ފިޔާޒާއި ހަސަނުގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

ރައީސް މުހައްމަދު މުއިއްޒު ގަފުޒުުކުރިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެ ނޫހުގެ ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އަންނަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.
ވީކިހިނެއް؟ - ފިޔާޒާއި ހަސަނުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލަނީ މިދިޔަ 28 މާޗުގައި އެ ނޫހުން ގެެނެސްދިިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގަ އެވެ. އެގޮތުން:
އެ ޑޮކިއުމަންޓަރީގައި ކާކުކަން ނޭނގޭ ގޮތަށް އިންޓަވިއު ދިނީ ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި މުވައްޒަފެއް ކަމަށް ބުނާ އަންހެނެއް
އެ އަންހެން މީހާ ވަނީ ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށްފައި
ތަފްސީލް - ކްރިމިނަލް ކޯޓުން ފިޔާޒާއި ހަސަނަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އޮތީ ބުދަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރެވެ. އެގޮތުން:
ޗިޓު ފޮނުވާފައިވަނީ ކްރިމިނަލް ކޯޓުގެ ބީ1 ސެކްޝަނުން
ކޯޓުގެ ބީ1 ސެކްޝަަނަކީ ގާޒީ އިބްރާހީމް ޒިހުނީގެ ސެކްޝަން
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ. 
ފާހަގަކޮށްލެވޭ - ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު މި މައްސަލާގައި ޕީޖީ އޮފީހުން ވަނީ 'ގެގް އޯޑަރެއް' ވެސް ނެރެފަ އެވެ. އެ ގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ: 
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން 
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށް
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ