މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާ ބަލާއިރު، މި އަހަރުގެ އެޕްރީލް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި މިންވަރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އިއްޔެ އާއްމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މި އަހަރުގެ އެޕްރީލް މަހު ޑެންގީ ހުން ޖެހިގެން 643 މީހަކު ރިޕޯޓުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު މި ބަލި ޖެހިގެން ރިޕޯޓުކުރީ 135 މީހުންނެވެ.
މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ މާޗް މަހު ވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ބޮޑުތަނުން އިތުރެވެ. އެގޮތުން މާޗް މަހު ޑެންގީ ކޭސްތައް 60 އިން 601 އަށް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ.
"މި އަހަރުގެ މާޗް މަހާ އަޅާ ބަލާއިރު، އެޕްރީލް މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކުރެވުނު އަދަދު ވަނީ އިތުރުވެފަ އެވެ. އެހެންކަމުން ޑެންގީ ހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް،" އެޗްޕީއޭއިން ނެރުނު ރިޕޯޓުގައި ބުންޏެވެ.
މިދިޔަ މަހު ވެސް އެޗްޕީއޭއިން ވަނީ ޑެންގީހުން ފެތުރޭތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް އެގޮތަށް އެންގީ ޑެންގީހުން ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ބަލީގައި ޒުވާނަކު މަރުވި ފަހުންނެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ކައުންސިލްތަކާއި ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކާއި ޖަމިއްޔާތަކާއި މީޑިއާ އަދި އަމިއްލަ ފަރުދުން މަސައްކަތް ކުރަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ ޑެންގީ ހުމުގެ އަލާމާތްތަކަށް ހޮސްޕިޓަލްތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. ރަށު ތެރެ ސާފުކޮށް ބެލެހެއްޓުމަށް ރަށު ކައުންސިލްތަކުން ޓާސްކް ފޯހެއް ހެދުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ.
އޭގެ އިތުރުން، މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ބަލައި ރަށު ތެރެ ސާފުކޮށް، ބެލެހެއްޓުމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުކަން ދޭންވާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މިދިޔަ އަހަރާ އަޅާ ބަލާއިރު ޑެންގީ ކޭސްތައް އެތައް ގުނައެއް އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ