ނަރުހުންނަކީ ދެމެހެއްޓެނިވި ޞިއްޙީ ފަރުވާގެ ނިޒާމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނަރުހުންނަކީ ބަލި މީހުންނަށް ފަރުވާ ދިނުމާއި ބަލިން ރައްކާތެރި އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ދުނިޔެއަށް ދިމާވާ ގޮންޖެހުންތައް އިތުރުވަމުންއަންނައިރު ނަރުހުންގެ ދައުރު ކުރިއަށްވުރެ މުހިންމުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ނަރުހުންނަކީ ދެމެހެއްޓެނިވި ޞިއްޙީ ނިޒާމެއްގެ ބިންގާ ކަމަށެވެ. އަދި ނަރުހުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދީ އެ ދާއިރާގައި މަސައްކަތް ކުރާ ވަކިވަކި ނަރުހުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، ލިބޭ އިނާޢަތްތައް އިތުރުކުރުމާއި ސިޔާސަތުތައް ހަރުދަނާކޮށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މީގެ ސަބަބުން ހަރުދަނާ ޞިއްޙީ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމަށް ނަރުހުން ކޮށްދެއްވާ އަގުހުރި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12ވަނަ ދުވަހުއެވެ.
ނަރުހުންނަކީ ދެމެހެއްޓެނިވި ޞިއްޙީ ފަރުވާގެ ބިންގާ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ