މަނާ ލިސްޓުން އުނިކޮށް، އޭޑީއެޗްޑީ ބޭހަށް ހުއްދަ ދީފި

އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ މީހުންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ 'މިތައިލްފެނިޑޭޓް' ރާއްޖެ އެތެރެ ކުރަން ހުއްދަ ދީ، އެ ބޭސް ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މީގެ ކުރިން ރާއްޖެ އެތެރެ ކުރުން މަނާ މި ބޭހަށް ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ރުހުން ދީފަ އެވެ.
ތަފްސީލް - އެއާއެކު، ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ މި ބޭސް ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށިކަން ގަރާރަކުން ކަނޑައަޅުއްވާފަ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މިގޮތަށް ނިންމެވީ ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅާފައިވާ ލަފަޔާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހު އެވެ.
ކުރިން މަސްތުވާތަކެތީގެ ލިސްޓުގައި އޮތް މިތައިލްފެނިޑޭޓް އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެތީގެ ލިސްޓަށް އިތުރުކުރުމަށް މަޖިލީހުން ރުހުން ދީފައިވާކަން ރައީސް އޮފީހުން ފާހަގަކުރި އެވެ.
އޭޑީއެޗްޑީ ހުންނަ މީހުންގެ ފަރުވާއަށް މުހިއްމު މި ބޭސް މަނާކޮށްފައި އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ސިޓީއަކުން އެކަން ރައީސްގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.
އޭގެ ކުރިން މިދިޔަ އަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މި ބޭސް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުގައި އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ