ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކުރީގެ މެމްބަރު މުހައްމަދު ސިނާން، އެ ގޮނޑީގެ ޓިކެޓު ދޫކޮށްލެއްވީ އޭނާގެ އާއިލާ އަށް ވަގުތު ދެއްވަން ކަމަށާއި އެކަމަކު ސިނާނާއި އޭނާގެ ސަޕޯޓަރުން ވެސް އެ ގޮނޑި ޕީއެންސީ އަށް ކާމިޔާބު ކޮށްދިނުމުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އޭރުގެ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 12 ގަ އެވެ.
އެ ގޮނޑިއަށް ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ސިނާންގެ އިތުރުން ދެން އެ ޕްރައިމަރީގައި ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވީ ސިނާން ކަމަށް ވިޔަސް އޭނާ ވަނީ ޓިކެޓު ދޫކޮށްލައި ސައީދަށް ތާއީދު ކުރައްވަން ނިންމައިފަ އެވެ.
ޕީއެންސީގެ ލީޑަޝިޕުން މިއަދުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ، ސިނާނަކީ ޕީއެންސީގެ ޒަމާންވީ މެމްބަރެއް ކަމަށާއި އޭނާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށެވެ.
އެކަމަކު އެ ގޮނޑި އަށް ވާދަނުކުރުމަށް ސިނާން ނިންމެވި ނިންމެވުމަކީ އަމިއްލަ ނިންމެވުމެއް ކަމަށް ވިދާޅުވި އެވެ. އޭނާއާ ޕްރައިމަރީގައި ވާދަކުރެއްވި ސައީދަކީ ވެސް ގާތް ރައްޓެއްސަކަށް ވެފައި އަދި އާއިލާއާ އެކު ވަގުތު ހޭދަކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެ، ސިނާން އެ ގޮނޑިއަށް ވާދަނުކުރައްވަން ނިންމީ ކަމަށް ފަލާހު ވިދާޅުވެ އެވެ.
އެ ނިންމުމަކީ ޕާޓީގެ ނިންމުމެއް ނޫން ކަމަށް ފަލާހު ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ޕާޓީގެ ނިންމުމެއް ނޫން. ޕާޓީން ވަކި ގޮތެއް ނިންމަން ބޭނުންވާ ނަމަ ހުރިހާ ބޭފުޅުންނަށް ވެސް އެނގޭނެ ޕްރައިމަރީއެއް ނުބާއްވާނެކަން. ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް އިހުތިޔާރު އޮވޭ އެ ތަނެއްގައި ޕްރައިމަރީ ބޭއްވުމާއި ނުބޭއްވުން،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި، ޕީއެންސީ އަށް އެ ގޮނޑި ކާމިޔާބު ކުރުމަށް ސިނާނާއި އޭނާގެ ސަޕޯޓަރުން ވެސް މާލޭގައި ކުރިއަށްދާ ޑޯ ޓު ޑޯ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި ކެމްޕެއިނުގައި އެންމެ އިސް ރޯލެއް އަދާކުރަނީ ސިނާނާއި އޭނާގެ ޓީމުން ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ބައިބައިވުމެއް ނެތް ކަމަށް ވިދާޅުވެ ފަލާހު ވަނީ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.
ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، އެ ޕާޓީގެ އެންމެ ބޮޑު އަމާޒެއް މިވަގުތު އޮތީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކަމަށެވެ. އެ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް އިންތިހާބު ނެގޭނެ ކަމުގެ ބޮޑު އުއްމީދެއް އޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އެކަމަށްޓަކާ ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ޕާޓީން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މިހާރު މި ކުރެވެމުންދާ މަސައްކަތްތަކުހގެ އަލީގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުއްމީދެެއް ﷲގެ އިރާދަފުޅުން އެބައޮތް މި އިންތިހާބު ވަރަށް ރަނގަޅަށް ކާމިޔާބު ކުރެވޭނެކަން،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވަނީ އެ ގޮނޑި ކާމިޔާބު ކުރުމަށް އައްޑޫގެ ޕީއެންސީ މެމްބަރުން ކުރަމުން އަންނަ މަސައްކަތްތައް އުފަލާ އެކު ބަލައިގަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހއ. އިހަވަންދޫ ކައުންސިލަށް ހޮވުނު މެމްބަރަކާއި އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަށް ހޮވުނު މީހަކު ވެސް ޕީއެންސީއަށް ސޮއިކޮށްފަ އެވެ. އެ ދެ މެމްބަރުންނަކީ ވެސް އަމިއްލަ ގޮތުން ހޮވުނު ދެ މެމްބަރުންނެވެ.
ސިނާން ޓިކެޓު ދޫކޮށްލީ އާއިލާއަށް ވަގުތު ދޭން، ގޮނޑި ކާމިޔާބު ވާނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ