ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމު، އިންޑިއާ އާއި ޗައިނާ އަށް ބްރޯޑްކާސްޓިން ރައިޓްސް ވިކިފައި ނުވާތީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެ އެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މުބާރާތް ފަށަން އޮތް މުއްދަތު އެއް މަސްދުވަހަށް ވުރެ ވެސް މިހާރު ކުރު ވެފަ އެވެ.
ފީފާގެ ރައީސްކަމާ 2016 ގައި އިންފަންޓީނޯ ހަވާލުވެ ވޯލްޑް ކަޕްގެ ޓީމުތަކުގެ އަދަދު 32 އިން 48 އަށް އިތުރުކުރި މައިގަނޑު އެއް ބޭނުމަކީ، އިންޑިއާ އާއި ޗައިނާ ފަދަ އާބާދީ ބޮޑު ގައުމުތަކަށް މުބާރާތުން ފުރުސަތު ހޯދައިދީ، ވިޔަފާރީގެ ގޮތުން ބޮޑު ފައިދާއެއް ހޯދުމެވެ.
ނަމަވެސް މުބާރާތް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، 2.7 ބިލިއަން މީހުންގެ އާބާދީއެއް އޮތް މި ދެ ގައުމުގެ ބްރޯޑްކާސްޓަރުންނާ އެކު އަދިވެސް ފީފާ އަށް އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވެ އެވެ.
ދަ ގާޑިއަން ނޫހުން ބުނިގޮތުގައި އިންޑިއާގެ މާކެޓަށް ފީފާއިން ފުރަތަމަ ހުށަހެޅި 100 މިލިއަން ޑޮލަރުގެ އަގު މިހާރު ވަނީ 35 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. އެކަމަކު އަދިވެސް އިންޑިއާގެ ބްރޯޑްކާސްޓިން ކުންފުނި ޖިއޯ ސްޓާ އިން ހުށަހަޅަނީ 20 މިލިއަން ޑޮލަރަށް އަގު ކުޑަކުރުމަށެވެ.
މީގެ ކުރިން 2014 އަދި 2018 ގެ ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިން ރައިޓްސް ގަތުމަށް، އިންޑިއާގެ ބްރޯޑްކާސްޓިން ކުންފުނި ސޮނީން 90 މިލިއަން ޑޮލަރު ހޭދަކުރި އެވެ. އޭގެ ފަހުން ގަތަރު ވޯލްޑް ކަޕަށް "ވިއާކޮމް18" އިން 62 މިލިއަން ޑޮލަރު ދެއްކި އެވެ.
The most trusted news source in the Maldives
ދަ ގާޑިއަންއިން ބުނި ގޮތުގައި މިފަހަރު އަގު ދަށްވާން ދިމާވި ސަބަބުތަކުގެ ތެރޭގައި މެޗުތައް ކުޅޭ ވަގުތު އިންޑިއާގެ ގަޑިން މާ ލަސްވުމާއި، ޑޮލަރު މާރުކުރުމުގައި ރުޕީސްގެ އަގު ވެއްޓުން ހިމެނެ އެވެ.
ޗައިނާގެ ހާލަތު ވެސް އޮތީ މިފަދަ ގޮތަކަށެވެ. ފީފާއިން ޗައިނާއަށް 250 އާއި 300 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ހުށަހެޅި އެވެ. ނަމަވެސް، އެ ގައުމުގެ ދައުލަތުގެ ބްރޯޑްކާސްޓާ ސީސީޓީވީ އިން ހުށަހަޅަނީ 60 އާއި 80 މިލިއަން ޑޮލަރާ ދެމެދަށް އަގުކުޑަކޮށްދިނުމަށެވެ.
ތައިލޭންޑާއި ވިއެޓްނާމް ފަދަ ގައުމުތަކުގައި ވެސް ބްރޯޑްކާސްޓިން ރައިޓްސްގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފަ އެވެ. ތައިލޭންޑަކީ އާންމުކޮށް ވެސް އެންމެ ފަހު ވަގުތު ސަރުކާރުން މާލީ އެހީތެރިކަން ދީގެން ރައިޓްސް ގަންނަ ގައުމެކެވެ.
މީޑިއާ ވިޔަފާރީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، އިންޑިއާ އާއި ޗައިނާ ފަދަ އިގްތިސޯދީ ބޮޑެތި މާކެޓްތަކުން ފަހު ވަގުތާ ޖެހެންދެން މަޑުކޮށްގެން އަގު ހެޔޮކުރުވަން މަސައްކަތް ކުރުމަކީ ފީފާއަށް ކުރިމަތިވާނެ ގެއްލުމެކެވެ. ސަބަބަކީ މިކަމުގެ ސަބަބުން އެހެން ގައުމުތަކުން ވެސް ކުރިއަށް އޮތް ތަނުގައި އަގު ހެޔޮކުރުވަން މި އުކުޅު ބޭނުންކޮށްފާނެތީ އެވެ.
ނަމަވެސް ދ ގާޑިއަން އިން ބުނި ގޮތުގައި ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ މި ދެ ގައުމަށް ވޯލްޑް ކަޕް ނުދައްކާ ދޫކޮށްލުމަކީ ފީފާ އަށް ކެތްކުރެވޭނެ ކަމަކަށް ނުވާނެ އެވެ.
ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް: އިންޑިއާ އާއި ޗައިނާގެ މާކެޓް ނުހޯދި އިންފަންޓީނޯ ފެއިލްވަނީ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ