ކުރީ ސަރުކާރުގެ 4000 ފްލެޓު: ދީފައި ހުރި 450އެއްހާ ފްލެޓު ބައެއް މީހުން އަތުން ނަގައިފި

ފްލެޓު ދިނުމަށް މިދިޔަ ސަރުކާރުގެ 'ގެދޮރުވެރިޔާ' ސްކީމުގެ 4000 ފްލެޓު ލިސްޓުގައި ހިމަނާފައިވާ މީހުންގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ޝަރުތު ހަމަނުވާތީ، މިހާތަނަށް 450އެއްހާ މީހުންނަށް ދީފައިވާ ފްލެޓުތައް ނަގައި ހައްގުވެރި ފަރާތްތަކަށް ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭން ނިންމި 4،000 ފްލެޓް ލިބޭ މީހުން ކުރީ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.  
އޭގެ ފަހުން:
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މި ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރަން
އެކަމަށް އާ ކޮމިޓީއެއް އުފައްދައިގެން، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އާ ލިސްޓެއް އާންމުކުރި 
އެކަމަކު އެ ނިންމުން ބަދަލުކޮށް ކުރީގެ ލިސްޓަށް ފުލެޓް ދޭން މިހާރު ސަރުކާރުން އޮތީ ނިންމާފައި
މިދިޔަ ސަރުކާރުގެ ލިސްޓަށް ފްލެޓު ދޭން މި ސަރުކާރުން ނިންމި ނަމަވެސް، ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް އެ ލިސްޓުން އުނިކުރާނެ ކަމަށް މުއްތޮލިބު އޮތީ ވިދާޅުވެފަ އެވެ. އެގޮތުން، މިދިޔަ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓުން ގާތްގަނޑަކަށް 700 މީހުން އުނިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މުއްތޮލިބު އޭރު ވިދާޅުވެފައިވެ އެވެ.
ބުނީ ކީކޭ؟ - ހައުސިން މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ލިސްޓުން އުނިކޮށްފައިވާ މީހުންގެ އަދާހަމަ ހިއްސާކޮށްދިނުމަށް ނޫސްވެރިޔަކު އެދުނެވެ.
މުއްތޮލިބު ވިދާޅުވީ، ދޮގު މައުލޫމާތު ދީފައިވުމާއި ޝަރުތުތައް ފުރިހަމަ ނުވުމުގެ ސަބަބުން މުރާޖައާކުރަމުންދާ ބައެއް މަދު ހުށަހެޅުންތައް އަދިވެސް ހުރުމުން، ސީދާ އަދަދެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު، ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުގައި ކަނޑައަޅާފައިވާ މީހުންގެ ތެރެއިން މިހާތަނަށް 450އެއްހާ މީހުންގެ ހުށަހެޅުން ބާތިލުކޮށްފައިވާ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް އެބަހުރި ބައެއް ކޭސްތައް އެއްކޮށް ނުނިމޭ. ނަމަވެސް އަޅުގަނޑު ހަނދާންވަނީ ސީދާ އަދަދެއް [ނޭނގެ]. [ހަނދާންވަނީ] 460 ކޮންމެވެސް ވަރެކޭ. މިދެންނެވިހެން އެއްކޮށް މުޅިން ނުނިމޭތީވެ، ބައެއް މަދު ކޭސްތައް އަދިވެސް އެބަހުރި ގޮތެއް ނުނިމި. އެހެންވީމަ 450 އެހާކަށްވަރުގެ އެޕްލިކޭޝަންތައް ވާނީ ބާތިލުކުރެވިފައި،" މުއްތޮލިބު ވިދާޅުވި އެވެ.
މުއްތޮލިބު ވިދާޅުވީ، ބާތިލުކޮށްފައިވާ ހުށަހެޅުންތަކުގެ ތެރެއިން، ތިން ކޮޓަރިއަށް ޝަރުތު ހަމަނުވެ އެ ތަންތަން ލިބިފައި ހުރުމުން އެ ފްލެޓުތައް އެ މީހުންގެ އަތުން ނަގައި ޝަރުތު ހަމަވާ މީހުންނަށް ދީފައިވާނެ ކަމަށެވެ. އަދި ތިން ކޮޓަރި ލިބިފައި ހުރި އެ މީހުންނަށް ދެ ކޮޓަރީގެ ފްލެޓުތަކަށް ބަދަލުކުރުން ފަދަ ގޮތްތަކެއް ހަމަޖައްސާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، މުއްތޮލިބު ވިދާޅުވީ:
ކުރީގެ ފްލެޓު ލިސްޓު އެހާ ވަރަށް ބަލަންޖެހުނީ، 76އަށް ވުރެ މަތިން މާކްސް ލިބިފައިވާ 500އަށް ވުރެ ގިނަ މީހުންނަށް ފްލެޓު ނުދީ ހުރުމުންނާއި 75ގެ މާކްސްގައި ފްލެޓު ދީފައި ހުރުުމުން
ދޮގު މައުލޫމާތު ދީފައިވާ މީހުން ބަލައި ކެންސަލް ކުރަންޖެހުނީ، 76އަށް ވުރެ މަތިން މާކްސް ލިބުނު މީހުންނަށް ފްލެޓު ދިނުމަކީ އާންމުކޮށްފައިވާ އުސޫލުގެ ތެރެއިން ކުރަންޖެހޭ ކަމަކަށްވާތީ
75ގެ މާކްސްގައި ތިން ކޮޓަރީގެ ފްލެޓު ދީފައި ހުރި މީހުންނަށް ދެ ކޮޓަރިއަށް ބަދަލުކުރަން ވެސް ޖެހުނު
"އަޅުގަނޑުމެން ބެލީ، 76އަށް ވުރެ މަތިން މާކްސް ލިބި ފްލެޓު ނުލިބުނު މީހުންނަށް ފްލެޓު ދިނުމާއި 75ގެ މާކްސްގައި ފްލެޓުދީ ސޮއިކޮށްފައި ތިބި މީހުންނަށް އޮޕްޝަންތަކެއްދީ، ބައެއް މީހުންނަށް ދެ ކޮޓަރި ހަމަޖެއްސުމާ އެކު. އެހެންވީމާ އެ އުސޫލުން އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ. ގާތްގަނޑަކަށް ކެންސަލް ކުރެވިފައި މިވަނީ 450 ވަރަކަށް އެޕްލިކޭޝަން މިދެންނެވި ގޮތަށް ސޮއިކޮށްފައި ތިބި މީހުންގެ،" މުއްތޮލިބު ވިދާޅުވި އެވެ.
އެނގުން މުހިންމު - މިދިޔަ ސަރުކާރުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 3778 މީހުންނާ އެކު ފުލެޓު އެއްބަސްވުމުގައި އޭރު ސޮއިކޮށްފައިވާ ކަމަށާއި އެ މީހުން އަތުން ފްލެޓު އަތުލެވޭނީ ކޯޓު މެދުވެރިކޮށް ކަމަށް ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ފަހި ޔޫނިއަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ