ނޫހުގެފާނުގެ ދަޢުވަތަށް ޢިޖާބަދިނީ ދެރަ ނިކަމެތިންނެވެ.
ނޫޙުގެފާނު ގޮވައިލެއްވިގޮވައިލެއްވުމަށް ޢިޖާބަދިނީ ޤައުމުގެ އާދައިގެ ދެރަ ނިކަމެތިންނެވެ. އޭގެން ވެސް ވަރަށް މަދު ބައެކެވެ. ނޫޙޫގެފާނު ޤައުމުގެ ބޮޑުން އެކަލޭގެފާނުގެ ބަސްފުޅު ޤަބޫލެއް ނުކުރެއެވެ. އެއީ އަބަދުވެސް ބޮޑުންގެ ހާލަތެވެ. ޤައުމުތަކުގެ ބޮޑުންގެ ތެރެއިން ﷲ އެބަޔަކަށް ހިދާޔަތެއް ދެއްކެވި ބަޔަކު ނޫނީ އެންމެންގެ ވެސް ހާލަކީ އެއީއެވެ. ޤައުމެއްގައި މީހުން ބެހެނީ ތިން ބަޔަށެވެ. އެއީ ބޮޑުންނާއި އާދައިގެ މީހުންނާއި އެދޭތެރެ މެދުގައި ތިބޭ މީހުންނެވެ. ބޮޑުންނަކީ ޤައުމުގައި ބަސްވިކޭ މީހުންނާއި ތަނަވަސްކަމުގެ އަހުލުވެރިންނެވެ. އަދި އަޑުގަދަކަމާއި ބާރުގެ ގޮތުން ގަދަވެފައި ހިތްވަރު ހުންނަ މީހުން ވެސް ބޮޑުންގެ ތެރޭގައި ހިމެނެއެވެ. ޤައުމެއްގެ އާދައިގެ މީހުންނަކީ ކަންކަމާ ކުރިމަތިލާންނުކެރޭ ހިތްތިރި މީހުންނާއި ތަނަވަސްކަމެއް ނެތް ފަޤީރުންނާއި ޖާހާއި ބާރުގެ ގޮތުން ނިކަމެތި މީހުންނެވެ. ބޮޑުންނާ އާދައިގެ މީހުންނާ ދެމެދުގައި ތިބޭ މީހުންނަކީ ބައެއް ފަހަރު ބޮޑުންގެ ގާތުގައި ވެސް އިށީނދެ ވާހަކަ ދައްކައި އުޅެފައި ބައެއް ފަހަރު އާދައިގެ މީހުންނާ ވެސް ގުޅުންބާއްވާ އުޅޭ މީހުންނެވެ. މި ހުރިހާ އެންމެން ހިމެނޭހެން، ނޫޙުގެފާނު ގޮވައިލައްވައި އެ ދެއްވި ދަޢުވަތައް އިޖާބަ ދިނީ ޤައުމުގެ އާދައިގެ މީހުންނެވެ. ޤައުމުގެ ބޮޑުންނާ އެކަލޭގެފާނު ވާހަކަފުޅު ދައްކަވާ ކޮންމެ ފަހަރަކު، ބޮޑުން ބުނަނީ؛ ކަލޭގެފާނަށް ތަބާވާތީ ތިމަންނާމެންނަށް މުޅިން ވެސް މި ފެންނަނީ ދެރަ ނިކަމެތި ފަޤީރުންނެވެ. ދެރަ ނިކަމެތިން ކުރާ ކަންތައް ތިމަންމެން ކުރާނީ ކިހިނަކުންހެއްޔެވެ؟ މި ވާހަކަ ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ﴾ (الشعراء: ١١١) މާނައީ: "އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް ތަބާވެގެން ތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް އީމާންވާނެތޯއެވެ؟" ﷲގެ ޙަޟްރަތުގައި ބޮޑުކަމާއި ކުޑަކަމަކީ އެ މީހުން ގުނާ ގޮތަށް ގުނޭ އެއްޗެއް ނޫނެވެ. ﷲގެ ޙަޟްރަތުގައި މަތިވެރި ކަރާމާތްތެރިންނަކީ އެންމެ ތަޤުވާވެރިންނެވެ. މާތް ﷲއަށް އީމާންނުވާ ބޮޑުންގެ އެއް ހާސް މީހުންނަށްވުރެ އީމާންވެގެން ހުރި އާދައިގެ އެންމެ މީހަކު، ޙަޤީޤަތުގައި މާ ހެޔޮކަން ބޮޑެވެ. ބޮޑުން ބޮޑާކަމުގައި ތިއްބާ، އާދައިގެ މީހުން ރަސޫލުންނަށް އީމާންވެ ކިޔަމަންވާން ޖެހޭ ސަބަބު ދުނިޔެއިން ވަރަށް ސާފުކޮށް ފެންނާން އެބަ އޮތެވެ. ނިކަމެތިކަން ލިބިފައި ތިބޭ މީހުން އަބަދުވެސް ތިބެނީ ޢަދުލުވެރިކަމާ އިންސާފަށް އެދިއެދިއެވެ. އެއްވެސް އަގަކައިނުލާ ޢަދުލު ޤާއިމުކޮށްދެއްވަން ރަސޫލުން ގޮވައިލެއްވީމާ އޭގެ ފޮނިމީރުކަން އިޙުސާސް ވާނީ އަނިޔާލިބިލިބި ތިބޭ ދެރަ ނިކަމެތިންނަށެވެ. ބޮޑުން އެ މީހުންގެ ތަނަވަސް ކަމުގައި އަނިޔާވެރިވަނީއެވެ. ރަސޫލުންގެ ދަޢުވަތަށް ކިޔަމަންތެރިވުމަކީ އެ މީހުންގެ ކިބައިން ޖާހާއި ޤަދަރުވެރިކަން ނެތި ހިނގައިދާނެ ކަމެއް ކަމަށް އެ މީހުންނަށް ޤަބޫލުކުރެވެނީއެވެ. އެންމެން ހަމަހަމަވެ އިންސާފު ދެމިއޮތުމަކީ ގިންތީގެ ތަފާތުގެ ތެރެއިން ކުރިއަރާ ދިޔުމަށް ހުރަސްއަޅާ ކަމަކަށް ވާތީ ރަސޫލުބޭކަލުންނާ އެ މީހުން އިދިކީލިވަނީއެވެ. މިސާލަކަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ޒަމާނުގައި ވެސް އަބޫ ޖަހުލާއި އުޠްބާއާއި ޝައިބާ ފަދަ މީހުން އީމާނެއް ނުވިއެވެ. އެ މީހުންގެ ބޮޑުކަން އެހެން މީހުންގެ ކުރިމަތީ ނެތި ހިގައިދާނެ ކަމަށް ހީވާތީއެވެ. ބިލާލުގެފާނާއި ޢައްމާރު ބުނު ޔާސިރުގެފާނާއި މުސްޢަބު ބުނު ޢުމައިރުގެފާނުފަދަ ބޭބޭފުޅުންނަށް އަނިޔާ ދިނުމުގައި އެ މީހުން ދެމިތިބީއެވެ. މި ދެންނެވި ޞަޙާބީން ޙަޤީޤީ މިނިވަންކަމާއި ޢަދުލުވެރިކަން އިޚްތިޔާރުކުރެއްވީއެވެ. ނޫޙުގެފާނު ޤައުމުގެ ބޮޑުންނަށް، އެ ކަލޭގެފާނަށް ތަބާވާން އުނދަގޫވީ ދެރަ ނިކަމެތިން އެކަލޭގެފާނަށް ތަބާވާތީ ކަމުގައި ބުނުމުން، ނޫޙުގެފާނު ވިދާޅުވިއެވެ. ﴿قَالَ وَمَا عِلْمِي بِمَا كَانُوا يَعْمَلُونَ﴾ (الشعراء: ١١٢) މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު ޢަމަލާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟" ﴿إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّي ۖ لَوْ تَشْعُرُونَ﴾ (الشعراء: ١١٣) މާނައީ: "ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ ހިސާބު ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ނަމައެވެ." ﴿وَمَا أَنَا بِطَارِدِ الْمُؤْمِنِينَ﴾ (الشعراء: ١١٤) މާނައީ: "އަދި އީމާންވެގެން ތިބި މީހުން ފަހައި ދުރަށްލާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ." ބޮޑުންގެ އެދުމަކަށް ވީ އެކަލޭގެފާނު ނިކަމެތިން ދުރުކޮށްލެއްވުމެވެ. އެހެނަސް އެއީ ރަސޫލަކަށް ﷲ ދެއްވައިފައި އޮތް އިޚްތިޞާސެއް ނޫނެވެ. ހިދާޔަތަކީ ﷲ ދެއްވާ އެއްޗެކެވެ. އެއިލާހު ހިދާޔަތް ދެއްވަނީ އެއިލާހު ލޯބިވެވޮޑިގެންވާ މީހުންނަށެވެ. އެކަލޭގެފާނު އެފަދަ މާތް ބަޔަކު ދުރުކުރާނީ ކޮންފަދައަކުން ތޯއެވެ؟ ޤައުމުގެ ބޮޑުންނަށް އެކަލޭގެފާނު ވިދާޅުވީ، އެއްވެސް ތަފާތެއް އެ މީހުންނާމެދު އެކަލޭގެފާނު ނުކުރައްވާ ކަމުގައެވެ. އެބައިމީހުންނަކީ ވެސް ﷲގެ އަޅުންނެވެ. ﷲއަށް އީމާންވާ މީހުން ދުރުކޮށް ނިކަމެތި ކުރުމަކީ ތިމަންކަލޭގެފާނަށް އިޚްތިޔާރު ނެތްކަމެކެވެ. އަދި އެފަދައިން ކަންތައް ކޮށްގެން ﷲގެ ޙަޟްރަތުން ލިބިދާނެ ގެއްލުމަކާއި އަޒާބަކުން ތިމަންކަލޭގެފާނު ސަލާމާތްކޮށް ނަޞްރުދޭނީ ފަހެ، ކާކުހެއްޔެވެ؟ މި ކަން ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿وَيَا قَوْمِ مَن يَنصُرُنِي مِنَ اللَّهِ إِن طَرَدتُّهُمْ أَفَلَا تَذَكَّرُونَ﴾ (هود: ٣٠) މާނައީ: "އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން، އެއުރެން ފަހައި ބޭރުކޮށްފި ނަމަ، ﷲގެ އަޒާބުން އަހުރެން ސަލާމަތްކޮށް ނަޞުރު ދޭނީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ