ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ބާސެލޯނާއިން ހޯދުމަށް ފަހު، އެ ސިޓީގެ މަގުތަކުގައި ކްލަބުން ބޭއްވި އުފާފާޅުކުރުންތަކުގައި ޒުވާން ތަރި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ވިހުރުވާލައިފި އެވެ.
ބާސެލޯނާ ސިޓީގެ މަގުތަކުގައި ބޭއްވި ހާއްސަ ޕެރޭޑްގެ ތެރެއިން، އުމުރުން 18 އަހަރުގެ ޔަމާލް، ފަލަސްތީނުގެ ދިދަ ވިހުރުވާލާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިގައި ހިފައިފަ އެވެ.
ކުލަގަދަ މި ހަރަކާތް ކުރިއަށް ދިޔައީ ބާސެލޯނާގެ މަގުތަކަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވެ، އެ ޓީމުގެ ކާމިޔާބީ ފާހަގަކުރަމުން ދަނިކޮށެވެ.
ޓީމުގެ ކުޅުންތެރިން ތިބި، ހުޅުވާލެވިފައިވާ ބަހުގެ ތެރޭގައި ހުރެ، ޔަމާލް ފަލަސްތީނުގެ ދިދަ ހިފައިގެން ހުރި މަންޒަރު ފެނުމުން، އެއްވެފައި ތިބި ގިނަ ބަޔަކު ވަނީ އޭނާއަށް ހިތްވަރުދިނުމުގެ ބަސްތަކުން އަޑު ގުގުމާލައިފަ އެވެ.
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އޭނާ ފާޅުކުރި ޝުއޫރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.
ބާސާއިން 29 ވަނަ ފަހަރަށް ލަ ލީގާ ތަށި ކާމިޔާބުކުރީ އެ ޓީމުގެ އެންމެ ބޮޑު ވާދަވެރިޔާ ރެއާލް މެޑްރިޑް 2-0 އިން ބަލިކުރުމަށްފަހު އެވެ. މިއީ "އެލް ކްލަސިކޯ" މެޗަކުން ލީގުގެ ނަތީޖާ ކަށަވަރުވި ދެވަނަ ފަހަރެވެ.
ފަލަސްތީނުގެ ހައްގުތަކާ ގުޅޭ ހަރަކާތްތަކުގައި ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ހަރަކާތްތައް ހިންގާ ގައުމަކީ ސްޕެއިން އެވެ. ސްޕެއިންގެ ސަރުކާރުން ވަނީ އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް ގޮވާލައިފަ އެވެ. ސްޕެއިންގައި ވެސް އެ ހަރަކާތް އެންމެ ވަރުގަދައަށް ހިންގަނީ ބާސެލޯނާ ސިޓީގަ އެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން ބާސެލޯނާ ސިޓީއަކީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާ އަދި އެހީގެ ގާފިލާތައް ފޮނުވުމުގައި ސްޕެއިންގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ސިޓީ އެވެ.
ބާސާގެ އުފާފާޅުކުރުމުގައި ޔަމާލް ވިހުރުވާލީ ފަލަސްތީނުގެ ދިދަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ