ކުނި މެނޭޖްކުރަން ކައުންސިލްތަކަށް ލާޒިމްވާ ގޮތަށް ގާނޫނު އިސްލާހުކުރަނީ

ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދޭން ސިޓީތަކާއި ކައުންސިލްތަކަށް ލާޒިމް ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސްކޮށް އަދި ބަލައިގަންނަން ވެސް ފާސް ކޮށްފަ އެވެ. އެ ބިލު ފާސް ކުރީ 44 މެމްބަރުންގެ ވޯޓުންނެވެ.
އެ ބިލުގައި އިސްލާހު ހުށަހަޅާފައި އޮތީ މައިގަނޑު ދެ ކަމަކަށެވެ. އެއް ކަމަކީ ކައުންސިލްތަކުން ދޭން ޖެހޭ ހިދުމަތްތައް ބަޔާން ކޮށްފައިވާ މާއްދާ އަށް "ކުނި މެނޭޖް ކުރުން" ހިމެނުމެވެ.
އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލްތަކުން ދޭން ޖެހެނީ ކަރަންޓާއި ފެނުގެ ހިދުމަތާއި ފާހާނާ އާއި ނަރުދަމާގެ ހިދުމަތެވެ.
ދެވަނަ ކަމަކަށް ބިލުގައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިދާރީ މުވައްޒަފުންނަކީ ސިވިލްސާވަންޓުންނަށް ހެދުމެވެ. މިވަގުތު އެ މުވައްޒަފުންނަކީ އެ އޮތޯރިޓީގެ ބޯޑުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ