ފްލެޓު އެޅުމަށް މިހާރު ހުރި ބިންތައް މަދުވާތީ އިތުރަށް ބިން ހޯދަނީ

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މާލެ ސަރަަހައްދުން މިހާރު ލިބިފައި ހުރި ބިންތަކުގެ އެޅޭނީ 10،700 ހައުސިން ޔުނިޓު ކަމަށާއި އިތުރު ޔުނިޓުތައް އެޅުމަށް ބިން ހޯދަން އެޗްޑީސީއާ ވާހަކަދައްކަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތޮލިބު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދަރަނި ހުރި ގޮތުގެ ސަބަބުން ބޭރުން އެހީ އާއި ބޭރު ފައިސާ ހޯދުމަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ، އެކިއެކި "އިނޮވޭޓިވް'" އުކުޅުތައް ބޭނުންކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - މުއްތޮލިބު ވިދާޅުވީ، މާލޭ ސަރަހައްދުގައި 10،700 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން 3،260 ޔުނިޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި 12،000 ހައުސިން ޔުނިޓު އެޅޭނެ ކަމަށް މި ސަރުކާރުން ކުރިން ލަފާކޮށްފައި ވިޔަސް، 10،700 ހައުސިން ޔުނިޓުގެ އިތުރަށް ފްލެޓު އިމާރާތްކުރުމަށް ބޭނުންވާ ބިން މިވަގުތު ނެތް ކަމަށް މުއްތޮލިބު މިއަދު ވިދާޅުވި އެވެ.
"ހަގީގަތުގައި އިތުރަށް އިމާރާތްކުރުމަށް ބިންތަކެއް [ހައުސިން] މިނިސްޓްރީއަކަށް މިވަގުތު ލިބިފައެއް ނެތް. އެހެން ނަމަވެސް މިނިސްޓްރީން އެބަ މަސައްކަތްކުރަން އެޗްޑީސީއާ ވާހަކަދައްކައިގެން އެހެން ކަންކަމަށް ކަނޑައަޅާފައި ހުރި ބިންތަކުން ވެސް ހައުސިންއަށް އިތުރު ބިންތަކެއް ލިބޭތޯ. އެއާ އެކު މާލޭގައި ވެސް ހުރި ބިންތަކުގެ ތެރެއިން ހައުސިން އެޅުމަށް ނެގޭނީ ކޮން ބިންތަކެއްތޯ ބަލައި އިތުރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
މުއްތޮލިބު ވިދާޅުވި ގޮތުން، ދައުލަތުން ހިލޭ ބިމާއި ލުއިތަކެއް ދީގެން ކުރިއަށް ގެންދާ ނަމަ، ކޮންޓްރޯލު އަގުތަކެއްގައި މީހުންނަށް އެ ތަންތަން ވިއްކަން އިމާރާތްކުރުމުގެ ބޮޑު ޝައުގުވެރިކަމެއް އަމިއްލަ ކުންފުނިތަކުގެ އެބަހުއްޓެވެ. އެެކަމަށް މަގުފަހިކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ގޮތުގައި މުއްތޮލިބު ވިދާޅުވީ:
ބީއެމްއެލްއިން އިމާރާތްކުރާ ގާތްގަނޑަކަށް 4000 ހައުސިން ޔުނިޓުގެ މަސައްކަތް؛ މި މަސައްކަތް ވަނީ ފަށާފައި
ހިލޭ ބިން ދީގެންނާއި އެހެނިހެން ލުއިތައް ދީގެން ކޮންޓްރޯލު އަގުތަކެއްގައި ފުރަތަމަ ބޯހިޔާވަހިކަން ގަންނަ ފަރާތްތަކަށް ގަތުމަށްޓަކައި ފުރުސަތު ހުޅުވާލުމުން ދިވެހި ކޮންޓްރެކްޓަރުންގެ ފަރާތުން ގާތްގަނޑަކަށް 2000 ހައުސިން ޔުނިޓު އެޅުމަށް ހުށަހެޅުންތައް ލިބިފައިވޭ
އިތުރު 540 ހައުސިން ޔުނިޓަކަށް ބީއެމްއެލްއިން ފަންޑުކުރުމަށް ހަމަޖެހިފައިވޭ
ޗައިނާގެ އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން 500 ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ
ސައުދީ ފަންޑުގެ އެހީގައި 400 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ
އިންޑިއަން އެލްއޯސީގެ އެހީގައި ގުޅީފަޅުގައި 4000 ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ލިޔެކިއުންތައް ވަނީ ހަމަޖެހިފައި
އިތުރު 1000 ހައުސިން ޔުނިޓު އެޅުމަށް އެޅުމަށް ވެސް މަޝްވަރާތަކެއް ދަނީ ކުރެވެމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ