2 ނޫސްވެރިންގެ ޝަރީއަތް މާދަމާ ފަށަނީ
އަދަދު ނޫހުގެ ދެ ނޫސްވެރިންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން މިއަދު ތާވަލުކޮށްފިއެވެ. މިއީ އެ ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއަކާ ގުޅޭ މައްސަލައެކެވެ. އެ މައްސަަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ އާދިއްތަ ދުވަހެވެ. ދެ ނޫސްވެރިންގެ ޕާސްޕޯޓު ވެސް ވަނީ އަންނަ ޖުލައި 26ގެ ނިޔަލަށް ހިފަހައްޓާފައެވެ. އެ މައްސަލައިގައި ދެ ނޫސްވެރިންގެ ޝަރީއަތް މާދަމާ ފަށަން ނިންމައި، ކޯޓަށް ހާޒިރުވާން ޗިޓު ވަނީ ފޮނުވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ވަކި ގޮތަކަށް އަމަލުކުރުން މަނާކޮށް ކޯޓު އަމުރެއް ވެސް ނެރެފައެވެ. އެ ގޮތުން، އެ އަމުރުގައި ވަނީ އަދަދު ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމަންޓްރީ އާންމު ނުކުރަން އެންމެންގެ މައްޗަށް އަމުރުކޮށްފައެވެ. އަދި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެ ޑޮކިއުމަންޓްރީގެ ވާހަކަ ނުދައްކަން ވަނީ އަމުރުކޮށްފައެވެ. https://sun.mv/221851 މީގެ އިތުރުން، މައްސަލައާ ގުޅޭ ލިޔުންތަކާއި ޝަރީއަތާ ގުޅޭ މައުލޫމާތުތަކުގެ އިތުރުން މައްސަލައިގެ ހަސްމުންނާ ގުޅޭ ވާހަކައެއް ދެއްކުން ވެސް ވަނީ މަނާކޮށްފައެވެ. އެހެންވެ، އެ ފަދަ ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ. އެ އަމުރާ ޚިލާފުވެގެން މިއަދު އިތުރު ދެ ނޫސްވެރިއަކު ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމާފައިވެއެވެ. އެއީ، އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހްޒާނެވެ. ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދުގެ ނޫސްވެރިން ނުވައްދަން ވެސް އެ އޮފީހުން ވަނީ ނިންމާފައެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަދަދު ނޫޙަށް ވަދެފައެވެ. އެ ނޫހުން ގިނަ އަދަދެއްގެ ލެޕްޓޮޕާއި ހާޑް ޑްރައިވް ގެންދިޔައެވެ. އެ ތަކެތީގެ ޕާސްވޯޑް ދޭން ވެސް ކޯޓުން މީގެ ކުރިން އަމުރުކޮށްފައިވެއެވެ. އެކަމަކު، މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން އަދަދު ނޫހުން ނިންމީ އެ ތަކެތީގެ ޕާސްވޯޑު ނުދޭށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ