ހިނގާ ނަމަ ޑިމޮކްރެޓިކް ނިޒާމުތަކުގައި އެކަމަށްޓަކައި ވަރުގަދަ ގާނޫނީ ހުއްޖަތްތަކެއް ބޭނުންވާނެ،" މި ރިޕޯޓަށް ވާހަަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
The most trusted news source in the Maldives
ކުރީގެ އުއްމަތަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ގޭގް އޯޑަރަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން މުތުލަގު ސިފައެއްގައި ގައިދުކޮށް ނިގުޅައިގަނެވޭނޭ އަމުރަކަށްވާ ނަމަ، އެ ވާނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު އަމުރަކަށެވެ.
ގާނޫނީ މި ސުވާލުތައް އޮތްއިރު ޑޮކިއުމެންޓްރީއާ ގުޅޭ ގޭގް އަމުރުގެ ހުދޫދުގެ ބޮޑުމިންވަރަކީ، އޭގެ ތެރެއަށް ފެތޭނީ ކިހާ މިންވަރަކުން ކަމެއް ވެސް އެނގި ސާފުވާން ނެތުމުންނެވެ.
މި އަމުރުގެ މި ބޮޑު ހުދޫދުގެ ބަހުސް މިއަދު އެބަ މުހިންމުވެ އެވެ. މަތީ ކޯޓުތަކަށް މިކަމުގައި ގޮސް، ގޮތްތަކެއް ކަނޑައަޅަން މިއަދު ވަނީ ޖެހިފަ އެވެ. ނޫން ނަމަ، ކޮންމެ ދެ ދުވަހަކުން އެއް ދުވަހަކު މިފަދަ އަމުރުތައް ދަށު ކޯޓުތައް ފުރާލުމުގެ ފުރުސަތު އޮވެދާނެ އެވެ.
މިއީ ބަހުސް ނުކޮށް ހައްލުނުވާނެ ބަހުސެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ