"އައްޑޫ ސިޓީގައި ބާއްވާ މަހާސިންތާގައި 500އަށްވުރެ ގިނަ ފަރާތުން ބައިވެރިވޭ"

އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ ހަބެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގެ އިޤްތިޞާދަށް ހަލުވި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ބާއްވާ ޚާއްސަ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެެއްޖެއެވެ.
މިމަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެއްވާފައިވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އައްޑޫ ސިޓީއަށް އެކްސްލެރޭޓެޑް ޑިވެލޮޕްމެންޓެއް ނުވަތަ ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ވަޒީރުންގެ މަޖިލީހުގައި ވަރަށް ބޮޑަށް އެ ވާހަކަތައް ދެކެވި، ކޮބާތޯ ރަނގަޅު ނަތީޖާއެއް ނެރުމަށް އައްޑޫއަށް ޚާއްސަކޮށްގެން ދެވިދާނެ އިނާޔަތްތަކަކީ ކޮބާތޯ ކުރެވޭނެ ކަންތައްތައް ދެނެގަތުމަށް. މިސާލަކަށް ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އެސްއެމްއީ އަދި ރީޓެެއިލްފަދަ ދާއިރާތަކަށް ޚާއްސަ ކަންތައްތަކެއް ކޮށްދިނީމަ އެ އަތޮޅުގައި ވިޔަފާރީގެ ކުރިއެރުމެއް އަންނަ ކަންތައްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރުމަށް މަސައްކަތް ފެށުން. މިކަން ކުރާނީ ކިހިނެއްތޯ ބަލަން މަހާސިންތާ ބާއްވަނީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މި މަހާސިންތާ ކުރިއަށްދާނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހުއެވެ. މީގެތެރޭގައި އައްޑޫގައި ތިބި ވިޔަފާރިވެރިންގެ އިތުރުން، މާލޭގައި ތިބި އައްޑޫގެ ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމާއި އިމާރާތްކުރުން ފަދަ ދާއިރާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވާނެއެވެ. މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުންވެސް މި ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ވިޔަފާރިވެރިންގެ އިތުރުން ހަމަ އައްޑޫ ސިޓީގައި ތިއްބެވި ޢިލްމީ ބޭފުޅުންނާއި، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުންވެސް މި ޑައިލޮގްގައި ބައިވެރިވެގެން މި ބައްދަލުވުންތައް ކުރިއަށްދާނީ. އަދި މިހާރު 500އާ ގާތްކުރާ އަދަދަަކަށް ރަޖިސްޓްރޭޝަން އެބައުޅޭ. ދެދުވަހު އަޅުގަނޑުމެން މި ގެންދަނީ ވަރަށް ފުޅާދާއިރާއެއްގައި ހުޅުވާލެވިގެން އައްޑޫގައި އެކްސްލެރެޓޭޑް ޑިވެލޮޕްމަންޓެއް ގެނައުމަށްޓަކައި އަދި މި އިކޮނޮމީ އިތުރަށް ކުރިއަށްގެންދިއުމަށްޓަކައި ކޮބާތޯ ސަރުކާރުން ކޮށްދޭންވީ ކަންކަމަކީ. ކޮންކަހަލަ އިންސެންޓިވްސްތަކެއް ތޯ ދޭންވީ މި ބަލަނީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މި މަހާސިންތާގެ މަޝްވަރާތަކަށްފަހު، ވަޒީރުންގެ މަޖިލީހުގައި އެކަންކަން ދިރާސާކޮށް، ދޭނެ އިނާޔަތްތައް ކަނޑައަޅާނެ ކަމަށެވެ. އަދި މި މަޝްރޫޢަކީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ ބޮޑު މަޤްސަދެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ