ގެދޮރުވެރިޔާ ފްލެޓް ލިބުނު 450 މީހުންގެ އަތުން ފްލެޓް އަތުލައިފި

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިސްޓުގައި ހިމެނި 450 މީހެއްގެ ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅައި ފްލެޓްތައް އަތުލައިފި އެވެ. 
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ ފްލެޓްތައް އަތުލުމަށް ފަހު ހައްގުވެރި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. 
"އަދިވެސް އެބަހުރި ބައެއް ކޭސްތައް އެއްކޮށް ނުނިމޭ. ނަމަވެސް އަޅުގަނޑު ހަނދާންވަނީ ސީދާ އަދަދެއް [ނޭނގެ]. [ހަނދާން ވަނީ] 460 ކޮންމެވެސް ވަރެކޭ. މިދެންނެވިހެން އެއްކޮށް މުޅިން ނުނިމޭތީވެ، ބައެއް މަދު ކޭސްތައް އަދިވެސް އެބަހުރި ގޮތެއް ނުނިމި. އެހެންވީމަ 450 އެހާކަށްވަރުގެ އެޕްލިކޭޝަންތައް ވާނީ ބާތިލުކުރެވިފައި،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިން ކޮޓަރިއަށް ޝަރުތު ހަމަނުވެ އެ ތަންތަން ލިބިފައި ހުރުމުން އެ ފްލެޓުތައް އެ މީހުންގެ އަތުން ނަގައި ޝަރުތު ހަމަވާ މީހުންނަށް ދީފައިވާނެ ކަމަށެވެ. އަދި ތިން ކޮޓަރި ލިބިފައި ހުރި އެ މީހުންނަށް ދެ ކޮޓަރީގެ ފްލެޓުތަކަށް ބަދަލުކުރުން ފަދަ ގޮތްތަކެއް ހަމަޖައްސާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ފްލެޓްގެ ހައްގުވެރިން ކަނޑައަޅާފައި ވަނިކޮށް، މި ސަރުކާރުން ވަނީ ލިސްޓު މުރާޖައާ ކުރަން ނިންމައިފަ އެވެ. ކޮމިޓީއަކުން އާ ލިސްޓެއް ހެދި ނަމަވެސް، އަނެއްކާވެސް އެންމެ ފުރަތަމަ އެކުލަވާލި ލިސްޓަށް އަމަލުކުރަން ފަހުން ނިންމި އެވެ. 
ލިސްޓުގައި ތިބި މީހުންގެ އަތުން ފްލެޓް އަތުލާފައި މި ވަނީ އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށް ފަހި ޔޫނިއަނުން ބުނެފައި ވަނިކޮށެެވެ. ފްލެޓް ލިބުނު މީހުންގެ ހައްގުގައި ވަކާލާތު ކުރާ އެ ޖަމިއްޔާއިން ބުނީ އެއްބަސްވުން ހަދާފައި ވާތީ ފްލެޓް އަތުލަން ޖެހޭނީ ކޯޓަށް ގޮސްގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ